އަޖޭގެ ފިލްމު 'މައިދާން' ޖޫން މަހު ރިލީޒް ކުރަނީ

މި އަހަރު ބިޒީ ޝެޑިއުލް އެއްގައި މަސައްކަތް ކުރާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" ރިލީޒްކުރާ ތާރީޚު އިޢުލާނު ކޮށްފިއެވެ.

ކުރިޔަށް އޮތް ހުކުރު ދުވަހު އެކްޓަރު އަމިއްލައަށް ޑައިރެކްޓްކޮށް ލީޑް ރޯލްކުޅޭ ފިލްމު "ބޯލާ" ރިލީޒްވުމުގެ މަގުމަތީގައި އޮތްއިރު މި ފިލްމަށް ފަހު އެންމެ އަވަހަށް ރިލީޒްވާނީ އަޖޭގެ ފިލްމު "މައިދާން"އެވެ. "މައިދާން" މި އަހަރުގެ ޖޫން 23ގައި ރިލީޒް ކުރަން ވަނީ ނިންމައިފައެވެ.

މި ފިލްމަކީ ކާމިޔާބު ގިނަ ފިލްމުތައް ޕްރޮޑިއުސް ކޮށްފައިވާ ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށް އަމިތް ޝަރްމާ ޑައިރެކްޓު ކުރާ ފިލްމެކެވެ.

މި ފިލްމުގައި އަޖޭ ފެންނާނީ 1950ގެ އަހަރުތަކުގައި އިންޑިއާގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކަން ކޮށްދިން ޝަހުސިއްޔަތު ސަޢީދު ޢަބްދުލް ރަޙީމްގެ ކެރެކްޓާގެ ގޮތުގައެވެ. މި ފިލްމު ހާއްސަ ކުރެވިފައިވަނީ ވެސް 1952އިން 1962ވަނަ އަހަރާ ދެމެދު އިންޑިއާއިން ފުޓްބޯޅައިގެ ދުނިޔޭގައި ހޯދި ކަމީޔާބީތަކުގެ މައްޗަށެވެ.

އަޖޭއާ އެކު ސަޢީދު ޢަބްދުލް ރަޙީމް ނުވަތަ މަޝްހޫރު ނަމުންނަމަ ރަޙީމް ސާބްގެ އަންހެނުންގެ ރޯލްއިން ފެންނާނީ "ދަ ފެމިލީ މޭން"ވެބް ސީރީސްއިން މަގުބޫލުވި ބަތަލާ ޕްރިޔާމާނީއެވެ. ކުޅަދާނާ މިއުޒިކް އުފެއްދުންތެރިޔާ އޭއާރް ރަޙްމާންގެ މިއުޒިކް އަޑު ވިގެންދާ މި ފިލްމަކީ އަޖޭގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އިންތިޒާރު ކުރާ ފިލްމެއް ވެސް މެއެވެ.

މި ފިލްމު ރިލީޒްކުރަން މީގެ ކުރިން ތަފާތު އެކި ތާރީޚުތައް އިއުލާނު ކުރި ނަމަވެސް އަޖޭގެ އެދުމަކަށް ޕްރޮޑިއުސަރު ވަނީ ފިލްމު ރިލީޒްކުރުން ފަސްކޮށްފައެވެ. އަޖޭ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ އަމިއްލަ ފިލްމު "ބޯލާ" ރިލީޒްވާ ދުވަސްވަރާ ކައިރިކޮށް "މައިދާން" ރިލީޒް ނުކުރާން އެކްޓަރު ވަނީ ޕްރޮޑަކްޝަން ހައުސްގައި އެދިފައެވެ. އެހެންވެ، ފިލްމު ރިލީޒް ކުރުން އޭރު ލަސް ކުރީއެވެ.

ފިލްމު "މައިދާން"ގެ ފުރަތަމަ ޓީޒާ މިއަދުގެ ވަގުތެއްގައި ބެލުންތެރިންނާ ޙިއްސާކުރަން ނިންމާފައިވާއިރު އަޖޭ މި އަހަރު ނިންމަން ސޮއިކޮށްފައިވާ އިތުރު ފިލްމަކީ، ބަތަލާ ތައްބޫއާ އެކު ކުޅޭ "އޯރޯމޭން ކަހާ ދަމްތާ"އެވެ.

comment ކޮމެންޓް