އައިޝްވާރްޔާ ރާއީގެ ފިލްމު ''ޕީއެސް 2''ގެ ޓްރެއިލާ ރިލީޒްކޮށްފި

ބަތަލާ އައިޝްވާރްޔާ މުހިއްމު ރޯލްއިން ފެނިފައިވާ ތަމަޅަ ފިލްމު "ޕީއެސް2" (ޕޮނިޔިން ސެލްވަން 2)ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

މަނީ ރަތްނަމްގެ ކާމިޔާބު ފިލްމު "ޕޮނިޔިން ސެލްވަން 1"ގެ ދެވަނަ ބައި ޢާއްމުންނަށް ދައްކާލާފައިވާއިރު މި ފިލްމު ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ ކުރިޔަށްއޮތް އޭޕްރިލް 28ގައެވެ. އިންޑިއާގެ ޗެންނާއީގައި ކުރިޔަށްދިޔަ ޓްރެއިލާ ރިލީޒްކުރި އިވެންޓުގައި ޢާއްމުންނަށް ފިލްމުގެ ޓްރެއިލާ ދައްކާލީ މަޝްހޫރު އެކްޓަރު ކަމަލް ޙަސަންއެވެ.

ވަރަށް ތާރީޚީ ރަސްކަމެއްގެ ވާހަކަ ކިޔައިދޭ މިއެޑްވެންޗާ ފިލްމަކީ މިދިޔަ އަހަރު ރިލީޒްވި ފިލްމުތަކުގެތެރެއިން އެންމެ ރަގަޅު ވިޔަފާރިއެއް ބޮކްސް އޮފީހުގައި ހޯދި އެއްފިލްމެވެ. އަދި މިއީ ގިނަ ދުވަސްތަކަކަށްފަހު ބަތަލާ އައިޝްވާރްޔާ ބެލުންތެރިންނަށް ފެނިގެންދިޔަ ފިލްމުވެސްމެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ މިސީކުއަލްގެ ހުރިހާ ކެރެކްޓާއިންވެސް ފިލްމުގެ ބޮޑު ބަޔަކުން ފެންނައިރު ބަތަލާ އައިޝްވާރްޔާ ކާސްޓުގައި ހިމެނުމުން ބެލުންތެރިންގެ ސަމާލުކަން މާބޮޑަށްވެސް މި ފިލްމަށް ވަނީ ލިބިފައެވެ. އައިޝްވާރްޔާ މިފަހަރުގެ ސީކުއަލްއިންވެސް ފެންނަނީ ނަންދިނީގެ ރޯލްއިންނެވެ.

އައިޝްވާރްޔާ ފިލްމުގައި ޑަބަލް ރޯލްއިން ފެންނައިރު މި ފިލްމުގެ ގިނަ ތަރިންނަކީ، ސައުތް ސިނަމާއަށް ނިސްބަތްވާ ތަރިންނެވެ. މީގެ ކުރިން ވެސް އައިޝްވާރްޔާ ރާއީ ވަނީ ތަމަޅަ ފިލްމުތަކުން ފެނިފައެވެ. އެހެންނަމަވެސް މަނީ ރަތްނަމްގެ މި ފިލްމަކީ، ބަތަލާ ތަމަޅަ ފިލްމު އިންޑަސްޓްރީއަށް އެނބުރިއައުން ފާހަގަކުރި ފިލްމުވެސްމެއެވެ.

އެކްޓަރު އަބީޝޭކް ބައްޗަންއާއި ކައިވެނިކޮށް އަލަތު ދަރިފުޅު އަރާދްޔާ ލިބުމާއެކު ބަތަލާ ވަނީ ފިލްމީ ދާއިރާއިން ދުރަށްޖެހިލުމަށްފަހު ހުރިހާ ވަގުތެއް އާއިލާއަށް ހާއްސަކޮށް ދަރިފުޅު އަރާދްޔާއަށް ހުސްކޮށްފައެވެ. ފިލްމު "ޖަޒްބާ"އިން ފިލްމީ ދާއިރާއަށް އެނބުރިއައުމަށްފަހު އައިޝްވާރްޔާ އޭގެފަހުން ފެނިފައިވަނީ ވަރަށް މަދު ފިލްމުތަކަކުންނެވެ. "ޕޮނީޔިން ސެލްވަން"ގެ ފިލްމުގެ އައިޝްވާރްޔާ ފެނިފައިވަނީ 2018ވަނަ އަހަރު ރިލީޒްކުރި ފިލްމު "ފަންނޭޚާން"އިންނެވެ.

comment ކޮމެންޓް