ވިންޑޯޒް 10 އާއި 11އިގައި ސްކްރީންޝޮޓްތަކަށް ދިމާވާ މައްސަލަ ހައްލު ކުރަން އަޕްޑޭޓެއް

ވިންޑޯޒް 10 އާއި 11އިގައި ސްކްރީންޝޮޓްތައް އެޑިޓް ކުރުމުން ދިމާވާ މައްސަލައެއް ހައްލުކުރަން މައިކްރޮސޮފްޓްއިން މުހިންމު އަޕްޑޭޓެއް ތައާރަފުކޮށްފިއެވެ.

އެ އަޕްޑޭޓް ޚާއްސަކޮށްފައި ވަނީ، "އޭކްރޮޕެލިޕްސް"ގެ ނަންދީފައިވާ ސެކިއުރިޓީ މައްސަލައެއް ހައްލު ކުރުމަށެވެ. އެ މައްސަލައިގެ ސަބަބުން، ސްކްރީންޝޮޓްތައް އެޑިޓް ކުރުމަށް ފަހުން އެހެން މީހުންނަށް ފޮނުވުމުން، އެޑިޓްކޮށްފައިވާ ބައިތައް އެމީހުންނަށް ފެންނަން ހުރެއެވެ. މިކަމުގެ ސަބަބުން ސްކްރީންޝޮޓުން އެޑިޓްކުރި ނުވަތަ ކްރޮޕްކުރި ނާޒުކު މައުލޫމާތުތައް ހާމަވުމުގެ ފުރުސަތު އޮވެއެވެ.

މައިކްރޮސޮފްޓުން ބުނީ އެ މައްސަލަ ވިންޑޯޒް 10ގެ ސްނިޕް އެންޑް ސްކެޗް އެޕަށާއި ވިންޑޯޒް 11ގެ ސްނިޕިން ޓޫލްއަށް ދިމާވާ ކަމަށެވެ.

ނަމަވެސް އާ އަޕްޑޭޓާއެކު އެ މައްސަލަ ހައްލުވާނެ ކަމަށް މައިކްރޮސޮފްޓްއިން ބުންޏެވެ. އެގޮތުން ވިންޑޯޒް 10ގެ ސްނިޕް އެންޑް ސްކެޗް ޓޫލް އާއި ވިންޑޯޒް 11ގެ ސްނިޕިން ޓޫލްއަށް ޚާއްސަކޮށްފައިވާ އެންމެ ފަހުގެ އަޕްޑޭޓްތައް މައިކްރޮސޮފްޓް ސްޓޯއިން ޑައުންލޯޑް ކުރެވޭނެއެވެ.

އެ އަޕްޑޭޓް ގެނައުމަށް ޓަކައި، ސްޓޯރަށް ގޮސް ލައިބްރަރީއަށް ފިތާލާނީއެވެ. ދެން ކަނާތްފަރާތުގެ މަތީގައިވާ "ގެޓް އަޕްޑޭޓްސް" އޮޕްޝަނަށް ކްލިކް ކުރާނީއެވެ. އެތަނުން އެމީހެއްގެ ވިންޑޯޒް ވާޝަނާ ގުޅޭ އެޕް އަޕްޑޭޓްތައް ފެންނާނެއެވެ.

އޮޓޮމެޓިކް އަޕްޑޭޓްތައް އެނެބަލްކޮށްފައި ހުރިނަމަ މައިކްރޮސޮފްޓް ސްޓޯރުން އޮޓޮމެޓިކުން އަޕްޑޭޓް އިންސްޓޯލްވާނެއެވެ. އަޕްޑޭޓްވުމުން ސްނިޕިން ޓޫލްގެ އެންމެ ފަހުގެ ވާޝަން އަކީ 10.2008.3001.0 ކަމުގައި ވާއިރު، ސްނިޕް އެންޑް ސްކެޗް ޓޫލްގެ އެންމެ ފަހުގެ ވާޝަން އަކީ 11.2302.20.0އަށް ވާނެއެވެ.

މައިކްރޯސޮފްޓުން އިލްތިމާސްކުރަނީ މިފަދަ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އަބަދުވެސް ވިންޑޯޒްގެ އެންމެ ފަހުގެ އަޕްޑޭޓްތައް އިންސްޓޯލް ކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު