މުޑިކާށި ޕުޑިން ކެއިންތަ؟

މުޑިކާށި-

ދިވެހިންނަކީ ތަފާތު އެކި ކަހަލަ ކާ އެއްޗެހި އުފެއްދުމަށް ގިނަ ތަޖުރިބާކޮށް އުޅޭ ބައެކެވެ. ދިވެހިންނަށް ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން މީގެ ކުރިން އާންމުކޮށް ހަދައި ނޫޅޭ ތަފާތު އެކި ކަހަލަ ފިއުޝަން ޑިޝްތައް އަންނަނީ މަގުބޫލު ވަމުންނެވެ.

މިއިން އެކައްޗަކީ މުޑިކާށި ބޭނުންކޮށްގެން ޕުޑިން އެއް ނުވަތަ "ފްލާން" އެއް ތައްޔާރު ކުރުމެވެ.

ރުކުގެ އެއްވެސް ބަޔަކީ ދިވެހީން ބޭނުންނުކޮށް ދޫކޮށްލާ ބައެއް ނޫނެވެ. އެ ގޮތުން މި ފަހަރު މުޑިކާށްޓެވެ. މުޑިކާށްޓަކީ ދިވެހީން ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރި އެއްޗެކެވެ. ނަމަވެސް މި ފަހަކަށް އައިސް މުޑިކާށި ބޭނުންކޮށްގެން ތަފާތު އެއްޗެހި ހަދައި ތަން އަންނަނީ ފެންނަމުންނެވެ.

މީގެ ތަންކޮޅެއް ކުރިން ވަނީ މުޑިކާށީގެ މިލްކްޝޭކެއް ފެނިފައެވެ. ނަމަވެސް ދާދި ފަހުން އާންމުންގެ ސަމާލުކަމަށް އަންނަން ފަށާފައިވަނީ މުޑިކާށި ބޭނުންކޮށްގެން ހަަދާފައިވާ ޕުޑިންއެވެ. މި ކަމަށް ބޮޑު ސަމާލު ކަމެއް އައިސްފައިވަނީ ޓިކްޓޮކްގައި "ސާސަމާހަތު" ނަމަކަށް ކިޔާ ޔޫޒަރެއް ޕޯސްޓުކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ޓިކްޓޮކުގައި އޭނާ މުޑިކާށި ބޭނުންކޮށްގެން ޕުޑިން އެއް ހަދައިގޮތް ކިޔައިދެއެވެ. އިންސްޓަގްރާމްގައި "ފުޑްނެސް ބައި ސީ"ގެ ނަމުގައި ފުޑް ބްލޮގް ކުރާ ސަމާހަތަކީ ދިވެހި ރަހަތަކަށް ބަލައިގެން މީރު ކާ އެއްޗެހި އުފައްދައި އާންމުންނަށް އެ ހަދާނެ ގޮތް ކިދައިދޭ ޒުވާނެކެވެ.

މުޑިކާށި ޕުޑިން އަށް ބޭނުންވާ ތަކެއްޗަކީ،

5 މުޑިކާށި

6 ކުކުޅު ބިސް

3/2 ދަޅު ގެރިކިރު

1 ސައި ސަމުސާ ވެނީލާ އެސެންސް

ސަމާ ކިޔައިދޭ ގޮތުގައި ޕުޑިން ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެންމެ ފުރަތަމަ ބްލެންޑަރަކަށް އަޅައި އެއްކޮށްލާނީއެވެ. މުޑިކާށި ރަނގަޅަށް ހިމުންވުމުން، އެ ނެގުމަށްފަހު ޓްރޭއަކަށް އަޅައި އަވަނުން ފިހާނީއެވެ. އަވަނުގެ ހޫނު މިން 150 ޑިގްރީގައި ބަހައްޓައި ޕުޑިން ފިހާނީ ބައި ގަޑިއިރަށެވެ.

ފަސޭހައިން މާ ގިނަ މަސައްކަތްތަކެއް ކުރުމެއް ނެތި ތައްޔާރުކޮށްލެވޭ މި ޕުޑިން އަކީ ރޯދަ މަހު ފޮނި އެއްޗެއް ތައްޔާރު ކުރަން ބޭނުންވާ ނަމަ ތަޖުރިބާ ކޮށްލަން ރަނގަޅު އެއްޗެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު