މެކްޓޮމިނޭގެ ދެ ގޯލުން ސްކޮޓްލޭންޑުން ސްޕެއިން ބަލިކޮށްފި

ސްކޮޓް މެކްޓޮމިނޭ ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްކޮޑްލޭންޑުގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭގެ ދެ ގޯލުން ވަރުގަދަ ސްޕެއިންގެ މައްޗަށް ސްކޮޓްލޭންޑުން ކުރިހޯދައިފިއެވެ.

ޔޫރޯ ކޮލިފައިންގެ ދެވަނަ މެޗުގައި ރޭ ސްޕެއިންއާއި ސްކޮޓްލޭންޑު ބައްދަލުކުރި މެޗު ސްކޮޓްލޭންޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންގެ އާ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެން ނިކުތް ދެވަނަ މެޗަށް އެ ޓީމުން ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ.

އެގޮތުން އެ ޓީމުގެ އެއް ނަންބަރު ކީޕަރު އުނައި ސިމޮންއާއި ޑިފެންޑަރު ޕައު ޓޮރެސްއާއި، ޖޮޑީ އަލްބާގެ އިތުރުން އެ ކުޅުންތެރިއަކަށް މިހާރު ސްޕެއިންގެ ކުޅުން ބިނާވެފައިވާ އެއް ކުޅުންތެރިޔާ ޕެޑްރީ ގޮންޒާލޭޒް އެ މެޗަށް ނެގި ސްކޮޑުގައި ނުހިމެނެއެވެ.

އެ މެޗުގައި ދެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ސްކޮޓްލޭންޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސްޕެއިންގެ ޑިފެންޑަރު ޕެޑްރޯ ޕޯރޯ ބޯޅަ ހިފައިގެން ދަނިކޮށް ކައްސާލައިގެން އޭނާ ވެއްޓުމުން ލިބުނު ބޯޅައިގެ ބޭނުން ހިފައިގެން މެކްޓޮމިނޭ ކާމިޔާބުކުރި ގޯލެކެވެ.

ސްޕެއިންއާއި ސްކޮޓްލޭންޑު ބައްދަލުކުރި މެޗުގެ ތެރެއިން ----

މެޗުގެ 50 ވަނަ މިނެޓުގައި ސްކޮޓުލޭންޑުން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ. ކިއެރެން ޓީއާނޭ ނެގި ހުރަހެއްގެ ބޭނުން ހިފައިގެން މެކްޓޮމިނޭ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލަފައެވެ.

ރޭ ސްޕެއިން ސްކޮޓްލޭންޑު އަތުން ވީ ބައްޔަކީ 1984 ވަނަ އަހަރަށް ފަހު ސްކޮޓްލެންޑު އަތުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ.

ޔޫރޯ ކޮލިފައިންގައި ސްޕެއިން ހިމެނިފައިވަނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ސްޕެއިންއާއި ސްކޮޓްލޭންޑުގެ އިތުރުން ދެން ހިމެނެނީ ޖޯޖިއާއާއި ސައިޕްރަސްއާއި ނޯވޭއެވެ.

ސްޕެއިންއިން ކޮލިފައިންގެ ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ނޯވޭ ވަނީ ބަލިކޮށްފައެވެ. އަދި ސްކޮޓްލޭންޑުން ވަނީ ފުރަތަމަ މެޗުގައި ސައިޕްރަސް 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

އެހެންކަމުން އެ ގްރޫޕްގެ އެއްވަނައިގައި ސްކޮޓްލޭންޑު ހަ ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ސްޕެއިން އޮތީ ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ޖޯޖިއާއާއި ހަތަރުވަނައިގައި އޮތް ނޯވޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ތާވަލުގެ ފުލުގައި ސައިޕްރަސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

comment ކޮމެންޓް