ފިލިޕީންސްގައި އެކްސިޑެންޓުވި ދަރިވަރުގެ ހާލު ސީރިއަސް

ފިލިޕީންސްގައި އެކްސިޑެންޓުވި ދިވެހި ދަރިވަރު ލުހެއިމް މުހައްމަދު އިސްމާއިލް -- ފޮޓޯ/ ފޭސްބުކް

ފިލިޕީންސްގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު އެކްސިޑެންޓުވެ، ހާލު ސީރިއަސްވެއްޖެއެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ފުވައްމުލަކު، ލުހެއިމް މުހައްމަދު އިސްމާއިލް، 21، އަށެވެ.

ފުވައްމުލަކު ކައުންސިލްގެ މެމްބަރު މުހައްމަދު ފިކުރީ "ސަން"އަށް ވިދާޅުވީ ލުހެއިމް އަންނަނީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ކޯހެއް ފުރިހަމަ ކުރަމުން ކަމަށެވެ.

އޭނާ ވިދާޅުވީ ފިލިޕީންސްގެ ސެބޫގައި އެ ޒުވާނާ އެކްސިޑެންޓް ވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށެވެ. އަދި އެކްސިޑެންޓްވީ އޭނާ ދުއްވާފައި ދިޔަ ސައިކަލު އެހެން އުޅަނދެއްގައި ޖެހި، ވިއްސައިގެން ގޮސް ރޯޑް ލައިޓެއްގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި ލުހެއިމްގެ ދެފައި ބިންދައިގެން ގޮސް، ބޮލަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވި ގޮތުގައި ޒުވާނާގެ ފުރާނަ ސަލާމަތް ކުރުމަށް މިއަދު ވެސް ފިލިޕީންސްގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ލުހެއިމްގެ މައިންބަފައިންނާއި އާއިލާގެ އިތުރު މެމްބަރުން މިހާރު ވަނީ ފިލިޕީންސްއަށް ގޮސްފައެވެ.

comment ކޮމެންޓް