މައިކްރޮސޮފްޓުން ޖީޕީޓީ-4ގެ ޓެކްނޮލޮޖީ ހިމަނައިގެން ސައިބާ ސެކިއުރިޓީ ޓޫލްއެއް ތައާރަފުކޮށްފި

މައިކްރޮސޮފްޓުން އޯޕަންއޭއައިގެ އެންމެ ފަހުގެ ޖީޕީޓީ-4 ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ބޭނުންކޮށްގެން، ސައިބާ ސެކިއުރިޓީ ބްރީޗްތައް ދެނެގަތުމަށް އެހީތެރިވެދޭ ޓޫލްއެއް ތައާރަފުކޮށްފިއެވެ.

'ސެކިއުރިޓީ ކޮޕައިލެޓް'ގެ ނަންދީފައިވާ މި ޓޫލްއަކީ ސެކިއުރިޓީ އެނަލިސްޓުންނަށް މައްސަލަތައް ޚުލާސާކުރުމަށާއި ބަލިކަށިހެން ހީވާ ކަންތައްތައް ތަހުލީލުކުރުން ފަދަ މަސައްކަތްތަކުގައި އެހީތެރިވެދޭ ޕްރޮމްޕްޓް ބޮކްސްއެކެވެ.

މި ސެކިއުރިޓީ ޓޫލްގައި ބޭނުންކުރާނީ މައިކްރޮސޮފްޓްގެ ސެކިއުރިޓީ ސްޕެސިފިކް މޮޑެލް ކަމަށްވާއިރު، އެއީ ކޮންމެ ދުވަހަކު 65 ޓްރިލިއަނަށް ވުރެ ގިނަ ސިގްނަލް ފޯރުކޮށްދޭ "ސެކިއުރިޓީ ސްޕެސިފިކް ހުނަރުތައް އިތުރުވަމުން އަންނަ ސެޓެއް" ކަމަށް އެކުންފުނިން ބުނެއެވެ.

މިޓޫލް ލޯންޗުކޮށްފައިވަނީ މައިކްރޮސޮފްޓުން އެ ކުންފުނީގެ އެންމެ މަގުބޫލު އޮފާތަކުގެ ތެރެއަށް އޭއައި އިންޓަގްރޭޓް ކުރުމަށް ކުރާ އިއުލާންތަކެއްގެ ތެރެއިންނެވެ.

މައިކްރޮސޮފްޓްއިން ދާދި ފަހުން ޗެޓްޖީޕީޓީ-4 ނެރެފައިވާއިރު، އެކުންފުނީގެ އެކުވެރި ނުވަތަ ވާދަވެރި ކުންފުނިތަކުން މަސައްކަތް ކުރަމުންދަނީ އޯޕަން އޭއައިއަށްވުރެ ކުރިއަށް ދާށެވެ.

އެގޮތުން މިދިޔަ ހަފުތާގައި މައިކްރޮސޮފްޓުން ވަނީ ސާޗް އިންޖީން ބިންގް އަދި ބްރައުޒާ އެޖްއަށް އިމޭޖް ކްރިއޭޝަން ފީޗާއެއް ތައާރަފުކޮށް، އޯޕަންއޭއައިގެ ޑަލް-އީގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސްޓް ޕްރޮމްޕްޓްތަކަށް ބިނާކޮށް ތަސްވީރު އުފައްދާނެ ޓޫލްއެއް ތަޢާރަފު ކޮށްފައެވެ.

ބިންގް އިމޭޖް ކްރިއޭޓާގެ ނަންދީފައިވާ މި ޓޫލް ބިންގް އެންޑް އެޖް ޕްރިވިއުގެ އެންމެ ފަހުގެ އޭއައި ޕަވަޑް ވާޝަން ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުންނާނެއެވެ. ބިންގް އިމޭޖް ކްރިއޭޓާ ބިންގް ޗެޓަށް އިންޓަގްރޭޓް ކުރާއިރު، ޑެސްކްޓޮޕް އާއި މޯބައިލްގައި ބޭނުންކުރާ ފަރާތްތަކަށް އަންގާރަ ދުވަހުން ފެށިގެން ކްރިއޭޓިވް މޯޑުގައި ފުރަތަމަ ބޭނުން ކުރެވޭނެ ކަމަށް މައިކްރޮސޮފްޓުން ކުރި ބްލޮގް ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

މިމަހުގެ ކުރީކޮޅު އެކުންފުނިން ވަނީ އެކުންފުނީގެ ޕްރޮޑަކްޓިވިޓީ އެޕްތަކަށް އޭއައި ޕަވަޑް އަޕްގްރޭޑްއެއް ކަމަށްވާ މައިކްރޮސޮފްޓް 365 ކޮޕައިލެޓް ވެސް އިއުލާންކޮށްފައެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ "މައިކްރޮސޮފްޓް 365 އޭއައި" އިވެންޓުގައި މައިކްރޮސޮފްޓްގެ ޗެއާމަން އަދި ސީއީއޯ ސަތުޔާ ނަޑެއްލާ ހާމަކުރެއްވި ގޮތުގައި ވޯޑް, އެކްސެލް, ޕަވަރޕޮއިންޓް, އައުޓްލުކް, ޓީމްސް, އަދި އެހެނިހެން ޕްރޮޑަކްޓިވިޓީ އެޕްލިކޭޝަންތަކަށް އާ މައިކްރޮސޮފްޓް 365 ކޮޕައިލެޓް އިންޓަގްރޭޓް ކޮށްފައިވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު