"މުނީރުބޭ ބޭނުންވަނީ މައާލް، ރާދިންއާ ކައިވެނިކުރަން..."

މުނީރު އެ ބުނި ވާހަކައަށް މައާލް އިނީ ތައްޔާރުވެގެން ނަމަވެސް، އެ އަޑު އެގޮތަށް އިވުމުން އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރުތައް ފެނިލިއެވެ. ޚާއްސަކޮށް ރާދިން އެތަނުގައި އިންކަން އެނގި އޭނާއަށް ވަނީ ވަރަށް ބޮޑު ހާސްކަމެއް ވެރިވެފައެވެ. އެކައިވެންޏާ ރާދިން ދެކޮޅުވަރު އޭނާއަށް އަންދާޒާކޮށްލެވެއެވެ. ޚުދު އޭނާ ވެސް ރާދިންއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. އެފަދަ ކަމެއް ކުރުމަށް އޭނާ އަދި ތައްޔާރެއް ނޫނެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އޭނާ ވަރަށް ބަލިކައްޓެވެ. އެވަރު ނުވިސްނާ މުނީރު އެފަދަ ވާހަކައެއް ދެއްކުމުން ރުޅިއަށް ވުރެ ބޮޑަށް މައާލްގެ ހިތުގައި ޖެހުނެވެ. މުނީރު އަކީ ހުރިހާ ހަޤީގަތެއް އެނގޭ މީހާއެވެ. ވީއިރު އެހާ އަވަސް އަރުވާލައިގެން އެފަދަ ނިންމުމެއް ނިންމަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް މައާލްއަކަށް ނޭނގުނެވެ.

ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރެއިން މުނީރު އިންތިޒާރުކުރަމުން ދިޔައީ މައާލްގެ ޖަވާބަކަށެވެ. މައާލްގެ މޫނުމަތިން އޭނާ އެކަމާ ނުރުހޭ ކަމުގެ އަސަރުތައް މުނީރުއަށް ފެނުނު ނަމަވެސް، އިތުރު އެއްޗެއް ބުނަން އޭނާ ބޭނުންވަނީ މައާލްގެ ޖަވާބަކަށް ފަހުއެވެ.

ދޭނެ ޖަވާބެއް ނޭނގިފައި މައާލްއަށް އިނދެވުނުއިރު، އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރާފައިބަމުން ދިޔައެވެ. އެކަމާ ދެކޮޅު ހަދަން އޭނާގެ ސިކުނޑި ކެނޑި ނޭޅި ބާރުއަޅަމުން ދިޔައެވެ.

މައާލްއަށް ބަލަހައްޓައިގެން އިން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. މައާލްގެ އެ ހިމޭންކަން އޭނާ މާނަ ކުރާނީ ކިހިނެއްހެޔެވެ؟ ރާދިން މުނީރުއަށް ބަލައިލާފައި އެއްޗެއް ބުނަން އަނގަ ހުޅުވައިލި ނަމަވެސް، މުނީރުގެ އަތުގެ އިޝާރާތާއެކު، އޭނާ އިތުރު އެއްޗެއް ބުނަން ފަސްޖެހުނެވެ.

"ވިސްނާލާފަ ޖަވާބެއް ދިނަސް މުނީރުބޭގެ މައްސަލައެއް ނެތޭ..." އެތައް އިރެއް ވީއިރުވެސް މައާލް އެއްޗެއް ނުބުނުމުން އެންމެ ފަހުން މުނީރު ބުނެލިއެވެ.

"އަޅުގަނޑު... އަޅުގަނޑު މި ކައިވެނި ކުރާކަށް... ކައިވެނިކުރާކަށް ބޭނުމެއް ނޫން." ޖެހިލުންވިނަމަވެސް މައާލް އޭނާގެ ހިތުގެ ޙާލު މުނީރުގެ ކުރިމަތީގައި ފާޅުކޮށްލިއެވެ.

"މައާލް ވަރަށް ވިސްނާފަތަ ޖަވާބު ތިދިނީ؟" މުނީރު ފުން ނަޒަރަކުން މައާލްއަށް ބަލައިލުމަށްފަހު، ސުވާލުކޮށްލިއެވެ. މައާލްގެ އެ ޖަވާބުން މުނީރުގެ މޫނުމަތިން މާ ބޮޑު އަސަރެއް ފާޅެއް ނުވެއެވެ. ހީވާކަހަލައެވެ. އޭނާއަށް މާކުރިންވެސް މައާލްގެ ޖަވާބު އެނގެއެވެ.

"އަޅުގަނޑު ވަރަށް ވިސްނައިފިން. ރާދިންއާ ކައިވެނިކުރުމަކީ ހުވަފެނުންވެސް ދެކުނު ކަމެއް ނޫން. އެހާ އަވަސް އަރުވާލާފައި މިކަހަލަ ނިންމުންތައް ނިންމުން އެހާ ރަނގަޅެއް ނުވާނެއެއް ނޫންތަ މުނީރުބޭ..." މައާލްގެ ޖަވާބާއެކު ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ނަމަވެސް، އޭނާ ކަންބޮޑުވީ މުނީރު ގޮތް ދޫނުނުކުރާނެކަން އެނގުމުންނެވެ.

"މައާލް!" މައާލްއަށް ގޮވައިލުމަށްފަހު، ހިނދުކޮޅަކަށް މުނީރު މަޑުޖެހިލިއެވެ. އޭނާ ރާދިންއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. މައާލްގެ ސަމާލުކަން އޭނާއަށް ލިބުނުކަން ޔަޤީންވި މުނީރު ވާހަކަ ދައްކަން ފެށިއެވެ.

"މައާލްއަށް އެނގޭތަ އެންމެ ކުރިން ފަށައިގެން ވެސް މައާލްގެ ކައިވެނި ރާދިއުއާ ހަމަޖެއްސީ ކީއްވެގެންކަން. އެއީ މައާލްގެ މައިންބަފައިންނާ އަދި ޚުދު މުނިރުބޭގެ އަންހެނުން ޝަމްލާގެވެސް ވަސިއްޔަތަކަށް ވާތީ. ޝަމްލާއާއި ފަހުމާއާއި ދެމީހުންގެ އެ އެދުމަށް އެންމެ ފުރަތަމަ އާބަސްދިނީ މައާލްގެ ބައްޕަ! އެނގޭތަ އެއީ ކީއްވެގެންކަން. އެމީހުން ބޭނުންވަނީ މައާލްއަށް ވީހާވެސް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން. އެމީހުންގެ ލޯމަތިން ގެއްލޭ ހިސާބަށް މައާލް ފޮނުވަން ދުވަހަކުވެސް އެމީހުން ބޭނުމެއް ނުވޭ. އަދި ނުދަންނަ މީހެއްގެ އަތްމައްޗަށް މައާލް ހަވާލުކުރާކަށްވެސް. މައާލްގެ މައިންބަފައިންގެ ވަސިއްޔަތެއް އެއީ މި މައާލް މިއާއިލާއާ ގުޅުވުމަކީ. މައާލް އެ ދެމީހުންގެ އެ ވަސިއްޔަތަށް އިޙްތިރާމްކުރާކަށް ބޭނުމެއްނޫންތަ؟ އެ އެންމެން މިއަދު ދުނިޔެ ދޫކޮށްފައިވާއިރު، އެ އެދުން ފުއްދައި ދިނުމަކީ މުނީރުބޭގެ އަމިއްލަ ވާޖިބެއްކަމުގައި ދެކޭތީ މި ވާހަކަ މި ދެއްކީ. މުނީރުބޭއަށް ވެސް އެނގޭ މި ނިންމުން ޤަބޫލުކުރަން މައާލްއަށް ފަސޭހަނުވާނެކަން. އުނދަގޫވާނެކަން. ކޮންމެ ގޮތެއް ވިޔަސް މައާލްއަކީ މިއަދު މުނީރުބޭއާ ހަވާލުކުރެވިފައިވާ އަމާނާތެއް. އެމީހުންގެ އެންމެ ފަހުގެ އެދުން ފުއްދައިދިނުމަކީ މުނީރުބޭ އަމިއްލަ ނަފްސަށް ވެފައިވާ ވައުދެއް." މުނީރުގެ ވާހަކައިން މައާލްގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިއެވެ. އޭނާ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ރާދިންއާ ކައިވެނިކުރަން ބޭނުން ނުވިއެއްކަމަކު މައިންބަފައިންގެ ވަސިއްޔަތް އޭނާ ބޮލާލާ ޖަހާނީ ކިހިނެއްހެއްޔެވެ؟ މައާލްގެ ސިކުނޑީގައި ހައިޖާނުގަނޑެއް އުފެދުނުއިރު އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ.

މުނީރުގެ ވާހަކައިން ރާދިން ހާސްވިއެވެ. މައާލް އެކައިވެންޏާ އެއްބަސްވާނެކަމުގެ އެހާ ބޮޑު ޔަޤީންކަމެއް އޭނާގެ ބައްޕައަށް ލިބުނީ އެހެންވެހެއްޔެވެ؟ މައާލްގެ ހިމޭންކަމުގެ މާނަ ނަގަން ނޭގުނު ރާދިންގެ ހިތްވެސް ބާރަށް ތެޅިގަތެވެ.

"މައާލް! އަދިވެސް އެއްފަހަރު ވިސްނާލާފައި ޖަވާބެއް ދީ! މިވަގުތު ނުދިނަސް އެންމެ ރަނގަޅޭ!" މުނީރު ބުނެލިއެވެ.

"އިތުރަށް ވިސްނާކަށް ބޭނުމެއް ނޫން."

"މައާލްގެ ޖަވާބަކީ ކޮބާ؟" ރާދިންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. މައާލްގެ ޖަވާބެއް އެނގެން އޭނާ ވަނީ ކެތްމަދުވެފައެވެ.

"އަޅުގަނޑު ރާދިންއާ ކައިވެނިކުރަން ތައްޔާރު." ލޯ މަރައިލުމަށްފަހު، ހިތުގައި އުތުރި އަރަމުންދިޔަ ޖަޒުބާތުތައް ހިންދައިލަން މަސައްކަތް ކުރަމުން މައާލް އޭނާގެ ނިންމުން މުނީރުއާ ރާދިންއަށް އިއްވައިލިއެވެ. މައާލް އާބަސް ދިނީ އޭނާގެ މައިންބަފައިންގެ ހައްޤުގައެވެ. އޭނާގެ އެ ނިންމުމާއެކު ރާދިންގެ ނަފްރަތު އޭނާއަށް އަމާޒުވާނެކަން ވެސް މައާލްއަށް އެނގެއެވެ. އަދި އޭނާއަށް އެ ވަދެވުނީ ފުންމިން ނޭނގޭ ވަޅުގަނޑަކަށް ކަންވެސް އޭނާއަށް އެނގެއެވެ.

މައާލްގެ ޖަވާބާއެކު ރާދިންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ އިންޒާރުތަކަށް ފަހުވެސް މައާލް އެކަމަށް އެއްބަސްވީތީ އޭނާގެ އެތެރެހަށީގައި ރުޅިވެރިކަން އުތުރި އަރަން ފެށިއެވެ. އެވަގުތު މައާލްއާ ދިމާލަށް އެއްޗެއް ބުނަން އަނގަ ހުޅުވައިލި ނަމަވެސް، މުނީރު އިނުމުން އެ ހިތްވަރެއް ރާދިންއަކަށް ނުލިބުނެވެ. ކާތަށި ދުރުކޮށްލުމަށްފަހު، ރާދިން ތެދުވެގެން ދާން ހިނގައިގަތުމުން މުނީރު ގޮވައިލިނަމަވެސް، އޭނާ ފަސް އެނބުރިބަލައެއް ނުލިއެވެ. ރާދިން ނުކުމެގެން ދިޔުމުން މުނީރު މައާލްއާ ވާހަކަ ދެއްކިއެވެ.

"ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމީމަ ރާދިންއަށް އުނދަގޫވީ. ރާދިން އެއްބަސްވާނެ. މައާލް އެކަމާ ހާސްނުވޭ! ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދާނީ މައާލް ރަނގަޅުވީމައޭ... " މުނީރު ބުނެލިއެވެ. މައާލް ބޯ ޖަހައިލުމަށްފަހު، އިސްޖަހައިލި ނަމަވެސް، އޭނާގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. ރާދިންގެ ފަރާތުން ދެން އޭނާއަށް ކުރިމަތިވާނީ ކޮންކަހަލަ އަނިޔާތަކެއްކަން ނޭނގޭ ޙާލު އޭނާގެ ނުތަނަވަސްކަން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ.

ކައިގެން މައާލް، އެމާ އާއެކު ކޮޓަރިއަށް ގޮސް އޮށޯވެލި ނަމަވެސް، އޭނާގެ ހާސްކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ކޮޓަރިތެރޭގައި އެގޮތަށް އޮންނަން ވުމުން ހާސްކަން ބޮޑުވެ އޭނާގެ ނޭވާއަށް ކޮންމެވެސް ވަރަކަށް އުނދަގޫވާ ގޮތްވިއެވެ.

"ބޭރަށް ނުކުމެލާނަންތަ؟' އެމާއަށް މައާލްއަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވުމާއެކު ބުނެލިއެވެ. މައާލް ބޯ ޖަހައިލުމުން އެމާ މައާލް ގޮވައިގެން ބޭރަށް ނުކުންނަން އަވަސްވެގަތެވެ.

*****

މުނީރު ގޮސް ރާދިންގެ ކޮޓަރިއަށް ވަތްއިރު ރާދިން ފެންނާކަށް ނެތެވެ. އޭނާ ދެން އެރީ ޓެރެސްއަށެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ރާދިން ހުރިތަން ފެނި އޭނާ ރާދިންއަށް ގޮވައިލަމުން ގޮސް ރާދިންގެ ކައިރީގައި ހުއްޓުނެވެ. ފިނި ރެއެކެވެ. ޖެހެނީ ތެތްފިނި ވައިރޯޅިތަކެކެވެ. އުޑުމަތި ސާފެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ކުދި ޖަވާހިރުތަކެއްފަދަ ތަރިތަކުން މުޅި އުޑުމަތި ވަނީ ޖަރީކޮށްލާފައެވެ.

"ރާދިން! ދަރިފުޅާ!" މުނީރުގެ ގޮވުމަށް އިޖާބަދޭކަށް ރާދިން ބޭނުމެއްނޫނެވެ.

"އެހެންވެތަ ބައްޕައަށް އެހޭ ޔަޤީންކަން އޮތީ މައާލް މި ކައިވެންޏާ އެއްބަސްވާނެކަމަށް؟ މައާލް ގަބޫލަސް އަޅުގަނޑު ގަބޫލެއް ނޫން. ދުވަހަކުވެސް ނުވާނަން." ރާދިން ރުންކުރު ޖަވާބެއް މުނީރަށް ދިނެވެ.

"ރާދިން... ވިސްނަަބަލަ.. ދަރިފުޅުގެ މަންމަ..."

"އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން. އަޅުގަނޑު ބައްޕައާ ޒުވާބުކުރާކަށް ބޭނުމެއް ނޫން. މީ އަޅުގަނޑު ގެ އެންމެ ފަހުގެ ނިންމުން. އަޅުގަނޑު މައާލްއާ ކައިވެންޏެއް ނުކުރާނަން." އެހެން ބުނެލުމަށްފަހު، ރާދިން އެތަނުން ދާން ހިނގައިގަތެވެ.

"ތީ އެހެންވީމަ ރާދިންގެ ފަހުގެ ނިންމުންދޯ. ދެން އަޑު އަހާ ބައްޕަގެ ނިންމުން." މުނީރުގެ އަޑު އިވުނު ރާދިންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

"ރާދިން ޖެހޭނީ މި ކައިވެނިކުރަން. ބައްޕަގެ ނިންމުން ބަދަލެއް ނުވާނެ! ރާދިން ބޭނުންތަ ރާދިން ތިއުޅޭ އަރާމު ދިރިއުޅުމުގަ އުޅެން. ރާދިންއަށް މަދުވަނީ ކޯންޗެއްތަ؟ ބޭނުން ވަރަކަށް ފައިސާ ލިބޭނެ. ބޭނުން އެއްޗެއް ގަނެވޭނެ. ރާދިން ފައިސާއިން ކުރާ އެއްކަމެއް ވެސް ބައްޕަ ނުބަލަން. އޮފީހަށް ދާން ބޭނުންނުވީމަ އެކަމަށްވެސް މަޖުބޫރެއް ނުކުރަން. ރާދިން ތިއުޅޭހެން އުޅެން ބޭނުންނަމަ ރާދިން ޖެހޭނީ މި ކައިވެނި ކުރަން. މިހުރިހާކަމެއް އެއްކިބާކޮށްފައި މިއަދު ދުނިޔޭގައި ނެތް ރާދިންގެ މަންމަގެ ވަސިއްޔަތް ފުރިހަމަކޮށްދޭން ވެސް ރާދިން ޖެހޭނީ މިކަން ކުރަން." މުނީރު ހަރުކަށިކަމާއެކު، ބުނެލިއެވެ. ދެއަށް މުށްކަވައިލުމަށްފަހު، ޖީބަށް ޖަހައިލި ރާދިން، ޓެރެސްއިން ފޭބީ އިތުރު އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ. ގޭގައި ހުންނަން ވެސް ބޭނުންނުވެ ހުރެ އޭނާ ގެއިން ނުކުންނަން ހިނގައިގަތީ ބާރު ފިޔަވަޅުގައެވެ. މައި ދޮރުން ނުކުމެލުމާއެކު، އޭނާގެ ލޮލުގައި އެއްފަރާތުގައި އިން މައާލް އަޅައިގަތެވެ. މައާލްގެ ކައިރީގައި އެމާ ހުއްޓެވެ.

"އެމާ.. އެހަށް މިތަނުން ގޮސްލަބަލަ! އަހަރެން ބޭނުން މައާލްއާ އެކަނި ވާހަކަ ދައްކައިލަން." ރާދިންގެ އަޑު އިވި މައާލްއަށް ހިންދިރުވައިލަންވެސް އުނދަގޫވިއެވެ. އެމާ ގާތު އޭނާ އެކަނިކޮށްލާފައި ނުދިއުމަށް އެދި އާދޭސް ކުރަން ބޭނުންވިނަމަވެސް، ދުލުން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. ދުލުގައި ހީވަނީ ތަޅެއް ލެވިފައިވާހެންނެވެ. ނޫނީ މީހަރު ހިފައްޓާ ބާރުކޮށްލާފައި ވާހެންނެވެ.

އެމާ ދިޔަކަން ޔަޤީންވި މައާލް ހިތްވަރުކޮށްފައި ވާހަކަ ދެއކްިއެވެ.

"ރާދިން!... އަހަރެން ބޭނުމެއް ނޫން. ބޭނުމެއް ނޫން ރާދިންއާ ވާހަކަ ދައްކާކަށް. ހަމަ މިހާރު މިތަނުން ދޭ. އެހެން ނޫނީ..." ޖެހިލުންވި ނަމަވެސް މައާލް ވާހަކަ ދެއްކިއެވެ.

"އެހެންނޫނީ..." ރާދިން މައާލްގެ ގޮނޑިއާ ކައިރިއަށް ޖެހިލިއެވެ.

"މުނީރުބޭއަށް ގޮވާނަން." ބުނާނެ އެއްޗެއް ނޭނގި މައާލްއަށް ބުނެވުނެވެ. ރާދިން ކުއްލިއަކަށް މައާލްގެ ގޮނޑީގެ ދެފަރާތުގައި ހިފައްޓައިލުމަށްފަހު، މައާލްއާ ދިމާލަށް ގުދުވެލިއެވެ. އެއާއެކު މައާލްގެ މޫނަށް ރާދިންގެ ހޫނު ނޭވާތައް އެޅެން ފެށިއެވެ.

"ދެން ހަޅޭއްލަވާބާލަ! ކެރެންޏާ އެންމެން އެއްކޮށްބަލަ މިތަނަށް." ރާދިން ބުނެލިއެވެ. މައާލްގެ ނޭވާ އަވަސްވިއެވެ.

"ރާ... ރާދިން. އަހަރެން... އަހަރެން އެބަ ބިރުގަނޭ..." މައާލް ބުނެލިއެވެ. އެއްމިޔަކަށް ހިނިތުންވެލުމަށްފަހު، ރާދިން މައާލްއާ ވާހަކަ ދެއްކިއެވެ.

"އިންނަން އެއްބަސްވީ އަހަރެން ކަލޭއާ މެދު ހަމްދަރުދީވެގެން މި ކައިވެންޏަށް އެއްބަސްވާނެކަމަށްތަ؟ ހުވަފެނުންވެސް ކަލޭ އުންމީދުނުކުރައްޗޭ އެކަމަށް." ރާދިން އެ ހުރިގޮތަށް ހުރެ ބުނެލުމަށްފަހު، ހަށިގަނޑު ސީދާކޮށްލީ މައާލްގެ ދެލޮލުން ބިރާ ސިހުމުގެ އިތުރުން ކަރުނައިގެ އަސަރު ފެނިލުމުންނެވެ. މައާލްގެ މަޖުބުރީ ޙާލަތާމެދު ކުޑަވެސް ފަރުވާލެއް އޭނާގެ ނެތެވެ.

ރާދިން ގޮސް ސައިކަލަށް އަރާ ދުއްވައިލީ އިތުރަށް އެތަނުގައި ހުރެއްޖެނަމަ މައާލްއާ ދިމާލަށް ކިޔަން ބޭނުންނުވާ އެތައް އެއްޗެއް ކިޔޭނެކަން އޭނާއަށް ޔަޤީންވުމުންނެވެ. ރާދިން އޭނާގެ ސައިކަލު ސްޓާރޓްކޮށްލަމުން ދުއްވައިލުމުން ރާދިން ދިޔަކަން ޔަޤީންވެ މައާލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ނަމަވެސް، އޭނާގެ ހަށިގަނޑުގައި ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ރަސްކަން ކުރަމުން ދިޔައެވެ. ބިރާ ސިހުމުގެ އިތުރުން ގޮތް ހުސްވެ މާޔޫސްކަމުގެ އަސަރުތަކުން އޭނާގެ ހަށިގަނޑު ހީވަނީ ކުދިކުދި ވެދާނެހެންނެވެެ.

ސައިކަލުގެ ދުވެލި އެހެންޏާ ބަހައްޓާވަރަށް ވުރެ ބާރަށް ބަހަައްޓައިގެން ރާދިން ސައިކަލު ދުއްވަމުން ދިޔައެވެ. އޭނާ މަޑުކޮށްލީ މާފަންނުކޮޅުގައި ހުންނަ ގެއެއްގެ ކުރިމައްޗަށެވެ. ނުވަ ބުރިއަށް ނަގާފައިވާ އެ ގެއަށް ވަނުމަށްފަހު، ލިފްޓަށް އަރާ ާދިން 4 ވަނަ ފްލޯއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ގޭގެ ބެލްއަޅައިލުމަށްފަހު، ރާދިން މަޑުކޮށްލިއެވެ.

"ރާދިން.."

އެތެރެއިން ދޮރު ހުޅުވައިލީ ސަޖާއެވެ. ރާދިން ހުރި ގޮތް ފެނި ސަޖާގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު