'ވީރް ޒާރާ'ގެ ރޯލަށް އެއްބަސްވީ ޔަޝް ޗޯޕްރާގެ އެދުމަކަށް: މަނޯޖް ބަޖްޕައީ

ޔަޝް ރާޖް ފިލްމްސްއިން އުފެއްދި ރީތި ލޯބީގެ ފިލްމު "ވީރް ޒާރާ"އިން ހުށަހެޅި ރޯލަށް އެއްބަސްވީ ކުރީގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓްރު ޔަޝް ޗޯޕްރާގެ އެދުމަކަށް ކަމަށް އެކްޓަރު މަނޯޖް ބަޖްޕައީ ބުނެފިއެވެ.

ލީޑް ރޯލުން ޝާހްރުކް ޚާނާއި ބަތަލާ ޕްރިތީ ޒިންތާ ފެނުނު ނަމަވެސް ފިލްމުގައި މަނޯޖް ކުޅުނު ރޯލުން އިތުރު ފުރިހަމަ ކަމެއް މި ފިލްމަށް ލިބިގެންދިޔައެވެ.

ދާދި ފަހުން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި މަނޯޖް ބަޖްޕައީ ބުނެފައިވަނީ، އެކްޓަރު ޝާހްރުކް ޚާން ފަދަ ތަޖުރިބާކާރު ތަރިއަކާ އެކު މަސައްކަތް ކޮށްލަން ލިބުނު ފުރުޞަތުގެ ޝުކުރު ޙައްޤު ފަރާތަކީ އޭރުގެ ޑައިރެކްޓަރު ޔަޝް ޗޯޕްރާ ކަމަށެވެ. މި ފިލްމުގައި މަނޯޖަށް ކުޅެން ލިބުނު ރޯލް ކުޑަ ނަމަވެސް ޔަޝް ޗޯޕްރާ މަނޯޖަށް އެ ރޯލް ހުށަހެޅީ މަނޯޖްގެ ފިލްމު "ޕިންޖާ"ގައި އެކްޓަރު ދެއްކި މޮޅު ހުނަރު ފާހަގަ ކުރެވިގެން ކަމަށް ބުނެފައިވެއެވެ.

އެހެންވެ، މި ފިލްމު ކުޅެން އެއްބަސްވީ ލޯބީގެ ގިނަ ފިލްމުތައް ގެނެސްދީފައިވާ ޕްރޮޑިއުސަރު ޔަޝް ޗޯޕްރާއަށްޓަކައި ކަމަށް މަނޯޖް ވަނީ ބުނެފައެވެ. އޭނާގެ ފަރާތުން އެނގުނު ގޮތުގައި އެކްޓަރުގެ ފިލްމު "ޕިންޖާ" ބެލުމުގައި އޭރު ޔަޝް ޗޯޕްރާއާ އެކު އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރް ވަޖްޕަޔީއާއި ބޮޑުވަޒީރުގެ ޑެޕިއުޓީ މިނިސްޓަރު ލާލް ކްރިޝްނާ އަދްވާނީ ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެ ފަރާތްތަކަށް މަނޯޖް ފިލްމު "ޕިންޖާ"ގައި ދެއްކި އެކްޓިންގް ވަރަށް ބޮޑަށް ކަމުގޮސް އެކްޓަރަށް ތަޢުރީފު ކުރި ކަމަށް މަނޯޖް ވަނީ ބުނެފައެވެ.

ފިލްމު "ވީރް ޒާރާ"ގެ ސެޓުގައި އޭނާ ހޭދަކުރި ފަސް ދުވަހަކީ، ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަސްތަކެއް ކަމަށް މީޑިއާއަށް ދިން އިންޓަވިއުގައި އެކްޓަރު ވަނީ ބުނެފައެވެ. ޚާއްސަކޮށް ސެޓުގެ ކްރޫއިންގެ ފަރާތުން މަނޯޖްއަށް ކުރި އިހްތިރާމާއި ދިން ލޯބި އަބަދު ވެސް ހިތުގައި ރައްކާ ކުރެވިފައިވާ ކަމަށް އެކްޓަރު ބުނެފައިވެއެވެ.

މަނޯޖަކީ މުޅިން ތަފާތު ޖޯންރާއެއްގެ ފިލްމުތަކަށް ޝައުޤު ހުންނަ އެކްޓަރެކެވެ. އެހެންކަމުން ޔަޝް ޗޯޕްރާ އުފައްދާ ފިލްމުތަކުގެ ރޯލަށް އޭނާ ފިޓް ނުވާ ކަމަށާއި އެފަދަ ރޯލްތަކަށް ބިނާކޮށް ފިލްމު އުފެއްދުމުގެ ޚިޔާލު ނުގެންގުޅޭ ކަމަށް ޔަޝް ޗޯޕްރާ ވަނީ އޭރު ބުނެފައެވެ.

މިހާތަނަށް ހިންދީ ސިނާމާއަށް ގެނެސްދިން އެންމެ ހިތްގައިމު ލޯބީގެ ފިލްމުތަކުގެ މޭސްތިރިއާ ޔަޝް ޗޯޕްރާއާ އެކު މަސައްކަތްކޮށް ޔަޝް ރާޖް ފިލްމްގެ ސެޓެއްގެ ތަޖުރިބާއަކީ ވެސް އެހާ ހިތްގައިމު ތަޖުރިބާއެއް ކަމަށް މަނޯޖް ވަނީ ސިފަކޮށްފައެވެ.

މަނޯޖް ބަޖްޕައީ އެންމެފަހުން ފެނިފައިވަނީ ދާދި ފަހުން ރީލޒްވި ފިލްމު "ގުލް މޯހަރު"އިންނެވެ. ބަތަލާ ޝަރުމީލާ ޓޭގޯރް މުހިއްމު ރޯލުން ފެންނަ މި ފިލްމަކީ، ޢާއިލާ ތެރޭގައި އޮންނަ އެއްބައިވަންތަކަމުގެ ގުޅުން ދައްކުވައިދޭ ޢާއިލީ ޑްރާމާއެކެވެ. ފިލްމު ރިލީޒްވެފައިވަނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާގައި މިމަހުގެ ތިންވަނަ ދުވަހުއެވެ.

comment ކޮމެންޓް