ޖުނައިދު ޚާން އާއި ޚުޝީ ކަޕޫރަށް ތަމަޅަ ރިމޭކެއް

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޚާން ކަމަށްވާ އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދު ޚާން އާއި ކުރީގެ ބަތަލާ ސްރީދޭވީ އާއި ބޮނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު އެކީގައި ފިލްމެއްކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އާމިރް ޚާންގެ ދޮށީ ފިރިހެން ދަރިފުޅާއި ބޮނީ ކަޕޫރުގެ ހަގު އަންހެން ދަރިފުޅު އެކީގައި ކުޅެން ނިންމާފައިވާ ފިލްމަކީ ތަމަޅަ ފިލްމު "ލަވް ޓުޑޭ"ގެ ހިންދީ ރިމޭކެކެވެ.

ޕެންޓޮމް ސްޓޫޑިއޯއިން ގެނެސްދޭ މި ރިމޭކްގެ ތަމަޅަ ފިލްމަކީ، މިދިޔަ އަހަރު ރިލީޒްވި ފިލްމެކެވެ. ރޮމޭންޓިކް ކޮމެޑީ ޑްރާމާއެއް ކަމަށް ވާ މި ފިލްމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. "ލަވް ޓުޑޭ"ގެ ހިންދީ ރިމޭކަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައިނުވާއިރު މި ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

ހިންދީ ރިމޭކްގައި ކުޅެން ޖުނައިދުއާއި ޚުޝީއަށް ހުށަހެޅި ރޯލްތައް ދެ ފަރާތަށް ވެސް ވަރަށް ކަމުގޮސްފައިވާ ކަމަށް ވެސް އެ ނޫހުގައި ލިޔެފައިވެއެވެ. ހިންދީ ރިމޭކް ޑައިރެކްޓް ކުރާނެ ފަރާތަކާއި ފިލްމުގައި ހިމަނާނެ އިތުރު ތަރިންގެ މަޢުލޫމާތު ކުރިއަށް އޮތް ތަނުގައި މި ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން މީޑިއާތަކާ ޙިއްސާ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑްގައި ކުރިހޯދަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ ކޮއްކޮ ޚުޝީ ކަޕޫރުގެ މިއީ ދެވަނަ ފިލްމެވެ. ޚުޝީ ފިލްމީ ދުނިޔެއަށް ތަޢާރަފްވާ ޒޯޔާ އަޚްތަރުގެ ފިލްމު "ދަ އާޗީސް" މި އަހަރު ތެރޭ ރިލީޒް ކުރާނެ ކަމަށް ބެލެވޭއިރު ވަކި ތާރީޚެއް އަދި އިޢުލާނު ނުކުރެއެވެ. ޚުޝީއެކޭ އެއްގޮތަށް ޖުނައިދު ޚާން ވެސް ވަނީ ހިންދީ ސިނަމާއަށް ތަޢާރަފްވާ ފިލްމު "މަހާރާޖާ"ގެ މަސައްކަތް ނިންމާލައިފައެވެ. ޔަޝް ރާޖް ކުންފުނިން އުފައްދާ މި ފިލްމު ރިލީޒްކުރުމުގެ މަރުޙަލާގައި އޮތްއިރު ރިލީޒް ކުރާނެ ތާރީޚެއް އަދި ނުނިންމައެވެ.

comment ކޮމެންޓް