ޕްރަބާސްއާއި ކްރިތީގެ ފިލްމު ރިލީޒްކުރުން ޖޫން މަހު

ބަތަލާ ކްރިތީ ސެނޮންއާއި އެކްޓަރު ޕްރަބާސް އަދި ސަނީ ސިންގް މުހިއްމު ރޯލްއިން ފެނިގެންދާ ފިލްމު "އަދިޕުރުޝް"ގެ އާ ޕޯސްޓަރާއެކު ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ. މިއަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރާނެކަމަށް ކުރިން ނިންމި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުއެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމި ތާރީޚު ފަސްކުރެވުނީ ފިލްމުގެ ވީއެފްއެކްސްގެ ފެންވަރު ދަށްކަމަށް ޕްރޮޑަކްޝަން ޓީމަށް ފެނުމާ ގުޅިގެންނެވެ. މިހާރު ލޯބިވެރިންގެގޮތުގައި ގިނަބަޔަކު ސިފަކުރާ ބަތަލާ ކްރިތީއާއި ޕްރަބާސްގެ ފިލްމުގެ އާ ޕޯސްޓަރާއެކު ފިލްމު ރިލީޒްކުރުން ލަސްކުރެވުމާ ގުޅިގެން ދެކެވެމުންއައި ވާހަކަތަކަށް ވަނީ ނިމުމެއް އައިސްފައެވެ. ޖޫޏް މަހުގެ 16ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ މީތޮލޮޖިކަލް ފިލްމަކީ، ބޫޝަން ކުމާރު ޕްރޮޑިއުސްކޮށް އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ހިންދީ ބަހުގެ އިތުރަށް ތެލުގޫ،ތަމަޅަ،ކަންނާޑާ އަދި މަލަޔާލަމް ބަހުން މި ފިލްމު ރިލީޒް ކުރުމަށް ވަނީ ނިންމާފައެވެ.

ފިލްމުގެ ޓީޒާ ރިލީޒްވުމާއެކު ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުން ދިޔަ ފާޑުކިޔުންތަކުން މި ފިލްމަށް ބެލުންތެރިން އިންތާޒާރުކުރާ މިންވަރު ވަރަށް ބޮޑަށް ދޭހަވިކަމަށް ކްރިތީ ސެނޮން ވަނީ ބުނެފައެވެ. މި ފިލްމުގެ ނަތީޖާ ނިކުންނާނީ ކިހިނެތްކަމާމެދު ޕްރޮޑަކްޝަން ޓީމުން ނުވިސްނާކަމަށް ބުނަމުން ކްރިތީ ބުނެފައިވަނީ، ފިލްމުގައި ހިމެނޭ ކޮންމެ ކެރެކްޓާއަކުން ވެސް ދެއްކި ޕާފޮމެންސަށް އެ ތަރިން ފަޚުރުވެރިވާ ކަމުގައެވެ.

އެކްޓަރު ޕްރަބާސް އާއި ސަނީ ސިންގްގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން ތަޖުރިބާކާރު އެކްޓަރު ސައިފް ޢަލީ ޚާން ބެލުންތެރިންނާ ބައްދަލުކުރާނެއެވެ. މިއީ ސައިފް ޢަލީ ޚާންގެ ފިލްމެއް ސްކްރީނަށް ނާންނަތާ ގިނަ ސުވަސްތަކަކަށް ބެލުންތެރިންނަށް އެކްޓަރު ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

ދާދިފަހުން ފިލްމު "ޝެހެޒާދާ"އިން ފެނިގެންދިޔަ ބަތަލާ ކްރިތީއަކީ، މިވަގުތު ބޮލީވުޑް ފަތަހަކުރުމުގެ އިސް ސަފުގައި އެންމެ ހީވާގިކަމާއެކު މަސައްކަތްކުރާ އެއް ބަތަލާއެވެ. ފިލްމު "އަދި ޕުރުޝް"އަށްފަހު ބަތަލާ އެންމެ އަވަހަށް ފެނިގެންދާނީ އެކްޓަރު ޓައިގާ ޝްރޮފްއާއެކު ކުޅޭ ފިލްމު "ގަންޕަތް-ޕާޓް 1"އިންނެވެ.

comment ކޮމެންޓް