ރަމަޟާން މަހު ހެޔޮ ޢަމަލުތައް ގިނަކޮށް ﷲގެ ދިންނެވުމަށް އެދި މަސައްކަތް ކުރަންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު --

މި ފެށުނު ރަމަޟާން މަހާއެކު ގަދަ އަޅައި ހެޔޮ ޢަމަލުތައްކޮށް ﷲގެ ދިންނެވުން ހޯދުމަށް ޓަކައި މަސައްކަތްކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ސިޔާމް މިފަދައިން އިލްތިމާސްކުރެއްވީ ދާއިރާގެ ރައްޔިތުން ހިމެނޭ ގޮތުން އެންމެހައި ރައްޔިތުންނަށާއި މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ އަރިސްކުރައްވަމުންނެވެ.

ސިޔާމް ވިދާޅުވީ ރަމަޟާން މަހަކީ މާތްﷲ އާއި އިންސާނުންނާ، ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އަމިއްލަ ނަފްސު އިސްލާހުކުރުމުގެ މަހެއް ކަމަށެވެ.

އަދި މިއީ އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ މުޤައްދަސް އަދި ބާއްޖަވެރި މައްސަރެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"ރޯދަހިފުމާއި، ނަމާދު ކުރުމާއި، ޞަދަގާތް ކުރުމާއި، ރޭއަޅުކަންކުރުން އިތުރުކޮށް، ޖިސްމާނީ އަދި ރޫޙާނީ ގޮތުން އަޅުގަނޑުމެންގެ ނަފްސު ކުރިއެރުވުމަށް ގަދައަޅާ މަސައްކަތްކުރާ މައްސަރެއްގެ އިތުރުން، އާއިލާއާއި، ރައްޓެހިންނާއި، މުޖުތަމަޢުގެ އެކި އެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރުވާ މުހިންމު ދުވަސްވަރެއް،" އޭނާ ވިދާޅުވިއެވެ.

އޭނާވަނީ މި ފެށުނު ރަމަޟާން މަހާއެކު އަނެކުންނާމެދު، ހެޔޮޮކޮށް ހިތުމަށް ގޮވައިލައްވައިފައެވެެ.

ޚާއްސަކޮށް އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލައި، އެ މީހުންނަށް އޯގާތެރިވެ، އެ މީހުންގެ ބޭނުންތައް ވީވަރަކުން ފުއްދައިދިނުމަށް މަސައްކަތް ކުރަން ވެސް ސިޔާމް ނަސޭހަތްތެރިވެލެއްވިއެވެ.

"ރަމަޟާން މަހާ ގުޅިގެން ދޭންޖެހޭ ފިޠުރު ޒަކާތް އަދާކުރުމަށް ޚާއްސަ ސަމާލުކަމެއްދީ، ގިނަގިނައިން ޞަދަގާތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ޖަމާޢަތުގައި ފަރުޟު ނަމާދުތަކާއި، ތަރާވީހު ނަމާދު ކުރުމަށާއި، ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވައި، ސުންނަތް ނަމާދުތައް ކުރުންމަތީ ދެމިތިބެ ފުއްސެވުމާއި، ދިންނެވުމާއި، މާތްﷲގެ ތަނަވަސް ރަޙުމަތަށް އެދި ގަދައަޅާ މަސައްކަތް ކުރުމަށް ވެސް އަޅުގަނޑު އިލްތިމާސް ކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މި މަހަކީ، ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި، ރައްކާތެރި އަދި އުފާވެރި މަހަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް