ފްލައިޓު ނެގުމަށް ފަހު ވީއައިއޭގެ ރަންވޭ އަލުން ހުޅުވައިފި

ވައިއޭގެ ރަންވޭ މަތީގައި ފްލައި ދުބާއީގެ ފްލައިޓެއް ޓަޔަރު ފަޅައިގެން ގޮސްފައި ----

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭ މެންދުރު ބަންދުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

ވީއައިއޭގެ ރަންވޭ ބަންދުކުރީ، މިއަދު މެންދުރުފަހު 2:18ގައި ދުބާއީން ރާއްޖެ އައި ފްލައި ދުބާއީގެ ފްލައިޓް ލޭންޑް ކުރުމުގެ ތެރޭގައި ޓަޔަރެއް ފަޅައިގެން ގޮސް ރަންވޭ މަތީގައި ތާށިވުމާ ގުޅިގެންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއެސީއެލް)ގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ރަންވޭ މަތީގައި އޮތް ފްލައިޓު ނެގުމަށް އަލުން އަލުން ހުޅުވީ ހަވީރު 5:50 ގައި ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް މިހާރު އޮޕްރޭޝަންތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްއިން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ވައިއޭގެ ރަންވޭ މަތީގައި ފްލައި ދުބާއީގެ ފްލައިޓެއް ޓަޔަރު ފަޅައިގެން ގޮސްފައި---

ފްލައިޓުގެ ފުރޮޅު ފަޅައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ރަންވޭ ބަންދުކުރުމާ ގުޅިގެން އެ ވަގުތު ޖައްސަން އޮތް ބައެއް ފަލްްއިޓްތައް ވަނީ ޑައިވާޓްކޮށްފައެވެ.

މި ހާދިސާ ހިނގީ ވީއައިއޭގައި އަލަށް ހުޅުވި ރަންވޭގައެވެ. އެ ރަންވޭ ހުޅުވައި ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

އާ ރަންވޭ ހުޅުވިފަހުން ވަގުތީ ގޮތުން އެ ރަންވޭ ބަންދުކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް