ވެމްކޯއަށް ނުދައްކާހުރި ބިލްތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ

ވެމްކޯގެ މުވައްޒަފެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯގެ ކުނި ބިލު ސެޓްލްކޯގެ ބިލާ އެއްކޮށްލާއިރު، މިހާރު ވެމްކޯއަށް ނުދައްކާ ހުރި ބިލުތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ބިލު ކަރަންޓު ބިލުގައި ހިމަނަން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ވެމްކޯގެ ސީނިއާ މާކެޓިން އެންޑް ޕީއާރު އޮފިސަރު މުހައްމަދު މިއުސަމް ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ ވެމްކޯގެ ބިލާއި ސްޓެލްކޯ ބިލް އެއްކޮށްލަން ނިންމި ނަމަވެސް މިހާރު އެ ކޯޕަރޭޝަނަށް ނުދައްކާ ހުރި ބިލްތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ ކަމަށެވެ.

"މިހާރު ނުދައްކާ ހުރި ބިލްތައް މައާފް ކޮށްދިނީކީ ނޫން. އެކަމު ސްޓެލްކޯ ބިލެއްގަ މީގެ ކުރިން ނުދައްކާ ހުރި ބިލްތައް ނުހިމަނާނެ. އެކަމު މިހާރު އޮންނަ އުސޫލުގެ ތެރެއިން އެ ބިލުތަކަށް ފައިސާ ދެއްކޭނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީކޮށް ބިލް ނުދައްކާހުރި ނަމަ "އަވަސްޕޭ" މެދުވެރިކޮށް އެ ފައިސާ ދެއްކޭނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަޙައްދުގައި ފީ ދައްކަންޖެހޭ ޖުމްލަ 53،690 ގޭބީސީ ހުރި ނަމަވެސް ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބީސީންނެވެ.

ފީ ނުދައްކާ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާތީ އެ ކޯޕަރޭޝަނުން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އެދިފައެވެ. އަދި އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވެސް ވަނީ އެދިފައެވެ.

ހަމަ އެއާއެކު، ވެމްކޯއިން ވަނީ ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވެސް އެދިފައެވެ.

މީގެ އިތުރުން ވެމްކޯގެ ޚިދުމަތް ހޯދާ ވިޔަފާރިތަކާއި މުއައްސަސާތަކުން "އިންފޮމޭޝަން އަޕްޑޭޓް ފޯމް" އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުށަޅަން ވެމްކޯއިން އެދިފައިވާއިރު، އެ މުއްދަތުގައި މައުލޫމާތު ހުށަނާޅައިފި ނަމަ ޚިދުމަތް މެދުކެނޑޭނެ ކަމަަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވެމްކޯއިން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93 ރުފިޔާއެވެ. އެ ކޯޕަރޭޝަނުން ގެތަކަށް އަރައި ކުނި ނަގާނީ ޕްރީމިއަމް ޚިދުމަތެއްގެ ގޮތުގައެވެ.

comment ކޮމެންޓް