ކ. ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ދެވަނަ ފިޔަވަހީގެ ސަރަހައްދެއް ހިއްކަން ފަށައިފިއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ތިލަފުށީގެ ބިން ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ "އޭރިއާ ސީ" ހިއްކުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ކަމަށެވެ. އެ މަސައްކަތް އެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ދަށުން 20 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް ނިމުމުން މާލޭގައި ސިނާއީ މަސައްކަތްތައް ކުރުން ނިމުމަކަށް ގެނެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ.
ބިމުގެ ދަތިކަމާއި ބިމު ކުލި އުފުލޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ތިލަފުށިން ބައެއް ހިއްކައި، ސިނާއީ މައި މަރުކަޒަކަށް އެ ރަށް ބަދަލުކުރުމުގެ އަމާޒު ހިފާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ކުރާ ސިނާއީ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމާ އެކު އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ އޭރިއާ ސީ ހިއްކުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ
އެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިން ދޫކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.
ތިލަފުށި ހިއްކަން ނިންމާފައިވަނީ ތިން ބަޔަކަށް ކަމަށްވާއިރު، ފުރަތަމަ ބައިގައި ހިމެނެނީ 40 ހެކްޓަރުގެ ބިމެވެ. މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން އަންދާޒާކުރެއެވެ.