އަޖޭއާއި ތައްބޫގެ އިތުރު ފިލްމެއް

އެކްޓަރު އަޖޭ ދޭވްގަނާއި ބަތަލާ ތައްބޫގެ ފިލްމު "ބޯލާ" މި ހަފުތާގެ ހުކުރު ދުވަހު ރިލީޒް ކުރަން ތައްޔާރުވެފައިވަނިކޮށް އެ ދެ ފަންނާނުން މުހިއްމު ރޯލުތަކުން ފެނިގެން ދާ ނީރަޖް ޕާންޑޭގެ ފިލްމު "އޯރޯން މޭ ކަހާ ދަމްތާ"ގެ ޝޫޓިންގް ފަށާނެއެވެ.

ތައްބޫއާއި އަޖޭ އާ ފިލްމުގެ ޝޫޓިންގް ފަށަން ތާވަލުކޮށްފައިވަނީ އޭޕްރިލް މަހުގެ ފުރަތަމަ ހަފުތާއަށެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށް ޝްރެޔަން ހިރާވަތް ޕްރޮޑިއުސް ކުރާ މި ފިލްމަކީ، މީގެ 20 އަހަރު ކުރިން ހިނގާފައިވާ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ޝްރެޔަން ފިލްމާ ބެހޭގޮތުން ބުނީ، މިއީ ރޮމޭންޓިކް ތްރިލާއެއް ނަމަވެސް ފިލްމުގައި އެކްޝަން ސީންތައް ކޮންމެ ވެސް ވަރަކަށް ހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް އެކްޝަން ފިލްމުތައް ގެނެސްދޭ ނީރަޖް ޕާންޑޭގެ އެހެން ފިލްމުތަކަށް ވުރެ މި ފިލްމު ތަފާތު ވާނެ ކަމަށް ވެސް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ތައްބޫއާއި އަޖޭގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭގައި އެކްޓަރު ޖިމީ ޝޭރްގިލް އަދި ފިލްމު "ދަބަންގް 3"އިން ފެނިގެންދިޔަ ބަތަލާ ސައީ މަންޖްރޭކަރު ހިމެނެއެވެ.

މި އަހަރުގެ ދިވާލީ މުނާސަބަތާއި ދިމާކޮށް ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވާއިރު ސަލްމާން ޚާންއާއި ބަތަލާ ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ3" ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ ވެސް ދިވާލީ ދުވަސްކޮޅާ ދިމާކޮށެވެ.

އަޖޭއާއި ބަތަލާ ތައްބޫ ވެފައިވަނީ ފަހަކަށް އައިސް އެކީގައި ފިލްމުތަކުން ފެންނަ ތަރިންގެ ތެރެއިން ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައި ޖޯޑެއްގެ ގޮތުގައެވެ.

comment ކޮމެންޓް