"ކޮންމެ ދުވަހަކު ކީރިތި ގުރުއާން ކިޔަވާނަމަ ހިތް ސާފުވުމާއި، ވިސްނުމުގެ ބާރުގަދަވުމާއި، ހިތްހަމަޖެހުން އިތުރުވުން، އުފާވެރި ކަން އިހުސާސްވުން، ގުރުއާނުގެ ނޫރުން މީހާގެ ސުލޫކު ބަދަލުވުން އަދި ދުނިޔަވީ ކަންކަމުގައި މާތްﷲ ހެޔޮގޮތް މެދުވެރިކުރައްވާނެއެވެ."

***

"ތިހާވަރުން މީހަކާއި ނީންނާނަމޭ ކިޔައިގެން އުޅެފައި ކިހިނެއް ތިހެދީ؟" މިކާއިލް ޔަގީންކުރީ ޖަބްރީލް ގެ ކައިވެންޏަކީ ލޯބީގެ ކައިވެންޏެއްކަމަށެވެ. އޭނަ ފަދައިން ޖަބްރީލްއަށް ދިރިއުޅުމުގައި ކަމަކަށް މަޖުބޫރުކޮށްފާނެފަދަ ނުފޫޒުގަދަ މީހަކު ވެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.

"މިކާ. އަހަރެންވެސް ތި ނިގާބީއާއި ކައިވެނިކުރަން ބޭނުމީ....." ޖަބްރީލްއަށް އެ ޖުމްލަ ބުނެވުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ."ބައްޕަ ގާތު ބުނޭ އެއީ އަހަރެންގެ ލޯތްބޭ..."

"ގޯޑް.ކިރިޔާނު ގޯހެއް ނެހެދުނީ..."

މިކާއިލް މޫނުގައި އަތް އަޅައިލުމަށްފަހު ހިނިގަނޑެއް ޖަހައިލިއެވެ. ވަގުތުން އޭނަ ބައްޕަގެ ފޯނަށް ގުޅަންފެށިއެވެ. ދެތިން ފަހަރު ރިންގުވާއިރަށް ބައްޕަ ޖަވާބުދިނެވެ."ބައްޕަ އަޅުގަނޑާއި ކައިވެނިކުރުވަން އުޅުނު އަންހެންކުއްޖާއަކީ ކޮއްކޮގެ ލޯބިވެރިޔާ. އެކައިވެނިކޮށްފިއްޔާ ފެމިލީ މައްސަލަތައް ޖެހުން ނޫންކަމެއްނުވާނެ. އެހެންނޫނަސް މުޅި އުމުރަށް ގިލްޓްގައި ހުންނަން ޖެހޭނީ. ކޮއްކޮގެ ލޯބިވެރިޔާ ޖަހައިގަނެވުނީމަ. އައިމް ސޮރީ ޑޭޑް. ތި ކައިވެނި ކުރާކަށް ނުކެރޭނެ. ޖަބްރީލް ޑިޒާވްސް ލަވް......"

އެކޮޅުން ބުނި އެއްޗެއް ޖަބްރީލްއަކަށް ނީވުނެވެ.

"އަޅުގަނޑުވެސް ލައިކްވާކުއްޖެއް އެބަހުރި...."

"އޯކޭ ޑޭޑް ބާއި.."

މިކާއިލް ޖަބްރީލް ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. އޭރު ޖަބްރީލްގެ ނިތްކުރީގައި ދާތިކިތައް ވިދައެވެ.

"އައިމް ގްލޭޑް ބޫ މައިންޑް ޗޭންޖުކުރީމަ. އަންހެނުންގެ ހިޔަނި އެޅުނަސް ނައްޓާކަމަށް ހީކުރީ. އަންހެނެއްގެ ނަން ގަންނަން ބޭނުންނުވާ ކުއްޖަކަށް ލޯބި ލިބުނީމަ އެލޯބި ޖަހައިގެންފިއްޔާ ދުވަހެއްގެ ކޮޅުންވެސް މީހަކަށް އިތުބާރެއް ނުކުރާނެކަން އެނގޭ.......ކޮންގްރާ...އައިމް ޕްރައުޑް އޮފް ޔޫ. އެންޑް ތޭންކްސް. ދޮންބެ ބޭނުންނުވާ ކައިވެންޏަކުން ސަލާމަތްކޮށްދިނީމަ. ޔޫ އާ އެން އެންޖެލް...."

ޖަބްރީލް ތުންފަތުގައި ދަތް އަޅައިގެންފާ ތިރިއަށް ބަލަންފެށިއެވެ. ހަގީގަތް ހާމަކުރަން ބޭނުންވިއެވެ. އޭނައަށް އެކުއްޖާ ފެނި ކަމުދިޔައީއެވެ. އެނޫނީ އެއީ އޭނަގެ ލޯތްބަށް ވާންޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތެވެ. އޭނައަށް މިކުރެވުނީ ކީއްހެއްޔެވެ؟ ކަނޑައެޅިގެން ދޮގެއް ހެދުނީއެވެ. ދޮގެއްގެ މައްޗަށް ދިރިއުޅުން ބިނާކުރެވޭނެހެއްޔެވެ؟އެފަދަ ގުޅުމަކަށް ރަހުމަތް ލައްވާނެހެއްޔެވެ؟ އެ އަންހެންކުއްޖާގެ ލޯ ފެނުމުން ހިތަށް ކުރެވުނު އަސަރަކީ ލޯބިކަމުގައި ނިންމުން މާ އަވަހެވެ. އެކުއްޖާއަކީ އޭނަގެ ޓައިޕްކަމެއްވެސް ނޭގެއެވެ. މިކާއިލްގެ މުސްތަގުބަލުގެ އަލިކަން ކަމުގައިވި ހަނދު އޭނަ ޖަހައިގަތުމަކީ ނޭގުނަސް މިކާއިލްއަށް ދެވުނު ދެރައަކަށްވެސް ވެދާނެއެވެ. އަދި ހުރިހާކަމަކަށްވުރެ ސިކުނޑިއަށް އުދަގޫވީ ޚަލީސީގެ ޚިޔާލުތަކެވެ.

މިކާއިލް ގެއިން ދިޔުމާއެކު ޔަޝަލްއަށް ގޮވާ ގެނެސް އޭނަގެ އެކުވެރި ނިގާބީ އަންހެންކުއްޖާގެ ނަމްބަރު ދިނުމަށް އެދުނެވެ.ޔަޝަލް ހައިރާންވިއެވެ. ސުވާލުކޮށްލަން ނުކެރުނެވެ. މިކާއިލްއާއި ކައިވެނިކުރަން ހަމަޖެހިފައިވާކަން އެނގޭ ކަމަށާއި އެކަމާއިބެހޭގޮތުން އެކުއްޖާއާއި ވާހަކަދައްކަން ބޭނުންވަނީ ކަމުގައި ބުނެލިއެވެ. ޔަޝަލް ބުނީ ރުބާބްއަށް ގުޅައިގެން ގެންނާނީކަމަށާއި ބޭނުން ވާހަކައެއް ސީދާ ދެއްކުމުން މާ ފަސޭހަވާނެކަމުގައެވެ. ނުދަންނަ ނަމްބަރަކުން ގުޅައިގެން ރުބާބް ފޯނު ނުނަގަފާނެކަމުގައި އޭނަ ބުނުމުން ޖަބްރީލް ހިތާހިތުން އުފާކުރިއެވެ. ހީކުރިވަރަށްވުރެ މާތް އަންހެންކުއްޖެކެވެ. ހަގީގަތް އެނގެމުން ދިޔަވަރަކަށް ބޮޑަށް ހިތް ޖެހުނީއެވެ.

***

ރުބާބް ދޮރުމަތީގައި ހުރިތަން ފެނި ޖަބްރީލް ފިނިވިއެވެ. ކަޅު އަބާޔާއަކާއި ބޮޑު ބުރުގާ އަދި މޫނަށް ވައްޓާލާފައިވާ ފޮތިކޮޅުގެ ސަބަބުން އެ ރީތި ދެލޯ ފިޔަވާ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް ނުފެނެއެވެ. ޖަބްރީލްއަށް އެވަރުވެސް ފުދުނެވެ.

"މިކާއިލް ގެ ފިއާންސޭ؟"

ރުބާބްގެ ލޮލުން އޭނަ ހިނިތުންވެލިކަން އެނގުނެވެ. ޖަބްރީލްގެ ދައުވަތަށް ނިގާބީ އަންހެންކުއްޖަކު އިންތިޒާރުގައި ހުރުމުން އަދި ވަކިން ހައިރާންވިއެވެ. ރުބާބްވެސް އޭނައާއި ގަޔާވީހެއްޔެވެ؟ "މިކާއިލް ބޭނުންވެގެން ކުރެވެން އުޅޭ ކައިވެންޏެއްނޫން. އޭނައަށް ހުށަހެޅުން ގަބޫލުކުރަން މަޖުބޫރުވީ..........."

"ރިއަލީ؟ އެންމެ ރަގަޅު، ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށޭ ބުނެއުޅޭ.. އަހަރެންގެ ނަމަކީ ރުބާބް. ކްލޯޒް އެންމެންވެސް ކިޔަނީ ބާބް.........."ރުބާބްގެ ޖުމްލައިން ޖަބްރީލްއަށް ހީލެވުނެވެ. ދެމީހުންގެ ނަން ގުޅުމަކީވެސް ހެޔޮ ފާލެކެވެ. ބޫ އާއި ބާބްއެވެ. މާ ބޮޑަށްވެސް އެބަ ގުޅެއެވެ.

"އަަހަރެން އަބަދުވެސް ބޭނުންވީ ނިގާބީ އަންހެންކުއްޖެއް. ހާފިޒާއެއް. ޔަޝަލްގާތުން މައުލޫމާތު ހޯދުމުން އެންމެ ގަޔާވާ ޒާތުގެ ސިފަތައް ފެނިއްޖެ. އެހެންވެ ހިތަށް އެރީ....އަހަރެން ބޭނުން ރުބާބްއާއި ކައިވެނިކުރަން.." ޖަބްރީލް ޖެހިލުންވި ނަމަވެސް ފުރުސަތުގެ ބޭނުންހިފިއެވެ. ހަގީގީ ސަބަބު އޭނަ ހާމައެއް ނުކުރެއެވެ." ވިސްނާލާފައި ޖަވާބެއް ދެއްޗޭ..އެވާހަކަ ބުނަން ބައްދަލުކުރީ. އަދި މިއީ ދެމީހުން ދޭތެރޭ އޮތް ސިއްރަކަށް ހަދާނެކަމަށް އުއްމީދުކުރަން.."

ރުބާބްގެ ލުއި ހުނުމުގެ އަޑު ޖަބްރީލްގެ ކަންފަތުގައި ޖެހުނެވެ.

އޭނަގެ އަމިއްލަ ހިތްވަރާއި ޖެހިލުންކުޑަކަމާއިމެދު ހައިރާން ހީވިއެވެ. އޭނައަކީ އަންހެންކުދިން ފެނުނަސް ފިލަން ދުވާ މީހެކެވެ. އެމީހުން ކުރިމަތީގައި އަނގަ ހުޅުވައިލުން މިހާ ފަސޭހަވަނެކަމަށް އޭނަ ވެސް ހިޔެއްނުކުރެއެވެ. ރުބާބްގެ ކުރިމަތީގައި އޭނަގެ ހިތުގެ އެދުން ހުށަހެޅިއްޖެއެވެ. ފަހުން ވެދާނެ ގޮތަކާއިމެދު ވިސްނައިލާކަށްވެސް ހިތަށް ނޭރިއެވެ.

***

ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ރަހުމަތުގެ ދުވަސްތަކެވެ. ﷲގެ ރަހުމަތުން އިންސާނުންނަށް ދެއްވާފައިވާ ނިއުމަތް ގުނާ ކޮޅަކުން ނުލާނެއެވެ. ޖަބްރީލް ނަމާދުކޮށްގެން ދުޢާކުރަން އިންދާ ލޮލުން ކަރުނަ ތިކިތައް ތިރިއަށް ދެމިގަތެވެ. މިސްކިތުން ފައިބައިގެން އޭނަގެ ކާފަ ގާތަށްގޮސް ވަގުތުހޭދަކުރިއެވެ. މަންމަ ގޭގައިހުރިކަން ކާފައަށް އެނގުނީ ކިހިނެއްކަމެއްވެސް ނޭގުނެވެ. ކާފަ އެދުނީ ގެއަށް ގެންދިޔުމަށެވެ. ޖަބްރީލް ވައުދުވީ އެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. ކާފަގެ ކޮޓަރީގައި ކަރަންޓުލާ ނިންމަންޖެހޭ ކަންތައްތައް ހުންނާނެއެވެ. ގެއަށް ވަނުމާއެކު ހިތުގެ ހަމަޖެހުން ދިޔަތަނެއްވެސް ނޭގުނެވެ. އޭނަގެ މަންމައާއި ތަންޒީލާ އަކްރަމް އަދި ޚަލީސީ އޭނަގެ އިންތިޒާރުގައި ތިއްބެވެ. ސޯފިޔާގެ ދެލޯ އުފަލުން ވިދަމުން ދިޔަގޮތުން އެކަމާއި ހިތްހަމަޖެހިފައި އިންވަރު އެނގުނެވެ. ހަކާން ބަލިވެގެން ނާދެވުނީކަމުގައި ތަންޒީލާ ބުނެލިއެވެ.

ޖަބްރީލް ގަދަކަމުން ހިނިތުންވެލިއެވެ. ޚަލީސީ ކުޑަޔަަކަސް ތޫނު އަޑެއްހުރެއެވެ.

"ހެލޯ ބޫ.....އައި ވޯޒް ވެންޑަރިން ޖަބްރީލްއަށް ބޫ ކިޔަން ޖެހުނީ ކީއްވެހެއްޔޭ؟ ހުރިހާ ނަންތަކުގެ ތެރެއިން ލައިކް..ކީއްވެ ބޫ............." ޚަލީސީގެ އަޑު އިވިގެން ޖަބްރީލްގެ ބޮލަށް އެހާ އުދަގޫވި ގަޑިއެއް ނާދެއެވެ. އިނގިރޭސިން ވާހަކަނުދައްކަން ބުނަން ކިތަންމެ ފަހަރަކު ޖަބްރީލް ހިތަށް އަރައިފިއެވެ.

"ބޫ އަމިއްލައަށް ދިން ނަމެއް...އަމިއްލަ ނަފުސަށް ބޫކިޔަން ފެށީ..." ސޯފިޔާ ބުނުމުން ޚަލީސީ މަޖާވެލާފައި ހިނިގަނޑެއް ޖަހައިލިއެވެ."ސޯ ސްވީޓް.....އައި ލަވް ދެޓް ނޭމް...އައި ހޭޑް އެ ކިޓެން...ފްލަފީކޮށް އޮތީ. އެއަށް ބޫ ކީ. އެކަމަކު އެސްތްމާ ސަކަރާތްވާންފެށީމަ ބައްޕަ ބޫ ގެންދެވީ. އައިމް ޓައިނީ ބިކޯޒް އޮފް އެސްތްމާ...އިޓްސް ލައިކް....އިންހޭލާ އެއްޗެހި ޔޫޒްކުރީމަ ގްރޯވާންޖެހޭވަރަށް ބޮޑުވެސް ނުވީ................................." އަސްމާ ކިޔަންވީމަ "އެސްތްމާ" ކިޔާގޮތުންވެސް ޖަބްރީލްގެ ބޮލުގެ ރިހުމަކަށްވިއެވެ. ކުރުކޮށް ބުނަންޏާ ޚަލީސީގެ އެއްވެސް ކަމެއް އޭނައަށް ރަގަޅެއްނުވެއެވެ. ހެދުން އަޅާގޮތެވެ. ވާހަކަދައްކާގޮތެވެ. ހިނިގަނޑު ޖަހައިލާގޮތެވެ.

"އެހެންތަ؟"

"ކޮންތަނަކުން ތިއައީ؟ "ސޯފިޔާ ސުވާލުކުރުމުން ޖަބްރީލްގެ ހިނިތުން ފަނޑުވާން އުޅުނަސް އެކަމެއް ނުދެއްކިއެވެ. އޭނައާއި އެގޮތަށް ސުވާލުކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތޭ ބުނަން ބޭނުންވިއެވެ.

"ކާފަ އާއި ބައްދަލުކުރަން ދިޔައީ.."

އެކި ވާހަކަތައް ދެކެވެމުން ދިޔައިރު ޖަބްރީލްއާއި ޚަލީސީގެ ކައިވެނީގެ ތަރީޚު ނިންމުނެވެ. ކައިވެނީގެ ހަފްލާއާއި ޕާޓީ އަދި ހަނީމޫންގެ ކަންތައް ނިންމަން ދޫކޮށްލީ ކުދިވެރިންނަށެވެ. ޖަބްރީލް ކުށްވެރި އިހުސާސްތަކެއްގައި ބަނދެވެމުން ދިޔައިރު ވިސްނުމުގައި ރުބާބް ނޫން މީހެއްނެތެވެ. ރުބާބްއަށް މިކަންތައް ފޮރުވާފައި ގިނަ ދުވަހު ބޭއްވުމަކީ ނާދިރުކަމެކެވެ. ދެން އޮތީ ރުބާބް ގާތު ހަގީގަތް ކިޔާދީފައި އިންތިޒާރުކުރަން އެދުމެވެ. ޚަލީސީއަކީ ބަލިކުއްޖެކެވެ. ކައިވެނިކުރަނީ ދުވަސްކޮޅަކަށެވެ. ޚަލީސީގެ މަންމަ ބުނެފައިވާގޮތުން ޚަލީސީގެ ބަކެޓްލިސްޓްގައި ފުރިހަމަނުވެ އޮތީ ހަމައެކަނި ޖަބްރީލް މިލްކުވުމެވެ.

އެންމެން ރޯދަ ވީއްލީ އެގެއިންނެވެ. ކަދުރުން ރޯދަ ވީއްލައިގެން އެންމެން މަޣުރިބު ނަމާދަށް އަވަސްވެގަތެވެ. ނަމާދަށް ފަހު އެންމެން އައިއިރު ސުފުރާ މަތި ފަޅުފިލުވާލާފައިވީ ތަފާތު ބާވަތްތަކުގެ ކާތަކެތިންނެވެ. އެހުރިހާ އެއްޗެއް ހެދީ ޔަޝަލްހެއްޔެވެ؟ ނޫނީ އޭނަ ނެތިސް ރުބާބް ގެއަށް އައީހެއްޔެވެ؟ ރުބާބް ތައްޔާރުކުރީ ކޯންޗެއްހެއްޔެވެ؟ ކާހިތުން ކާންފެށިތަނާ ކެއުން ގެނައީ އަދި ހަކާންމެންގެއިން ކަން އެނގުނެވެ. އެގެއިން ރޯދަވީއްލުމެއް ދިނީއެވެ. އެމީހުން މިގެއަށް އައީ ދައުވަތުދީގެނެއް ނޫނެވެ. އަމިއްލައަށެވެ. އަމިއްލައަށް ރޯދަ ވީއްލުމެއްދޭންވެސް ނިންމީއެވެ. ޖަބްރީލް ކާހިތް ކެނޑުނެވެ.

"ބޫ...އައި މޭޑް ދިސް. ސްޕެޝެއަލީ ފޯ ޔޫ...ބޫގެ ފެވެރިޓަކީ މިއީއޭ ދޮންބެ ބުނި.."ޚަލީސީ ތެދުވެ ޖަބްރީލްގެ ތަށްޓަށް ޕުޑިން އަޅާދިނެވެ. ޖަބްރީލްގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ. އޭރު ސޯފިއާއާއި ތަންޒީލާ އަދި އަކްރަމް ވާހަކައެއްގައި ތިބުމުން އެމީހުންނަށް އެއިން ކަމެއް ފާހަގަނުކުރެވުނަސް ޔަޝަލްއަށް އެކަން އެނގުނެވެ. ޖަބްރީލް ޚަލީސީދެކެ އެވަރަށް ފޫހިވާއިރު ކައިވެނި ކުރަނީ ކިއްވެހެއްޔެވެ؟ ޖަބްރީލް ރުހެނީ ރުބާބްއާއި ނޫންހެއްޔެވެ؟ އެތައް ސުވާލެއްގެ ޖަވާބު ނުލިބިގެން ބޭގަރާރުވެފައި އިނދެ ޔަޝަލް ވައިބާކޮށްލިއެވެ. ޖަބްރީލް ބުނީ އިހަށް ރުބާބް ގާތު ނުބުނުމަށެވެ. ޚަލީސީއާއި އޭނަގެ ކައިވެންޏަކީ ދާއިމީ ކަމެއްނޫންކަމުގައި ބުނެދިނެވެ. ޔަޝަލް ސުވާލުކުރަން ފެށުމުން ޖަބްރީލް ބުނީ ފަހުން އެ ވާހަކަ ދައްކާނީކަމުގައެވެ. އެކި ވާހަކައިގާ ތިބެ ކެއުން ނިންމާލާފައި ޚަލީސީ ފޯނެއްގައި ހުރެ ބޭރަށް ނިކުމެފައި ކުއްލިއަކަށް ހަޅޭއްފަޅޭއް ޖަހަމުން އައިގޮތުން ހީވީ ތަނެއްގައި ރޯވެގެން އުޅުނުހެންނެވެ.

"އައި ސޯ. އެ ކްރިއޭޗާ......ލައިކް އެ ގޯސްޓް. އިސްކޮޅު ބޫއަށް ވުރެން މާ ދިގު...ކަޅުކަމުން ދެލިގަނޑެއްވެސް އެވަރެއްނުވާނެ.... ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ...."

އެވާނީ ބުޅަލަކަށް. ބޫ ގެންގުޅޭ ބުޅާތައް.."ޔަޝަލް ޚަލީސީގެ ކޮނޑުގައި އަތް ބާއްވައިލަމުން ކައިރިކޮށްލީ ހިމާޔަތްދޭފަދަ ގޮތަކަށެެވެ.

"ނޫން. ބުޅަލެއް ދެން ކޮޅަށް ތެދުވެ ހިނގަން ޓޮމް އެންޑް ޖެރީ ކާޓޫނެއްވެސް ނޫން. އެންމެ ރަގަޅު ބުޅަލެއް ހިނގާފައި ދިޔައީއޯ. ދެން އެހާ ދިގުވާނެތަ؟ އަންބިލީވަބްލް.......ގޯޑް. އަދިވެސް މަގޭ ހާޓް އިރެގިއުލާ...ހީވަނީ އަނގަޔަށް އައިސްދާނެހެން..........އައިމް ސްކޭޑް.ޔަޝް ދައްތާ..........................."ޚަލީސީ ޑްރެމްޓިކްގޮތަކަށް ޔަޝަލްގެ ގައިގާ ހިފައިގަތެވެ. ޖަބްރީލްއަށް ކަޅި ހިންގައިލެވުނެވެ. ޔަޝް ދައްތައޭ ކިޔާއިރު ދެމީހުން ކުރެ ރަގަޅަށްވިއްޔާ ޅަވާނީވެސް ޔަޝަލްއެވެ.

"މިގޭ އަނބުގަހުގައި އަނބުއަޅާ ފުރިފައި އޮތީމަ ވަގުން އެގަހަށް ފާރަލާނެ.." ޔަޝަލް ބުނެލިއެވެ." ބިރުން ހުރީމަ މީހަކުވެސް ފުރޭތައެއްގެ ސިފައިގާ ފެނިދާނެ..."

ޚަލީސީ ޔަޝްލަގެ އަތުގައި އެލިގެން އަށްޓަމަހެއްހެން ތަތްލައިގެން އުޅުނެވެ. އޭނަ ހުރީ ސިހިސިހިއެވެ. ކިރިޔާ އަޑެއް އިވުނަސް ބިމުން ފައިތިލަ ހިއްލާލަނީ ތޫލި ހަޅޭކަކާއެކުގައެވެ. ޚަލީސީ ކުޑަކަމުން ޔަޝަލްއަށްވެސް އުރައިލެވޭވަރުވެއެވެ. ޖަބްރީލް ދެކުނީ އޭނަގެ ސަމާލުކަން ހޯދަން ބޭނުންކުރާ މަކަރުވެރި އުކުޅުތައްކަމުގައެވެ. އޭނަހުރީ ޚަލީސީމެން ނުގޮސްގެން ދުޢާކޮށްލަ ކޮށްލައެވެ. ނަސީބަކުން އިޝާއައި ތާރާވީހަށް ދާންޖެހޭތީއާއެކު އެމީހުން ސަލާމްކޮށްލާފައި ދާން ހިނގައިގަތެވެ. ކާރަށް އަރަމުން ޚަލީސީ ބޯ ނެރެލާފައި އަތް ހޫރައިގަތެވެ. ޖަބްރީލް ހުރީ ހިމޭނުންނެވެ.

***

އެންމެން ދިޔުމުން ޔަޝަލްއާއި ޖަބްރީލް ސިޓިން ރޫމްގައި މަޑުކޮށްލައިގެން ތިއްބެވެ.

"ބާބްއަށް ޕްރޮޕޯސްކޮށްފައި ޚަލީސީއާއި ކައިވެނިކުރުމަކީ އިންސާފެއްނޫން. ޚަލީސީއަކީ ހާޓް ޕޭޝަންޓެއްކަން އެނގިގެން ކައިވެނިކުރަންޏާ ބާބްއަށް...."ޔަޝަލް އަނގަމަތީގައި އަތް އަޅަމުން ލޯ ބޮޑުކޮށްލީ އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށެވެ."އަނެއްކާ ދެ އަންބަށް އިންނަން ތިއުޅެނީ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު