މިފްކޯއިން ވިސިލްބްލޯ ކުރާ ނިޒާމެއް ޤާއިމްކޮށްފި

މިފްކޯ މަސް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޢާންމުންނާއި މުވައްޒަފުންނަށް ވެސް ޝަކުވާ އާއި މައްސަލަ ހުށަހެޅޭ ގޮތަށް ވިސިލް ބްލޯ ކުރެވޭ ނިޒާމެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ޤާއިމްކޮށްފިއެވެ.

މިފްކޯއިން ބުނީ މިފްކޯގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހައެއް ގެނައުމަށްޓަކައި، ރައްކާތެރިކަމާ އެކު ވިސިލްބްލޯ ކުރެވޭނެ ނިޒާމެއް އެ ކުންފުނިން ޤާއިމްކޮށްފައިވާ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ރިޕޯޓް ކުރެވޭ ހުރިހާ މައްސަލަތަކެއް ރިޕޯޓް ކުރެވޭނީ، އެ ކުންފުނީގެ މެނޭޖްމެންޓުގެ ބޭރުން އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން ހުށަހެޅޭ މައްސަލަތައް އެކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމެޓީއަށް ރިޕޯޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި މިނިވަން ނިޒާމުގެ ދަށުން މައްސަލައެއް ރިޕޯޓްކުރާ ފަރާތުގެ ވަނަވަރު ނޭނގޭ ގޮތަށް ނުވަތަ "އެނޮނިމަސް" ކޮށް ވެސް ރިޕޯޓް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ޕޯޓަލްއަށް މައްސަލަ ހުށަހަޅާއިރު ވީހާ ވެސް ތަފްސީލުކޮށް، ހެއްކާ އެކު އެ މައްސަލަތައް ހުށަހެޅުމަށް އެކުންފުނިން އެދެއެވެ.

މިފްކޯގެ މި ނިޒާމުގެ ދަށުން މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ވެބްސައިޓުން ހުށަހެޅޭނެއެވެ. އަދި މީގެ އިތުރުން، ވިސިލް ބްލޯވާ ހޮޓްލައިން 7212141 އަށް ގުޅައި ނުވަތަ ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައްސަލަ ހުށަހެޅޭނެއެވެ.

މިފްކޯއިން ބުނީ ހުށަހެޅޭ އެފަދަ މައްސަލަތައް ބަލައި، އެކަންކަމަށް ބޭނުންވާ އެކަށީގެންވާ ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަން އާންމުންނަށާއި މުވައްޒަފުންނަށް ދޭ ކަމަށެވެ.

comment ކޮމެންޓް