ޖޯން ވިކްގެ ހަތަރުވަނަ ބަޔަށް ބޮޑު ކާމިޔާބީއެއް

ކިއާނޫ ރީވްސް ލީޑުން ފެނިގެންދާ މަޝްހޫރު ފްރެންޗައިޒް "ޖޯން ވިކް"ގެ ހަތަރުވަނަ ބަޔަށް ބޮކްސް އޮފީހުގައި ބޮޑު ތަރުޚީބެއް ލިބެމުން އެބަ އާދެއެވެ.

މިދިޔަ ހަފުތާ ބަންދުގައި ފިލްމު ދައްކަން ފަށާފައިވާއިރު މި ފިލްމުން ފެނިގެންދާނީ ޖޯން ވިކްގެ ކުރީގެ ރަހުމަތްތެރިންނާ އެކު ފްރެންޗައިޒްގެ ގޯސް އޯގަނައިޒޭޝަން ހައި ޓޭބަލް އިން މިނިވަން ވާން މަސައްކަތް ކުރާ ތަނެވެ.

ފިލްމު ނެރުމާ އެކު މި ފިލްމު ވެފައިވަނީ ފްރެންޗައިޒްގެ އެންމެ ބޮޑު އޯޕެނިން އަށެވެ. އެގޮތުން ހަފުތާ ބަންދުގައި އެކަނި ވެސް އެ ފިލްމަށް ވަނީ 73.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މިއީ މި ދުވަސްވަރު އަޅުވާފައިވާ ބޮޑެތި ޕްރޮޖެކްޓުތައް ކަމަށް ޑީސީގެ "ޝަޒާމް" ފަދަ ފިލްމުތަކާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.

ޖޯން ވިކް ފުރަތަމަ ރިލީޒްކުރި އިރު ފުރަތަމަ އޯޕެނިންއަށް ލިބިފައިވަނީ 14 މިލިއަން ޑޮލަރެވެ. އެއަށް ފަހު ދެވަނަ ފިލްމުގެ އޯޕެނިން އަށް 30.4 މިލިއަން ޑޮލަރު ލިބުނު އިރު ތިންވަނަ ފިލްމަށް 56.8 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުވާފައިވާއިރު ޖުމްލަ 71 މާކެޓެއްގައި ފިލްމު އޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ.

ޖޯން ވިކްގެ ރޭޓިން ވެސް އުޅެނީ ވަރަށް ރަނގަޅަށެވެ. އެގޮތުން ރޮޓެން ޓޮމާޓޯސްގައި ފިލްމަށް ވަނީ 95 ޕަސެންޓް ރޭޓިން ކްރިޓީކުންގެ ފަރާތުން ލިބިފައެވެ.

ފިލްމުގައި ކިއާނޫގެ އިތުރުން ފެނިގެންދާ ހުރިހާ އެކްޓަރުންނަށް ވެސް އަންނަނީ ބޮޑު ތަރުޚީބެއް ލިބެމުންނެވެ. އޭގެތެރޭގައި ފުރަތަމަ ފަހަރަށް ފިލްމެއްގައި ބައިވެރިވެފައިވާ ލަވަކިޔުންތެރިޔާ ރީނާ ސަވަޔާމާ އަށް ލިބެމުން އަންނަ ތަރުޚީބު އިތުރަށް ފާހަގަކޮށްލެވެއެވެ. ފިލްމުގައި އެހެން ރޯލުތަކުން ދެން ފެންނާނީ ޑޮނީ ޔެން އާއި ސްކޮޓް އެޑްކިންސްގެ އިތުރުން ބިލް ސްކާސްގާޑް އަދި ހިރޮޔޫކީ ސަނާޑާއެވެ.

comment ކޮމެންޓް