އެސްއޯއީތަކަށް 36 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި

ބަޖެޓު ދިރާސާ ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ތިން މަހަށް އެސްއޯއީތަކަށް ފައިސާގެ އެހީތެރިކަން ދޭން ބަޖެޓުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ 36 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެސްއޯއީތަކަށް 406 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޚަރަދުކުރަން ބަޖެޓު ކުރީ 370.6 މިލިއަން ރުފިޔާއެވެ.

ފިނޭންސުގެ ރެކޯޑުތަކުގެ ދައްކާ ގޮތުގައި 2016 އިން ފެށިގެން މި އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާތްގަޑަކަށް އެވްރެޖްކޮށް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ. އެގޮތުން 2019 ވަނަ އަހަރު އެކަނި ވެސް 1.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެ މުއްދަތުގައި އެންމެ މަދުން ހަރަދުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.

ރާއްޖޭގެ ފައިނޭންޝަލް ރިވިއު އިން ދައްކާ ގޮތުން ރާއްޖޭގައި 32 ސަރުކާރު ހިއްސާވާ ކުންފުންޏެއް ހިންގައެވެ. އޭގެ ތެރެއިން 20 ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ވީއިރު، ފަސް ކުންފުންޏަކީ ޢާންމުންގެ ހިއްސާ ވެސް ހިމެނޭ ކުންފުނިތަކެވެ.

ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސެޓު ވެލިއުގެ ގޮތުން އެންމެ ބޮޑު ކުންފުންޏަކީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަންއެވެ. އެކަމަކު އެންމެ ބޮޑު ފައިދާއެއްގައި ހިންގާ ކުންފުންޏަކީ ދިރާގުއެވެ.

ސަރުކާރު ހިއްސާވާ 32 ކުންފުނި ރާއްޖޭގައި އޮންނައިރު، މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ ވަރަށް ބޮޑަށް ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ.

comment ކޮމެންޓް