ރޯދައަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެއިން 120 ޓަނުގެ ކުނި ނަގައިފި

މީހަކު ހުޅުމާލޭގައި ކުނި ކަހަނީ: ފޮޓޯ: އެޗްޑީސީ

ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ސާފުކޮށް 120 ޓަނުގެ ކުނި ނަގާފައި ވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރޯދައަށް ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން ރޭ އެސްއެސް ޓީވީގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެސިސްޓެންޓް މެނޭޖަރު އަލީ ޝުޖާއު ވިދާޅުވީ، "ރޯދަ ސާފު"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ބޮޑެތި ކުނި އުކާލުމަށް އަމާޒުކޮށް ބޭއްވި ހަރަކާތެއް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ކުރިއަށް ގެންދާ މި ހަރަކާތް މިއަހަރު ކުރިއަށް ގެންދިޔައީ ތަފާތު ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޒޯން ތަކަކަށް ބަހާލާ މުޅި ހުޅުމާލެ ތެރެ ސާފުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ހުޅުމާލެ ސާފުކޮށް 120 ޓަނުގެ ކުނި މި ވަނީ ނެގިފަ. އެކަމަކު މީ އަދި ފެށުމެއް،" ޝުޖާއު ވިދާޅުވިއެވެ.

ހުޅުމާލެ ސާފު ކުރަނީ: ރޯދަޔަށް ވެގެން 120 ޓަނުގެ ކުނި ނެގި-- ފޮޓޯ: އެޗްޑީސީ

އޭނާ ވިދާޅުވީ، މި ބޮޑު ހަރަކާތް ނިންމާލި އިރު، އަދިވެސް ހުޅުމާލޭގައި ސާފު ނުކުރެވޭ ބައެއް ތަންތަން އެބަހުރި ކަމަށެވެ.

"ފޭސް ވަންގަ އަދިވެސް އަޅުގަނޑުމެން ކުރަން ހުރި މަަސައްކަތް އެބަހުރި. ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ ވެމްކޯއާ ގުޅިގެން ސާފު ނުކޮށް ހުރި ތަންތަން ވެސް ސާފުކޮށްލެވޭތޯ،" ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވަނީ، "ބަލްކު" ކުނި މަގުމައްޗަށް ނުނެރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ރަމަޟާން މަހު ގެތަކުގައި އުފެދޭ ކުނި ވެމްކޯ މެދުވެރިކޮށް އުކާލުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ރޯދައަށް ތައްޔާރު ވުމުގެ ގޮތުން އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތުގެ ޖާގަ ވެސް އިތުރުކޮށްފައެވެ. އެގޮތުން އެ މިސްކިތުގައި މިހާރު އިތުރަށް 600 މީހުންގެ ޖާގަ އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސްކިތުގެ ޖާގަ އިތުރުކޮށްފައި ވަނީ މިނިސްޓްރީގެ އެދުމުގެ މަތިންކަމަށެވެ.

comment ކޮމެންޓް