އައްޑޫގައި ޑެންގީ ކޮންޓްރޯލް ކުރަން މަސައްކަތްތަކެއް ފަށައިފި

އައްޑޫ ސިޓީ -- ފައިލް ފޮޓޯ

އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ ބަލި ކޮންޓްރޯލްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އައްޑޫ ކައުންސިލް މެމްބަރު އިބްރާހީމް ޝިނާޒް ވިދަޅުވީ، މި މަސައްކަތްތައް ކުރަނީ ހެލްތް މިނިސްޓްރީއާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތާއި ވެސް ގުޅިގެން ކަމަށެވެ.

އެގޮތުން މި ހަފުތާ ތެރޭގައި އައްޑޫ ފޮގްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެން ހަރުލާގޮތަށް ހުންނަ ތަންތަނަށް ބޭސް އެޅުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މަގު ހެދުމުގެ މަސައްކަތް އަދި ނުނިމޭތީ ކާނު ތަކު ތެރޭ ފެން ހެދިފަ ހުންނަނީ. އެތަނަށް ވެސް ބޭސް އަޅާ މަސައްކަތްތައް ކުރިއަށް ގެންދާނަން އަޅުގަނޑުމެން،" ޝިނާޒް ވިދާޅުވިއެވެ.

ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސްކޫލު ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ޚާއްސަކޮށެވެ.

އައްޑޫ ސިޓީން ޑެންގީ ޖެހިގެން މިމަހު އެކަނި ވެސް 30އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވެއެވެ. އެންމެ ގިނައިން އެ ބަލި ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫން ކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވެއެވެ.

އެ ބަލިން ސަލާމަތްވުމަށް ޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވެސް މުހިންމެވެ.

comment ކޮމެންޓް