ގޮނޑުހޮވައި ވިއްކަން ނުކުތުން އާންމު ކަމަކަށް، ހުއްޓުވޭނެ ގޮތެއް ނެތް؟

މީހަކު ގޮނޑު ހޮވަނީ -- ސަން ފޮޓޯ

މިއީ ހަމައެކަނި މާލެއާއި ހުޅުމާލޭގެ މަގުތަކުން އެކަނި ފެންނަ މަންޒަރެއް ނޫނެވެ. ބައެއް ރަށްރަށުގައި ވެސް މިއީ ހިނގަމުން އަންނަ އާންމު ކަމެކެވެ. މަގުތަކާއި ދުވާރުގެ އެއް ފަރާތުގައި އާންމުން ނެރެފައި ހުންނަ ކުނިތައް ހާވައި، އޭގެން ބޭނުން ހިފިދާނެ ކަމަށް ބެލެވޭ ބައެއް ތަކެތި ހޮވައި، އެ ވިއްކަން އުޅޭ މަންޒަރު އާންމުކޮށް ވެސް މަގުތަކުން ފެނެއެވެ.

މި ކަމުގައި އާންމު ގޮތެއްގައި ހަރަކާތްތެރިވަނީ މަސްތުވާތަކެތި ބޭނުންކުރާ، ނުވަތަ މަގުތަކަށް ގިނަވެ އުޅޭ މީހުންނެވެ. އެއްލައިލަން ދޫކޮށްފައި ހުންނަ ކުނީގެ ތެރެއިން މި ގޮތަށް ދޫކޮށްފައި ހުންނަ ތަކެތި ހޮވައި އެ އަލުން ދޮވެ ބޭނުންކުރުމަކީ އޭގެ ސަބަބުން ސިއްހީ ގޮތުން ގިނަ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

މާލޭގެ ސިނާއީ ސަރަހައްދު: ސާފުކޮށްކޮށް ގޮނޑުކަން ނުފިލި ސަރަހައްދެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއީ އިޖްތިމާއީ މައްސަލައެކެވެ. ނަމަވެސް އަދިވެސް މި އަމަލު ހުއްޓުވަން މަސައްކަތްކުރާނީ ކޮން އިރަކުތޯ މިއީ އުފެދޭ ސުވާލެވެ.

ގޮނޑު ހޮވައި، ހެޔޮ އަގުގައި ވިއްކުން އާންމު

އާންމު ގޮތެއްގައި މިފަދަ ކަންކަން މަސްތުވާތަކެއްޗަށް ދެވިހިފައިފައި ތިބޭ މީހުން ކުރަނީ އެ ފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާގެ ބޭނުމުގައެވެ. ގިނަ ފަހަރު މިފަދަ މީހުން ވިއްކަން އަންނަނީ ކުޑަކުދީންނަށް ޚާއްސަ ކުޅޭ ސާމާނާއި، މީހުން އެއްލައިލައިފައި ހުންނަ ބޫޓާއި، ފައިވާން ފަދަ ތަކެއްޗެވެ. ބައެއް ފަހަރު އަންނައުނު ވެސް ވިއްކައެވެ.

މިކަން ތަޖުރިބާކުރި ގިނަ ބަޔަކު އުޅެއެވެ. އެ މީހުން އެ ދޮވެ ހަޑި ފިލުވައިގެން އެ ވިއްކަން މަސައްކަތްކުރެއެވެ. މިފަދަ ކަމެއް ތަޖުރިބާކުރި މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާއާ ދިމާވި މީހާ ވިއްކަން އައީ ބޫޓެކެވެ. އެ ބޫޓަށް ބަލައިލުމުން ވެސް އެއީ ބޭނުންކޮށް ބާވެފައި ހުރުމުން އެއްލައިލައިފައިވާ ބޫޓުތަކެއްކަން ޔަގީންވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެ ވިއްކަން މަސައްކަތްކުރި މީހާ އެ ކަން ކުރީ އެއީ "މުޅިން އާ" ބޫޓުތަކެއްގެ ގޮތުގައި ދައްކައިގެން ކަމަށް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު ހުރީ ގޭ ތިރީގައި. ހުއްޓައި މި އަންނަނީ މީހަކު. އޭނަ އަތުގައި އޮތް ބޮޑު ރަތް ކޮތަޅެއް. އަޅުގަނޑާ ހިސާބަށް އަރައި ހަމަވުމުން މީނަ ބުނެފި. ބޭބޭ އޭ މި އޮތީ ވަރަށް އަގު ބޮޑު ބޫޓު ތަކެކޭ. އެކަމު ތިމަންނަ މި ވިއްކައިލަފާނަމޭ 150 ރުފިޔާއަށް. އޭނަ އެހެން ބުނީމަ އަޅުގަނޑު ބުނެފިން އަޅެ ދައްކައިލަބަލާށޭ. ބޫޓު ނެގިއިރު އެ ބަލައިލީމަ ވެސް އެނގިއްޖެ މިއީ ހޮވައިގެން ގެނައި އެއްޗެހި ތަކެއްކަން. އޭގައި ބްރޭންޑް ނަންކޮޅު ވެސް އޮތީ ފޮހެވިފައި. ބޫޓު ދަށްފުށާއި އަރިމަތިން ވެސް ހުރި ގޭނިފައި،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އެ ބޫޓު ވިއްކައިލެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށެވެ. އަދި މޮޅެތި ވާހަކަ ދައްކައި އެ ގަންނާނެތޯ ތަކުރާރުކޮށް އެހި ކަމަށެވެ.

"ދެން އަޅުގަނޑު ބުނީ ނޫނެކޭއޭ. ތި ނުގަންނާނަމޭ. ދެން އޭނަ ބުނީ، މިކަހަލަ މޮޅު ބޫޓެއް ހަމަ ނުލިބޭނެކަމަށް،" އޭނާ ކިޔައިދިނެވެ.

ސިއްޙީ ނުރައްކާ ބޮޑު

ގޮނޑު ހޮވައިގެން ނަގައި ބައެއް ތަކެތި ބައެއް މީހުން މަދުން ނަމަވެސް ގަނެއެވެ. އާންމު ގޮތެއްގައި ގަންނަނީ ކުޑަކުދިންގެ ކުޅޭ ސާމާނެވެ. ކުނީގެ ތެރެއިން އެ ހޮވައި ދޮވުނު ނަމަވެސް މިއީ ސިއްހީ ގޮތުން ނުރައްކަލަކާ ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމެކެވެ.

ޑރ. އަހްމަދު ފައިސަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚާއްސަކޮށް ކުޑަކުދީންގެ އަތަށް އަރާ އެއްޗެއްގެ ސާފުކަމާއި ރައްކާތެރިކަމާ މެދު ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އަދި މީގެ ސަބަބުން ޖެހިދާނެ ބައެއް ބަލިތައް އެބަހުރި ކަމަށް ވެސް ކުޑަކުދީންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް "ސަން"އަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ އެންމެ ބޮޑަށް ފުރުސަތު އޮތީ އިންފެކްޝަން ޖެހުމުގެ ކަމަށެވެ. ހަމައެއާއެކު ޕްލާސްޓިކު ކުނީގެ ތެރެއަށް ދޫކޮށްލުމުން އެ ދޮވި ނަމަވެސް އޭގެން ދޫކޮށްފާނެ ޓޮކްސިކް ކެމިކަލްތަކުގެ ނުރައްކާ ވެސް ބޮޑުކަމަށް ފައިސަލް ވިދާޅުވިއެވެ.

"ގިނަ ފަހަރު ހުންނާނީ ނަޖިސް. މި ދެންނެވީ ބުޅަލުގެ ނަޖިސް ވިޔަސް. ނޫނީ އިންސާނުންގެ ނަޖިސް ވިޔަސް. ނަޖިހުން ޖެހޭ ބަލިތައް ހުންނާނީ. އިންފެކްޝަންތަކުގެ ތެރެއިން އާންމު ގޮތެއްގައި ބޭރަށް ހިންގުމާއި ހޮޑުލުމާއި ނޫނީ ނިއުމޯނިއާ ފަދަ އިންފެކްޝަންތައް އަންނާނީ ކުޑަކުދިންނަށް،" ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުނި ހޮވައި، އެ އަލުން ބޭނުންކުރުން ފަދަ ރައްކާތެރިކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް މިފަދަ ކަންކަމުގެ ސަބަބުން މާބަނޑު އަންހެނުން ވެސް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އޭގެ ސަބަބުން އަންހެން މީހާގެ އިތުރުން، ބަނޑުގައި އޮންނަ ކުޑަދަރިފުޅަށް ވެސް އެ ކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"މާބަނޑު މީހުންނަށް އިންފެކްޝަން އައިސިއްޔާ ވާ ގޮތަކީ މާބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ގެއްލުންވެދާނެ. އެއީ ހަމަ އެއް ކަމެއް ދިމާވާނީ. ތަފާތު ޖަރާސިމްތައް ހުންނާނެ. އެއީ ކުނީގައި ހުންނާނެ ޖަރާސިމްތަކަކީ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތައް ބާވަތެއްގެ ކުނީގެ ތެރެއިން ހޮވައި ތަކެތި ކިތަންމެ ވަރަކަށް ފެނާއި ސައިބޯނިން ސާފުކުރި ނަމަވެސް އެއްކޮށް އޭގެން ޖަރާސިމް ނުފިލާ ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޖަރާސީމަކީ ފަސޭހައިން ފެންނަ އެއްޗަކަށް ނުވާއިރު ސާފުތާހިރުކަމަށް ސަމާލުވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނޫންނަމަ އާންމު ސިއްހަތުގެ ނުރައްކަލަކަށްވާނީ، ސާފު ތާހިރުކަން ވަރަށް ވަރަށް މުހިންމު،" ފައިސަލް ވިދާޅުވިއެވެ.

މަގު ބަލަހައްޓައި ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަވުން

ގޮނޑު ހޮވައި މީހުންނަށް އެ ފުރުސަތު ލިބެނީ މަގު މަތީގައި އާންމު ގޮތެއްގައި ކުނި ކޮތަޅުތަކާއި އެކި ބާވަތުގެ ކުނިފުނިތައް ދޫކޮށްލައިފައި ހުރުމުންނެވެ. މަގުމައްޗަށް ދޫކޮށްލައިފައި ހުންނަ ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާއިރު މަގުތައް އިތުރަށް ބެލެހެއްޓުމަށް އާންމުންނާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް މުހިންމު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ގެޔަކުން މަގުމައްޗަށް ނެރެފައި ހުރި ކުނިތަކެއް -- ސަން ފޮޓޯ

އެގޮތުން މާލޭ ސިޓީގެ ކައުންސިލަރު އާދަމް ރަމީޒް މި މައްސަލައިގައި ފާހަގަކުރެއްވީ މިއީ އިދާރާތަކެއްގެ އިހުމާލުން ހިނގާ ކަމެއްގެ ގޮތުގައެވެ. އެގޮތުން މަގުތައް ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު އަދިވެސް ކުޑަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކަމުގައި ވެމްކޯގެ ދައުރެއް އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ ގޮނޑު ހޮވައި އެފަދަ ކަންކަމުގައި މީހުން އުޅެނީ އެ މީހުން ބަލަހައްޓާނެ ބަޔަކު ނެތުމުން ކަމަށެވެ.

"މިއީ އަސްލު ޕޮލިސީ ލެވެލްގައި ނިންމަން ޖެހޭ ކަމެއް. އެއީ ޕާޓޭއިންނެއް ނޫން. މިއީ ރިހެބް ސެންޓަރުތަކުން އައިސް ތިބޭކުދިން. އަޅައިލާނެ ބަޔަކު ނެތުމުން މި ކަން ހިނގަނީ. ކާން ބޯން ކުރާ މަސައްކަތް އެއީ ގޮނޑު ހޮވުމަކީ. މީގެ ކުރިން މިސްކިތްތަކުގައި މިފަދަ މީހުން ނިދުން ވެސް އާންމު. އެ ކަމު އެ ތަނުގައި ސީސީޓީވީ ބަހައްޓައި ބަލަން ފެށިފަހުން މިސްކިތް ބޭނުންކުރުން މަދުވެއްޖެ،" ރަމީޒް ވިދާޅުވިއެވެ.

ރަމީޒް އިތުރަށް ވިދާޅުވީ އާންމުން ވެސް މަގުތަކުގައި ކުނި ނުބެހެއްޓުން މުހިންމު ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައުއެއް ބިނާކުރެވޭނެ އޭރުންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަކަސް އާންމުންނަށް އުނދަގުލަކަށްވެފައި އޮތް އިޖްތިމާއީ މި މައްސަލަ ހައްލުކުރަން ޖެހެއެވެ. ގޮނޑު ހޮވައި އެ ވިއްކަން އުޅޭ މަންޒަރަކީ ތަހުޒީބުވާން މަސައްކަތްކުރާ މުޖުތަމައުއަކުން ފެނިގެންވާނެ މަންޒަރެއް ނޫނެވެ.

comment ކޮމެންޓް