އަރަމުން އަންނަ ޒުވާން އެކްޓަރު ޝާންތަނޫގެ އިތުރު ފިލްމެއް ނެޓްފްލިކްސްއަށް

ކަލާސް ޓީވީއިން ގެނެސްދިން ނެށުމުގެ ޝޯ "ޖަލަކް ދިކް ލާޖާ"އިން ވިދާލި ނެށުންތެރިޔާ އަދި އެކްޓަރު ޝާންތަނޫގެ ފިލްމު "ޓޫތް ޕަރީ: ވެން ލަވް ބައިޓްސް" ނެޓްފްލިކްސްއިން ޕްރިމިއާކުރާގޮތަށް ނިންމައިފިއެވެ.

އެންޑެމޮލް ޝައިން އިންޑިއާއިން ގެނެސްދޭ މިފިލްމުގެ ޑައިރެކްޓަރަކީ ޕްރަތިމް ދާސްގުޕްތާއެވެ. ފެންޓަސީ ތްރިލާއެއް ކަމަށްވާ މިފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ނިންމާފައިވަނީ ކުރިޔަށް އޮތް އޭޕްރިލް މަހުގެ 20ވަނަ ދުވަހުއެވެ.

ފިލްމު "ގަންގޫ ބާއި ކަތިއާވަޅީ"އިން ބަތަލާ އާލިއާ ބަޓްއާއެކު ފެނުނު އެކްޓަރު އަދި ނެށުންތެރިޔާ ޝާންތަނޫއާއެކު މިފިލްމުގެ ބަތަލާގެ ރޯލް ކުޅެނީ ތާންޔާ މަކިންތާލާއެވެ.

ތާންޔާއަކީ، ބީބީސީގެ މިނީ ސީރީސް ޓެލެވިޒަން ޑްރާމާ "އަ ސޫޓަބްލް ބޯއި" ކުޅެގެން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ފަންނާނެކެވެ. ފިލްމު "ޓޫތް ޕަރީ: ވެން ލަވް ބައިޓްސް"ގައި ޝާންތަނޫ ފެނިގެންދާނީ ޑެންޓިސްޓެއްގެ ރޯލުންނެވެ. އަދި ތާންޔާ ފިލްމުގައި ކުޅޭނީ ވެމްޕަޔައެއްގެ ރޯލްއެވެ.

އެ ފިލްމުގެ ފުރަތަމަ ޓީޒާވެސް ރިލީޒްކޮށްފައިވާއިރު މިފިލްމުން ލޯބީގެ ހާދިސާތަކާއެކު ބިރުވެރި މަންޒަރުތަކެއްވެސް ބެލުންތެރިންނަށް ފެންނާނެއެވެ. ޝާންތަނޫއާއި ތާންޔާގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭގައި، އެކްޓަރު ސިކަންދަރު ޚޭރް، އާދިލް ޙުސައިން، ބަތަލާ ރޭވަތީ އަދި ސަސްވަތާ ޗެޓަޖީ ހިމެނެއެވެ.

އެކްޓަރު ޝަންތަނޫއަކީ، ފިލްމު ކުޅުމުގެ އިތުރުން ފިލްމުތަކަށާއި ޓެލެވިޒަން ޝޯތަކަށް ނެށުން ދަސްކޮށްދޭ 'ކޮރިއަގްރާފަ'އެއްވެސްމެއެވެ. ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫ ބާއި ކަތިއާވަޅީ"އިން ބޮލީވުޑަށް ތަޢާރަފުވުމާއެކު ފިލްމުގައި ޝާންތަނޫ ދެއްކި އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

ފިލްމު ކުޅުމުގެ އިތުރުން ޝާންތަނޫއަކީ ރިއަލިޓީ ޝޯތައް ކުޅުމަށްވެސް ޝައުގުވެރިވާ ފަންނާނެކެވެ. އެގޮތުން ކަލާސް ޓީވީއިން 2017ވަނަ އަހަރު ގެނެސްދިން "ފިއާ ފެކްޓާ: ޚަތްރޯންކީ ކިލާޅީ 8" ޝާންތަނޫ ވަނީ ކާމިޔާބުކޮށް، ޓްރޮފީ ވެސް ނަގާފައެވެ.

comment ކޮމެންޓް