ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވެއްޖެ

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗުކަމާ ކުރީގެ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވެއްޖެއެވެ.

ޓުޗެލް ބަޔާނާ އެކު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކޮށް، މިއަދު މީޑިއާ އަށް ވަނީ ތައާރަފްކޮށްފައެވެ.

ޓުޗެލް މަގާމާ ހަވާލުވެ މީޑިއާއާ ވާހަކަދައްކަމުން ބުނީ ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވެވުމަކީ އޭނާއަށް ލިބުނު ފަހުރެއްކަމަށެވެ. މީގެ އިތުރުން ޓުޗެލް ބުނީ އޭނާއަށް ބަޔާންއާއެކު ހުރިހާ ތައްޓެއް ވެސް އުފުލާލެވޭނެ ކަމަށެވެ.

"ބަޔާންގައި އޮތް ސްކޮޑަކީ ވަރަށް ވަރުގަދަ ސްކޮޑެއް، އެހެން ޓީމުތަކުން ބަޔާން ރޭޓު ކުރަނީ ވަރަށް ވަރުގަދަކޮށް. އެ ޓީމުތަކުން ބަޔާންއާ ދެކޮޅަށް ކުޅެން ޖެހުލުންވޭ" ޓުޗެލް ބުންޏެވެ.

ބަޔާންގެ ކޯޗުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ނާގަލްސްމަން ބަޔާންގެ ކޯޗުކަމުން ވަކިކުރީ ވޯލްޑް ކަޕަށް ފަހު އަލުން ސީޒަން ފަށައިގެން، ބަޔާނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ބަޔާންގެ ބައެއް ކުޅުންތެރިންނާ ނާގަލްސްމަން މައްސަލަޖެހި ޓީމުގައި ނުތަނަވަސްކަން ހުރިކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޒަމާނުއްސުރެ ޖަރުމަނު ލީގު ލީޑު ކުރަމުންއައީ ބަޔާންއިންނެވެ. ބަޔާން ނޫން ޓީމެއް ޖަރުމަނު ލީގު އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.

މިހާރު އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ޓުޗެލް އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ އިނގިރޭސި ކުލަބު ޗެލްސީއަށެވެ. ޓުޗެލް އެ މަގާމަށް ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޓުޗެލްގެ ކޯޗު ކަމުގައި 2020/21 ވަނަ އަހަރު އޭނާ ވަނީ ދެވަނަ ފަހަރަށް އެ ޓީމަށް ޗެމްޕިއަންސް ލީގު ހޯދަ ދީފައެއެވެ.

comment ކޮމެންޓް