ރަޔާން: ޗުއްޓީން އުފެދުނު ޝައުގުވެރިކަމުން ތަރިއަކަށް

ރަޔާން ކޮރިކެޓް ކުޅެނީ --

ގިނަ ދިވެހިންނެކޭ އެއްގޮތަށް މުޙައްމަދު ރަޔާން ތޮލާލް،17 ވެސް ސްކޫލު ބަންދުގައި ޗުއްޓީ ހޭދަކުރުމަށް އާއިލާއާއެކު އިންޑިއާއަށް ގޮސް އުޅެއެވެ. މިއަދު އެއީ އޭނާ އެންމެ ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތަކެވެ. އިންޑިއާއިން ފެނުނު ކަންކަމުން އޭނާގެ މުސްތަގުބަލަށް އެއްވެސް އަސަރެއް ކޮށްފާނެކަމަށް އޭނާގެ މައިންބަފައިންނަށް ކުޑަކޮށް ވެސް ގަބޫލު ކުރެވިފައެއް ނުވެއެވެ.

އިންޑިއާގެ އެ އުފާވެރިކަމާއި މަޖަލުގެ ތެރެއިން ނޭންގި ނަމަވެސް ރަޔާންގެ ޝައުގުވެރިކަން އަތުލީ އެ ގައުމުގައި އެންމެ ފޯރިއާއެކު ކުޅޭ ކްރިކެޓެވެ. އެ ޝައުގުވެރިކަމުގައި ފައިތިލަ ސާބިތުކޮށް މިއަދު ރަޔާންއަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓު ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ހުނަރުވެރި ކުއްޖެކެވެ. އިންޑިއާއިން އުފެދުނު ޝައުގުވެރިކަމެއްގައި މިއަދު އޭނާ ތަމްސީލު ކުރަނީ ރާއްޖެއެވެ.

ކުޅެން ފެށުމާއެކު އެންމެންގެ ތައުރީފު

އިންޑިއާގައި ހޭދަކުރެވުނު ދުވަސްތަކުގައި ކްރިކެޓް ކުޅޭތަން އޭނާއަށް ފެނުނެވެ. ދަނޑުމަތިން ފެންނަ މަންޒަރު ހިތުގައި ބިންވަޅު ނެގިފައި ވިނަމަވެސް އެ ހިސާބުން އަދި ދަނޑަށް ނުކުމެ ކުޅޭކަށް ނުފެށުނެވެ. އެ ޝައުގުވެރިކަން ހިތުގެ އެންމެ އަޑީގައި ފޮރުވުމަށް ފަހު އޭނާ އައީ ރާއްޖެއަށެވެ.

"ދެން ރަޔާން އެމެރިކާއިން ބޭސްބޯލް ކުޅެފަ ރާއްޖެ އައީ. ދެން ބޭސްބޯލް އާ އެންމެ ގާތް ކުޅިވަރަކަށް އޮތީ ކްރިކެޓު. އެހިސާބުން އަންކަލް ކްރިކެޓަށް އިންޓްރޮޑިއުސް ކޮށްދިނީމަ ޝައުގުވެރިކަމާއެކު ކުޅެން ފެށުނީ،" ކްރިކެޓުގައި މިއަދު ކާމިޔާބު ކުޅުންތެރިއަކަށް ވީގޮތް ފޯނުން ކިޔައިދެމުން ރަޔާން ބުންޏެވެ.

ކްރިކެޓު ދަނޑަށް ނުކުމެ އަތަށް ބޯޅަ ހެޔޮވަރު ކޮށްލިއިރު ރަޔާންގެ އުމުރުން އެންމެ 11 އަހަރެވެ. އޭނާ އެންމެ ފުރަތަމަ ވާދަކުރަން ފެށީ އިންޓަ ސްކޫލު ކްރިކެޓު މުބާރާތުގައެވެ. އެއަށް ފަހު ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ހޯދި ކާމިޔާބީއަށް ފަހު 2020ވަނަ އަހަރު ގައުމީ ޓީމުން އޭނާއަށް ޖާގަ ލިބުނެވެ.

ރަޔާންގެ ޓީމާއެކު --

ގިނަ މެޗުތަކެއް ރަޔާންގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅެފައި ވާއިރު، އޭނާ ވަނީ ފާހަގަކުރެވޭ ކާމިޔާބީތަކެއް ވެސް ޓީމަށް ހޯދައިދީފައެވެ.

"ނެޝަނަލް ޓީމަށް ކުޅުން އެންމެ ފުރަތަމަ މެޗުގަ ވެސް ފަސް ވިކެޓް ހޯދައިދިނިން،" ރަޔާން ބުންޏެވެ.

"އެންމެ ފާހަގަކުރެވޭ ކާމިޔާބީ އަކީ އުމުރުން ގާތްގަނޑަކަށް 13 އަހަރު ދިޔައީ 18 އަހަރުން ދަށުގެ ޓީމާއެކު ދުބާއީގަ އިންޓަނޭޝަނަލް ކްރިކެޓް ކޯޕަރޭޝަން މުބާރާތެއްގަ ކުޅެން. އެ މުބާރާތުން ދެވަނައަށް އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިޔާކަން ލިބުން،"

ގިނަ ގޮންޖެހުންތަކެއް ގިރާކޮށްފި، އެންމެ ބޭނުން ވަނީ ރާއްޖެއަށް މެޑަލް އެއް ގެންނަން

ކްރިކެޓުގައި ކާމިޔާބު ކުޅުންތެރިއަކަށް ވުމަށް ރަޔާން ވަނީ ގިނަ ގޮންޖެހުންތަކެއް ގިރާކޮށްފައެވެ. އެގޮތުން އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާ ވުމުގެ ސަބަބުން ރަނގަޅު ފޯމެއްގައި ނުކުޅެވުމެވެ.

ކްރިކެޓު ކުޅުމުގެ ތެރެއިން ރަޔާންގެ އިނގިއްޔެއް ބިންދައިގެން ދިޔައެވެ. ނަމަވެސް އެ އަނިޔާއާ އެކު ވެސް ހިތްވަރުކޮށް އިނގިލި ރަނގަޅު ވަންދެން ވެސް ރަޔާން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

"ފަހުން އަނެއްކާ އެ އިނގިލި ޑިސްލޮކޭޓް ވީ. ދެން ނުކުޅެވި ހުރެފަ އަނެއްކާ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރީ. ކޮވިޑްއާ ހެދި ވެސް ވަރަށް ގިނަ ދުވަހު ކުޅުމާ ދުރުގަ ހުންނަން ޖެހުނު،" ރަޔާން ބުންޏެވެ.

ރަޔާން ކރިކެޓް ކުޅެނީ --

މިކަންކަމުގެ ސަބަބުން ކުޅުމަށް ނަފްސާނީ ގޮތުން ވެސް ނުރަނގަޅު އަސަރެއް ކުރާކަން ރަޔާން ފާހަގަކުރިއެވެ. ނަމަވެސް، މި ގޮންޖެހުންތައް ހުރަސްކޮށް އޭނާ މިއަދު އެ ނުކުތީ އެއަށް ވުރެ ވަރުގަދަ އަޒުމަކާ ހިތްވަރަކާ އެކުއެވެ.

އެ ހިތްވަރުގައި އޭނާ ބޭނުންވަނީ ރާއްޖެއަށް ރަން މެޑަލްއެއް ގެނައުމަށެވެ.

"ރަޔާން އެންމެ ބޭނުން ވަނީ ރަޔާންގެ ކެޕްޓަން ކަމުގަ ރާއްޖެއަށް ޓްރޮފީއެއް ގެނައުމަށް. ރަޔާން މަސައްކަތް ކުރަނީ ވެސް އެކަމަށް،" އޭނާ ބުންޏެވެ.

އެކުގައި ޓީމުގައި ކުޅޭ ކުދިންނަށް ވެސް އޭނާ އެކަމަށް ހިތްވަރު ދޭން ބޭނުންވެއެވެ. އެގޮތުން ޓީމުގެ ކުދިންނަށް ރަޔާން ދޭ ނަސޭހަތަކީ، ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ އަމާޒަށް ވާސިލްވާނެކަމެވެ.

"ރާއްޖެއަށް ކްރިކެޓުން ޓްރޮފީއެއް ނުލިބޭތާ ވަރަށް ދުވަސް ވެއްޖެ. އެކަމު އެއީ ނުވާނެ ކަމެއް ނޫން،" ރަޔާން ބުންޏެވެ.

"ރަޔާން އަކީ ފާހަގަ ކޮށްލެވޭ މޮޅު ކުއްޖެއް، ރާއްޖޭގައި މިކަހަލަ ކުދިންނަށް ފުރުސަތު މުހިންމު،"

ރަޔާންގެ ކުޅުމާ ގުޅޭ ގޮތުން ރަޔާންގެ ކޯޗް، އިސްމާއީލް ނިހާދުގެ ވެސް ކުރީ މުޅިންވެސް ތައުރީފެވެ. އޭނާ ބުނިގޮތުގައި ރަޔާންގެ މުސަތްގުބަލު ކްރިކެޓުގައި ފެންނަނީ ވަރަށް އުޖާލާކޮށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ގައުމީ ޓީމުގައި ވެސް ކެޕްޓަންކަން ކުރުމުގެ ގާބިލުކަން ރަޔާންގެ އެބަހުރިކަން ކޯޗު ފާހަގަކުރިއެވެ.

އޭނާ ބުނިގޮތުގައި ރަޔާންމެން ފަދަ ހުނަރުން ފުރިގެންވާ ކުދިންނަށް ގިނަ ފުރުސަތުތައް ފަހި ކޮށްދޭންޖެހެއެވެ. އަދި ރަނގަޅު ފުރުސަތުތަކެއް ފަހިވެފައި ވާނަމަ އެކުދިންނަކީ މިހާރަށް ވުރެ މޮޅެތި ކުދިންނަށް ވާނެކަން އޭނާ ފާހަގަ ކުރިއެވެ.

ރަޔާން --

"ރަޔާން އަކީ ވަރަށް ރަނގަޅު ލީޑަރެއް. ޓީމް ގޮވައިގެން މަސައްކަތް ކުރާ ހުރިހާ ކުދިންނާ ވެސް ޑީލް ކުރަން އެނގޭ ކުއްޖެއް އޭނަ އަކީ،" ނިހާދު ބުންޏެވެ.

ކްރިކެޓުގެ އިތުރުން ކިޔެވުމުގައި ވެސް އެއްވަނަ

ރަޔާންގެ ކާމިޔާބީ އަކީ ހަމަ އެކަނި އޭނާ ކްރިކެޓުން ހޯދާ ކާމިޔާބީއެއް ނޫނެވެ. ކިޔެވުމުގައި ވެސް އޭނާއަކީ ހަމަ އެއްވަނައެވެ. އެހެންކަމުން ކްރިކެޓުގެ ކާމިޔާބީގެ ވާހަކަ ދައްކާ މި ވާހަކަ ނިންމާލެވޭކަން ނެތެވެ. ކިޔެވުމަކީ ވެސް އޭނާ ޝައުގުވެރިކަމާ އެކު ވަގުތުދީގެން ކުރާ ކަމެކެވެ. ކިޔެވުމުގައި ހޭދަކުރި ބުރަ ދުވަސްތަކުގެ ނަތީޖާ ރަޔާންއަށް ވަރަށް ވެސް ފޮންޏެވެ. ވަރަށް އުފާވެރިއެވެ.

މިހާރު ސީއެޗްއެސްސީން ގްރޭޑު އެގާރާގައި ތައުލީމު ހާސިލްކުރަމުންދާ ރަޔާން ވަނީ އޯލެވެލްގައި ރާއްޖޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އޯލެވެލްގައި ޓޮޕް 10ގެ ތިންވަނަ ހާސިލްކޮށްފައެވެ. އަދި މުޅި ސްކޫލުން ސިލްވާ ސްޓާ ހާސިލްކޮށްފައެވެ.

މި ކާމިޔާބީއަށް އޭނާ މަސައްކަތްކުރީ ވަކި ތާވަލެއްގެ ތެރެއިންނެވެ. އެގޮތުން ޕްރެކްޓިސްތަކާއި ޓިއުޝަން ގަޑިތަކަށް ފުށު ނާރާނެފަދަ ގޮތަކަށް އޭނާ ތާވަލެއް ރާވައެވެ.

"ވަރަށް ވަރުބަލި ވެސްވޭ. އެކަމު ހަމަ ޝެޑިއުލްއާ އެއްގޮތަށް ވޯކް ކުރަނީ،" ރަޔާން ބުންޏެވެ.

އެންމެ ހާއްސަ ޝުކުރެއް މަންމަ އާއި ބައްޕައަށް

ރަޔާންގެ ކާމިޔާބީގެ ފަހަތުގައި ޝުކުރުގެ ދިގު ލިސްޓެއް އެބަ އޮތެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކާމިޔާބީގައި ގިނަ ބައެއްގެ ހިތްވަރު ބޭނުންވެއެވެ.

އެހެންކަމުން އޭނާގެ ޝުކުރުގެ ލިސްޓުގައި އެންމެ ފުރަތަމަވަނީ އޭނާގެ މަންމަ އާއި ބައްޕަގެ ނަމެވެ.

"ދެން ޓިމްމޭޓްސް އާ ކޯޗަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ. ރަޔާން އަށް ކާމިޔާބީ ހާސިލްކޮށްދޭން މަސައްކަތް ކޮށްދިން ހުރިހާ ޓީޗަރުންނަށް ވެސް،" އޭނާ ބުންޏެވެ.

ރަޔާންގެ ކާމިޔާބީއަކީ، މަސައްކަޔް ކޮށްފިނަމަ ހުރިހާ ކަމެއް ވެސް ކާމިޔާބުވާނެ ކަމުގެ އަލިގަދަ ހެއްކެވެ. އަދި ރަޔާންއަކީ ކާމިޔާބީއަށް އެދި މަސައްކަތްކުރާ އެންމެންނަށް ނަމޫނާއެކެވެ.

comment ކޮމެންޓް