ސަޕޯޓަރުން ބުނަނީ ޝާހްރުކް ޚާންގެ މިފޮޓޯއިން ފެންނަނީ އާރްޔަން ކަމަށް

އިންޑިއާގެ މުމްބާއިގައި ރޭ ބޭއްވި، ނީތާ މުކޭޝް އަމްބާނީގެ ކަލްޗަރަލް ސެންޓާ ލޯންޗުކުރުމުގެ ހަފުލާގައި ބައިވެރިވުމުގެ ކުރިން ޝާހްރުކް ޚާން ސަޕޯޓަރުންނާ ހިއްސާކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.

ފިލްމު "ޕަތާން"ގެ އެކްޓަރު ޝާހު ކަޅުކުލައިގެ ސޫޓަކާއެކު ފެންނަ މިފޮޓޯ ޕޯސްޓުކުރުމާއެކު ސަޕޯޓަރުން ބުނެފައިވަނީ އެމީހުންނަށް އެންމެ ފުރަތަމަ ހީކުރެވުނީ އެއީ ދޮށީ ދަރިފުޅު އާރްޔަންގެ ފޮޓޯއެއްކަމަށެވެ.

ޝާހްރުކްގެ މެނޭޖަރު ޕޫޖާ ދަދްލާނީ ޕޯސްޓުކުރި މިފޮޓޯ ސަޕޯޓަރުންގެ ސަމާލުކަން ހޯދިއިރު މީގެކުރިންވެސް އާރްޔަންއާއި ޝާހްރުކް ޚާން ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެހެން ފިލްމީ ތަރިންނާ ޚިލާފަށް ޝާހްރުކްވަނީ މިއިވެންޓުގެ މައި ހަފުލާ ފެށުމުގެ ކުރިން ހަފުލާއަށް ހާޒިރުވުމަށްފަހު އެހެން ފިލްމީ ތަރިން އައުމުގެ ކުރިން މައި ހަފުލާދޫކޮށް ގޮސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިހަފުލާގެ ފޮޓޯތަކުން ޝާހްރުކް ޚާން ފެނިފައިނުވުމުގެ ސަބަބަކީ މިއީއެވެ. ނަމަވެސް ޝާހުގެ އާއިލާގެ އެހެން މެމްބަރުންވަނީ ކަލްޗަރަލް ސެންޓަރު ލޯންޗުކުރި ހަފުލާގައި ބައިވެރިވެފައެވެ.

ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން އާރްޔަންއާއި ސުހާނާވަނީ ފިލްމީ ދުނިޔެއަށް ތައާރަފުވުމުގެ މަރުހަލާ ފަށާފައެވެ. އެގޮތުން ސުހާނާ ޚާން ވަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ އުފެއްދުމެއް ކަމަށްވާ "އާޗީސް"ގެ ނެޓްފްލިކްސް ފިލްމަށް ސޮއިކޮށްފައެވެ.

މި ފިލްމު ޕޯސްޓް ޕްރޮޑަކްޝަންގެ މަރުހަލާގައިއޮތްއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ކަށަވަރުނުވެއެވެ. ސުހާނާ ޚާން އެކްޓިންއަށް ޝައުގުވެރިކަން އުފެދުނުއިރު އާރްޔަން ހިޔާރުކޮށްފައިވަނީ ކެމެރާގެ ފަހަތުގައި މަސައްކަތްކުރުމަށެވެ. އާރްޔަންގެ ލިޔުންތެރިކަމުގެ ހުނަރު ހިއްސާކުރާ ފުރަތަމަ ސްކްރިޕްޓް ތައްޔާރުކޮށް ނިމިފައިވާއިރު މިސްކްރިޕްޓްގެ މައްޗަށް ބިނާކޮށް ވަރަށް އަވަހަށް ފިލްމެއް އުފައްދަންވަނީ ނިންމާފައެވެ.

comment ކޮމެންޓް