ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ބޯޓު "ރުމޭލާ"އަަށް ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭކަމަށާއި އެ ބޯޓު މަސައްކަތު ސައިޓުން ފޮނުވާލީ މިވަގުތަށް އެ ބޯޓުގެ ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތް ނިމުމުންކަމަށް ބްރިޖު މަސައްކަތު އޮފީހުން ބުނެފިއެވެ.
ބްރިޖު މަސައްކަތަށް ބޭނުންކުރަން އެފްކޯންސްއިން ގެނެސްފައިވާ 'ރުމޭލާ' ބޯޓާ ގުޅުވައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުންވަނީ އެ ބޯޓު ފޮނުވާލީ ފައިސާ ނުދައްކައިގެންކަމަށް ބުނެ ވާހަކަތަކެއް ދައްކައިފައެވެ.
އެ ވާހަކަތައް ދޮގުކުރައްވައި "ސަން"އާ ވާހަކަދައްކަވަމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ފައިސާގެ އެއްވެސް މައްސަލައެއް ނުޖެހޭކަމަށެވެ.
ބްރިޖު މަސައްކަތްކުރަނީ މި މަސައްކަތަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެހިފައިހުރެ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.
"ރުމޭލާ ބޭނުންކޮށްގެން މިވަގުތަށް ކުރަންހުރި މަސައްކަތްތައް ނިމުނީމާ ސައިޓުން ޑިމޯބިލައިޒްކޮށްފައިވަނީ. އެހެންވީމާ މިވަގުތު އެ ބްރިޖުގެ މަސައްކަތަށް ބޭނުން ނުކުރާނެ،" ޖިނާން ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތު ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން
ބްރިޖު މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު
ޖިނާން ވިދާޅުވީ މާލޭގައި ކުރިއަށްދަނީ މާލެއިން ބްރިޖު ފެށޭ ހިސަބުގައި ޖަހާ އެއްގަމު ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށެވެ. އޭގެ ވަރަށް ބޮޑު ބައެއް ނިމިފައިވާކަމަށް ޖިނާން ވިދާޅުވިއެވެ. މިހާރު ބްރިޖުގެ ސުޕާ ސްޓްރަކްޗާ ޑެކްގެ މަސައްކަތް މިހާރު މާލޭކޮޅުގައި ފެށިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭއާ ދިމާލުން ކަނޑުގައި ޖަހާ ދެ ތަނބެއްގެ ޕައިލިން މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ވިލިމާލެއާ ދިމާއިން ކަނޑުގައި ޖަހާ ހަ ތަނބެއްގެ ޕައިލިން މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހަމައެއާއެކު ވިލިމާލެއިން ބްރިޖާ ގުޅޭ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅީފަޅުގައި ވެސް އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޖިނާން ވިދާޅުވީ ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރަމުން އަންނަކަމަށެވެ. އެ ކަމުގައި އެއްވެސް މަޑުޖެހުމެއް އަދި ނެތްކަމަަށް އޭނާ ވިދާޅުވިއެވެ.