ފިލްމުތައް ޑިޖިޓަލީ ޕްރިމިއާ ކުރާތީ ރާނީ މުކަރުޖީގެ ކަންބޮޑުވުން

މިހާރު އުފައްދާ ގިނަ ފިލްމުތައް ރިލީޒް ކުރަން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އިސްކަންދޭތީ ބަތަލާ ރާނީ މުކަރުޖީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހަގީގީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި ވަރަށް ޖަޒުބާތީ ފިލްމެއް ކަމަށްވާ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ކުޅުމުގެ ތެރޭގައި ކުރެވުނު އިހުސާސްތައް ދާދި ފަހުން ބަތަލާވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.

ރާނީ ބުނެފައިވަނީ ފިލްމު ރިލީޒްކުރުމުގައި އެންމެ ބޮޑަށް ދިމާވި ގޮންޖެހުމަކީ ޒަމާނަށް އައި ޓެކްނޮލޮޖީގެ ބަދަލު ނުވަތަ ތަރައްޤީއާ އެކު ގިނަ ފިލްމީ ކޮންޓެންޓް އޯޓީޓީ ޕްލެޓްފޯމް ތަކުގައި ރިލީޒް ކުރުމެވެ. މި މޭރުމުން ވާހަކަދައްކަމުން ތަޖުރިބާކާރު ބަތަލާ ބުނެފައިވަނީ ސިނަމާގެ ތަޖުރިބާކުރެވޭނީ ހަމައެކަނި ފިލްމު ތިއޭޓަރުތަކުގައިކަމަށް ޤަބޫލުކުރާކަމުގައެވެ.

ފެންވަރު ރަނގަޅު ފިލްމެއް އުފެއްދިއްޖެނަމަ އެ ފިލްމުގެ އޯޑިއަންސްއިން ފިލްމު ބަލައިގަންނާނެ ކަމަށާއި އެއީ ކޮންމެ ޖޯންރާއެއްގެ ފިލްމެއް ނަމަވެސް ބެލުންތެރިންގެ މަޤުބޫލުކަން މޮޅު ފިލްމަކުން ކާމިޔާބު ކުރާނެ ކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށް ރާނީ ވަނީ ބުނެފައެވެ. މި ކަން ފެނިގެން ދާނީ ހަމައެކަނި ތިއޭޓަރުތަކުގައި ފިލްމު ބަލާ އޯޑިއަންސްގެ ފަރާތުން ކަމަށް ވެސް ބަތަލާވަނީ ބުނެފައެވެ.

ރާނީގެ ފިލްމީ ކެރިއަރުގެ އެންމެ މޮޅު ޕާފޯމަންސް ދައްކުވައިދިނީ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގައި ކަމަށް ޤަބޫލުކުރާކަމަށް ބުނަމުން ބަތަލާ ބުނީ މި ފިލްމު ބެލުންތެރިން ބަލައިގަންނާނެ ކަމާ މެދު ފުރަތަމަ ސުވާލު އުފެދުނު ކަމަށެވެ. އެކަމަކު، އުއްމީދު ކުރި ގޮތާއި ޚިލާފަށް އާއްމުންގެ ވަރަށް ގިނަ ބަޔަކަށް ފިލްމު ކަމުދިޔަ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް