އެކްޓަރު ރާމް ޗަރަންގެ އުފަންދުވަހުގެ ހަދިޔާ ސަޕޯޓަރުންނަށް ހާއްސަ

ތެލުގޫ ފިލްމުތަކުން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ އެކްޓަރު ރާމް ޗަރަންގެ 38ވަނަ އުފަންދުވަހާއި ގުޅުވައިގެން އޭނާގެ ކުރިއަށް އޮތް ފިލްމާ ބެހޭ މަޢުލޫމާތު ބެލުންތެރިންނާ ހިއްސާކޮށްފިއެވެ.

މިދިޔަ އަހަރު ރިލީޒްވި އެންމެ ކާމިޔާބު ފިލްމު "އާރްއާރްއާރް"ގެ އެކްޓަރުވަނީ މި ފިލްމުގައި އޭނާ ފެންނާނެ ގޮތުގެ ޕޯސްޓަރާ އެކު ފިލްމުގެ ނަމަކީ "ގޭމް ޗޭންޖާ"ކަމަށް ބުނެފައެވެ.

ސިޔާސީ ކޯޅުންގަނޑެއް ދައްކުވައިދޭ މި ފިލްމަކީ، ތަމަޅަ ސިނަމާގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އާމްދާނީއެއް ހޯދާ ޑައިރެކްޓަރު ޝަންކަރުގެ ފިލްމެކެވެ. ރާމް ޗަރަންވަނީ މީގެ ކުރިން ވެސް ޑައިރެކްޓަރު ޝަންކަރާ އެކު ތަމަޅަ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ފިލްމުގައި ރާމް ޗަރަންއާ އެކު ބަތަލާގެ ރޯލްއިން ފެންނަ ކިއާރާ އަދްވާނީ ފޮނުވާފައިވާ އުފަންދުވަހުގެ މެސެޖުގައި ވެސް ވަނީ ފިލްމު "ގޭމް ޗޭންޖާ"އިން ރާމްގެ ފިލްމީ ކެރިއަރަށް އިތުރު ބަދަލުތަކެއް އަންނަން އެދޭ ކަމަށެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމު "ގޭމް ޗޭންޖާ"ގެ މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ޝޫޓިން ތަކެވެ. އެގޮތުން ފިލްމުގައި ހިމަނާފައިވާ ސީކުއަންސް ލަވަ ވަނީ މީގެ ދެ ދުވަސް ކުރިން ނިންމާފައެވެ. މި ލަވައިގެ ޝޫޓިންއަށް ފަހު ކްރޫ ޓީމުން ވަނީ ފިލްމު ސެޓުގައި ރާމް ޗަރަންގެ އުފަންދުވަސް ފާހަގަކޮށްފައެވެ.

ފިލްމުގެ މަސައްކަތް ނިމި ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައި އޮތްއިރު މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަށަވަރެއް ނުވެއެވެ.

ރާމް ޗަރަންއާއި ކިއާރާ މީގެ ކުރިން ވެސް ވަނީ އެކީގައި މަސައްކަތް ކޮށްފައެވެ. އެއީ 2019ވަނަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު "ވިނާޔާ ވިދޭޔާ ރާމާ"އިންނެވެ. ކިއާރާ ބޮލީވުޑަށް ތަޢާރަފްވުމަށް ފަހު ގިނައިން ފެނިފައިވަނީ ހިންދީ ސިނަމާގެ ފިލްމުތަކުންނެވެ. ރާމް ޗަރަން އެންމެ ފަހުން ކުޅުނު ޑައިރެކްޓަރު ރާޖާ މޮލީގެ ފިލްމަށް ބައިނަލް އަޤްވާމީ ޕްލެޓްފޯމްތަކުގައި ލިބުނު ސަމާލުކަމާ އެކު އެކްޓަރަށް ހޮލީވުޑްއިން ފުރުޞަތުތައް ލިބެމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރާމް ޗަރަންގެ ފިލްމު "އާރްއާރްއާރް"އަކީ މި އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ މޮޅު އަމިއްލަ ރާގުގެ ބައިން އިންޑިއާއަށް އޮސްކާ އެވޯޑް ހޯދައިދިން ފިލްމެވެ.

comment ކޮމެންޓް