އަނިޔާއަށް ފަހު އަމީތާބު އެނބުރި މަސައްކަތަށް

އަމީތާބު ބައްޗަން---

ދެ ހަފުތާ ކުރިން ފިލްމު "ޕްރޮޖެކްޓް ކޭ"ގެ ޝޫޓިން ތެރޭގައި ލިބުނު އަނިޔާއަށް ފަހު އެނބުރި ފިލްމުގެ މަސައްކަތާއި އެކްޓަރު އަމީތާބު ބައްޗަން ގުޅިއްޖެއެވެ.

ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ އަމީތާބު ބުނެފައިވަނީ، ހަށިގަނޑަށް ލިބުނު ނާޒުކު ގެއްލުމާ އެކު ވެސް ޢާއިލާގެ އަޅާލުމާއި ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބާ އެކު ސިއްޙަތު ކުރިއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ކަމަށެވެ.

އަމިއްލަ ބްލޮގްގައި ޞިއްޙީ ޙާލަތު ބަޔާން ކުރަމުން 80 އަހަރުގެ އެކްޓަރު ބުނެފައިވަނީ، މޭ ކަށިގަނޑަށް ލިބުނު ގެއްލުން އެއްކޮށް ރަނގަޅު ނުވާ ކަމަށެވެ. އެހެންނަމަވެސް ޞިއްޙީ މާހިރުންގެ ލަފާގެ މަތިން ތާވަލާއި އެއް ގޮތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ ބުނެފައިވަނީ ސިއްހަތު ތަންދޭނަމަ މަސައްކަތްތައް ފަހަށް ބެހެއްޓުމަކީ އެއްވެސް އިރެއްގައި ކުރަން ބޭނުންނުވާ ކަމެއް ކަމަށެވެ.

އެނބުރި ފިލްމީ މަސައްކަތާ ގުޅުނު ނަމަވެސް މޭ ކަށިގަނޑަށް ލިބިފައިވާ ގެއްލުމަށް އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ. އެހެންކަމުން އެހާ ޙަރަކާތްތެރިކޮށް އަދި އުޅުމަކީ އަމީތާބަށް ފަސޭހަކަމެއް ނޫނެވެ. ދާދި އަވަހަށް މި ކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނާގު އަޝްވިންގެ ސައިންސް ފިކްޝަން ފިލްމު "ޕްރޮޖެކްޓް ކޭ"ގެ ސެޓުގައި އެކްޓަރަށް އަނިޔާ ލިބި ފަރުވާ ހޯދަމުން އަންނައިރު އަމީތާބު ވަނީ މި އަހަރު އެކަނި ވެސް އިތުރު ހަތަރު ފިލްމަކަށް ސޮއި ކޮށްފައެވެ.

comment ކޮމެންޓް