ގިނަ ދުވަސްތަކަކަށް ފަހު މަޑަވެލި-ހޯނޑެއްދޫ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފި

2017 ވަނަ އަހަރު މަޑަވެލި ހޯޑެއްދޫގައި ހަދާފައިވާ ކޯޒްވޭ / ފޮޓޯ: އެމްޓީސީސީ

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މި މަޝްރޫއުގެ ސައިޓް މަސައްކަތްތައް ފަށާފައިވާއިރު، އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ މަޑަވެއްޔާއި ހޯނޑެއްދޫ އަދި ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ. މިހާރު ކުރަމުންދަނީ ހޯނޑެއްދު އާއި ކަންނިގިއްލާއާ ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ.

މަޑަވެލި-ހޯންޑެއްދޫ ބްރިޖު މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، 262 މީޓަރުގެ މަގެއް ހަދައި މަގު މާކު ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ބްރިޖަށް ވާ ގޮތަށް 383 މީޓަރުގެ ދިގުމިނަށް ކޯޒްވޭ އަލުން ތަރައްގީކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ މަގްސަދަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓަރުތައް ބެދި އޮއިވަރު ބްލޮކުވުމުގެ ސަބަބުން އެ ދެ ރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މަޑަވެއްޔާއި ހޯޑެއްދޫ މީގެ ކުރިން ވެސް ކޯޒްވޭއަކުން ގުޅާލިއެވެ. ނަމަވެސް ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށް ބުނެ އެ ދެ ރަށުގެ ބަޔަކު ނުކުމެ ތިން ފަހަރެއްގެ މަތިން ކޯޒްވޭ ކަނޑާލާފައިވެއެވެ.

އެންމެ ފުރަތަމަ 2018 ވަނަ އަހަރު ކޯޒްވޭ ކަނޑާލުމަށްފަހު އޭގެ ފަހުން މިދިޔަ އަހަރު އޮގަސްޓު މަހު ވެސް ހޯޑެއްދޫ ބަޔަކު ނުކުމެ އަނެއްކާ ވެސް އެތަން ކަނޑާލިއެވެ.

comment ކޮމެންޓް