މެރެޑިތު ނެތި ވެސް އާ ސީޒަނަކަށް ރިނިއުކޮށްފި

އެތައް އަހަރެއް ވަންދެއް ދައްކަމުން އަންނަ ޑްރާމާ ޝޯ "ގްރޭސް އެނެޓޮމީ"ގެ ލީޑް ރޯލު ކުޅެމުން އައި އެލެން ޕޮމްޕިއޯގެ މެރެޑިތު ގްރޭ އާ ނުލައި ވެސް ޝޯ ކުރިއަށް ގެންދިޔުމަށް އާ ސީޒަނަކަށް ޝޯ އިއުލާނު ކޮށްފިއެވެ.

ޝޮންޑާ ރައިމްސްގެ ގްރޭސް އެނެޓޮމީ އަކީ އެތައް އަހަރެއް ވަންދެއް ދައްކަމުން އަންނަ ޝޯއަކަށް ވާއިރު މިހާތަނަށް ވަނީ ޝޯގެ 19 ސީޒަން ދައްކާފައެވެ. އެންމެފަހުން ޝޯގެ 20 ވަނަ ސީޒަނަކަށް ވަނީ ގްރޭސް އެނެޓޮމީ ރިނިއުކޮށްފައެވެ.

ޝޯގެ އިތުރު ސީޒަނަކާއެކު މިހާރު ގްރޭސް އެނެޓޮމީ އަކީ މިހާތަނަށް ޕްރައިމް ޓައިމް ޓީވީތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެއް ދައްކާ ޝޯއެވެ. މި ޝޯގެ އާ ސީޒަނާއެކު ޝޯގެ ކުރީގެ ޑައިރެކްޓަރު ވެސް ބަދަލުވާނެއެވެ. އެގޮތުން އާ ސީޒަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ މެގް މެރީނީސްއެވެ.

ގްރޭސް އެނެޓޮމީގެ ލީޑް ރޯލުން އެލެން އާއެކު ފެނިފައިވާ ގިނަ އެކްޓަރުން ވަނީ މިހާރު ޝޯ ދޫކޮށް ގޮސްފައެވެ. މިހާރު ޝޯގައި ގިނައީ އެ ޝޯއާ ފަހުން ގުޅިފައިވާ އެކްޓަރުންނެވެ.

އެލެން ޝޯ ދޫކޮށްލަނީ އޭނާގެ ކެރެކްޓަރު މެރެޑިތު ގްރޭ، ޝޯ ދައްކާ ސިއޭޓަލް ދޫކޮށް ބޮސްޓަންގައި އަމިއްލަ ދިރިއުޅުމެއް ފެށުމަށް ބަދަލުވާ ގޮތަށް ދައްކައިގެންނެވެ. އެލެންގެ ކެރެކްޓަރު މެރެޑިތު އަކީ ޝޯގައި އެންމެ ގިނަ ދުވަސް ވަންދެއް ފެނިގެން ގޮސްފައިވާ ކެރެކްޓަރެވެ. އޭނާ މިހާރު އެ ރޯލަށް އަލްވަދާއު ކިޔާފައިވާއިރު ފޭނުން ވަނީ އެކަމާ ހިތާމަ ފާޅުކޮށް އެލެން އަށް ޝުކުރު ވެސް އަދާކޮށްފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު