ލޮލަށް އަޅާ ހަތަރު ވައްތަރެއްގެ ބޭހަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިއްޖެ

މާލޭގެ ބޭސް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ބޭސްތައް --- ފޮޓޯ/ސަން ފައިލް

ލޮލަށް އަޅާ ހަތަރު ބޭހަކާ މެދު މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެ އޮތޯރިޓީން ސަމާލުވާން އެދިފައިވާ ހަތަރު ބޭހަކީ އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ކިޔާ ބޭހެކެވެ.

މި ހަތަރު ބޭހަކީވެސް އެމެރިކާގެ ކުންފުނިތަކަކުން އުފައްދާ ބޭސްތަކެކެވެ. މި ބޭސްތައް ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ގަބޫލުކުރެވޭތީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސްއެފްޑީއޭ) އިން ވަނީ އެ ބޭސްތަކަށް ސަމާލުވުމަށް އެލާޓްކޮށްފައެވެ.

އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވަނީ ލޮލަށް އެޅުމަށް ބޭނުންކުރާ މި ބޭސްތަކަކީ އިމްޕޯޓް ކުރުމާއި ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ބޭނުމަކަށް މި ބޭސްތައް އިމްޕޯޓްކޮށްފައި ހުރެދާނެތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޙާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލާ ފާސްކުރުން ކުރިއަށް ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

comment ކޮމެންޓް