ޖޭޕީ އާއި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ގުޅިގެން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ޖޭޕީއާ ރައީސް ނަޝީދުގެ ފެކްޝަނުން މިރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ސަން

ޖުމްހޫރީ ޕާޓީ އާއި ރައީސް ނަޝީދުގެ ފެކްޝަނުން ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދެބައިމީހުން ގުޅިގެން މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު މިރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މިރޭ ބޭއްވި ބައްދަލުވުމުގައި ކުރެވުނު މައިގަނޑު މަޝްވަރާއަކީ، ކުރިއަށްއަށްއޮތް ރިޔާސީ އިންތިހާބުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއިމެދުގައެވެ.

މިގޮތުން މިރޭގެ ބައްދަލުވުމުގައި ނިންމުނު އެއް ކަމަކީ ދެބައިމީހުން އެކުގައި މަސައްކަތްކުރާއިރު، މެނިފެސްޓޯއެއް އެކުލަވާލުމާއި ގުޅޭގޮތުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ، އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި، ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން މަޖިލީހުގެ ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި މިހާރު ޖޭޕީގެ ލީޑަރު އެޑްވައިޒަރު ރިޔާޒް ރަޝީދެވެ.

އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ، ހަސަން ލަތީފުގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީއާއެކު މިރޭ ބޭއްވި ބައްދަލުވުމާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މީގެ އިތުރު ބައްދަލުވުންތައް ކުރިއަށްދާނޭ ކަމަށާއި، އެ ބައްދަލުވުންތަކުގައި މިހާރަށްވުރެ ފުޅާދާއިރާގައި ކަންކަމާއިމެދު މަޝްވަރާކުރެވޭނޭކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެޕާޓީގެ ނައިބު އަމީން އިބްރާހީމް ވިދާޅުވީ، ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސާލިހް ދެއްވި ނަމަވެސް އެކަމާއިމެދު ގޮތެއް ނިންމާނީ، މި ދައުރުގައި ކަންތައްތައް ހިނގާދިޔަގޮތް ރަނގަޅަށް ބެލުމަށް ފަހުގައިކަމަށެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީއާއެކު ކޯލިޝަން ހަދައިގެން އެކުގައި ކުރިއަށް ދިއުމަށް ގިނަ ދައުވަތުތަކެއް ޤާސިމަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޖޭޕީއަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ޖޭޕީން ނިންމާފައި ވަނީ އެ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ރައީސް ސާލިހާއެކު ރިޔާސީ ރޭހަށް ނިކުތުމުގެ އެއްވެސްކަހަލަ ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްފައެވެ. މިގޮތުން ކުރިއަށްއޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހާއެކު ބަޔަތު ހިއްޕަވައިގެން ނިކުމެ ކާމިޔާބު ނުކުރެވޭނޭކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް