އަމީނީ މަގުން ގަސް ނެގުން ހުއްޓުވަން ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފިއެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު އެދިވަޑައިގެންނެވީ އަމީނީ މަގުން ގަސްތައް ކެނޑުން ހުއްޓުވައި، ގަސްތައް ނުކަނޑައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީ އަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައްޗަށް އަމުރު ނެރެދިނުމަށެވެ.

މި މައްސަލައިގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ މައްޗަށް އަމުރު ނެރެދިނުމަށް އެ މަގުގައި ހުރި ގަސްތައް ނެގުމުގެ ސަބަބުން ތިމާވެއްޓާއި އާންމު ސިއްހަތަށާއި، މޫސުމަށް ކުރާނެ ނޭދެވޭ އަސަރުތައް ރަނގަޅަށް ބަލައި ކަށަވަރު ކުރުމަކީ ޕްލޭނިން މިނިސްޓްރީ އާއި އާރްޑީސީގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

އެހެން ނަމަވެސް އެ ޒިންމާތައް އަދާކޮށްފައިނުވާތީ އާއި ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރެވެން އޮތްއިރު، ގަސްތައް އުފުރަމުން ދިއުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލް އަގުވާމީ މުއާހަދާތަކުން އެ ދެ އިދާރާގެ މައްޗަށް އޮންނަ ތިމާވެށި ހިމާޔަތް ކުރުުގެ ވާޖިބާ ހިލާފުވުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ: އާރުޑީސީން ވަނީ މަގުތަކަށް ގެއްލުންވާ ޒާތުގެ ގަސް ކަމަށް ބުނެ މި މަގުގެ ދެ ފަޅީގައި ހުރި ބިޔަ ގަސްތައް ނަގާފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިވިލް ކޯޓުން މިއަދު އާންމު ކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުވާ ރައްދުވާ ދެ ފަރާތަށް މައްސަލައިގެ ލިޔުންތައް ފޮނުވުމުން ދައުވާއަށް އިންކާރުކޮށް އެ ދެ ފަރާތުންވެސް ދައުވާގެ ދިފާއު ކޯޓަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ދިފާއުގެ ރައްދު ހުށަހެޅުމަށް ރައީސް ނަޝީދަށް ދިން ފުރުސަތުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްގައިވާ 14 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ދިފާއުގެ ރައްދު ހުށަހަޅާފައެއް ނުވެއެވެ.

ނަޝީދު އެ މައްސަލަ އަނބުރާ ގެންދަވާފައިވާތީ، އެ ދައުވާ އެކުގައި އަނބުރާ ގެންދެވިފައިވާ ކަމަށް ކަނޑައަޅައި އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ނިންމާލާފައެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

comment ކޮމެންޓް