ރޯދަ މަސް ފެށެނީ، ހާރުުކާން ރަނގަޅު އާދަތަކެއް!

މުސްލިމުންނަށް އެންމެ މާތް މަސް ކަމަށްވާ ރަމަޟާން މަސް މި އޮތީ ވަރަށް ގާތްވެފައެވެ. އެހެން އަހަރުތަކާ އެއްގޮތަށް ރޯދަ މަހާ ދިމާކޮށް ދިވެހީން އަންނަނީ ބޮޑެތި ތައްޔާރީތައް ވަމުންނެވެ. ގެއަށް ބޭނުންވާ އެއްޗެހި ހަމަކުރުމަށް ގިނަ ބަޔަކު އަންނަނީ ވަގުތު ހޭދަކުރަމުންނެވެ.

ނަމަވެސް ގިނަ ފަހަރަށް ރޯދަ މަސް ފެށޭ އިރު ވެސް ތައްޔާރު ނުވެވޭ އެއް ކަމަކީ ކެއުމުގެ އާދަތަކެވެ. ހާއްސަކޮށް ހަށިގަނޑަށް ފައިދާ ވާނެ އާދަތަކެވެ.

ރޯދަ މަހާ އެކު ދިވެހިންގެ ކެއުމުގެ އާދަތަކަށް ބޮޑު ބަދަލެއް އާދެއެވެ. މި ބުނަނީ ހަމައެކަނި ކާ ވަގުތު ތަކަކަށް ނޫނެވެ. އެހެންނަމަވެސް ކާން ބޭނުންކުރާ އެއްޗެއްސަށެވެ. މި އާދަތައް ގިނަ ބަޔަކަށް ފެށެނީ ހާރު ކެއުމުންނެވެ. ރޯދައަށް ތައްޔާރުވާން ފުރަތަމަ ހާރު ކާ ދުވަހުން ފެށިގެން ދިވެހިންގެ ކެއުމުގެ އާދަތަކަށް ބަދަލު އާދެއެވެ. ގިނަ ފަހަރަށް މި އާދަތަކަކީ އެންމެ ރަނގަޅު އަދި ފައިދާހުރި އާދަަތަކެއް ނޫނެވެ.

އެހެންނަމަވެސް ކެއުމުގެ އާދަތައް ބަދަލު ކޮށްލައިގެން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ އިތުރުން މުޅި ދުވަހު ބަނޑުހައިވުމުގެ އިހުސާސްކޮށް ނުދޭނެ ގޮތް ހެދިދާނެއެވެ.

ކާންވީ ކޯޗެއް؟

ހާރު ކާއިރު ބަލަންވީ ވީހާ ވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެއުމަށެވެ. ފެށުމުގެ ގޮތުން ކަދުރު ރަނގަޅު ވާނެއެވެ. ކަދުރަކީ ސިއްޙަތަށް ފައިދާ ހުރި އެއްޗަކަށްވާއިރު މިއީ ބަނޑަށް އުނދަގޫ ވުމުން ވެސް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. އަދި ކަދުރާ އެކު ގިނައިން ފެން ބުއިމަށް ވެސް ހަނދާން ކުރަން ވާނެއެވެ. ރޯދައަށް މުޅި ދުވަހު ހުންނަ އިރު ހަށިގަނޑަށް ފެން ބޭނުންވާނެއެވެ.

ހާރުކާން ބޭނުން ކުރަން ރަނގަޅު އެއްޗެހި

ކާބޯހައިޑްރޭޓްސް: އޯޓްސް، މުގު، ގްރެއިން ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މިއީ ލޭގެ ހަކުރުގެ މިންވަރު އެއް ވަރެއްގައި ބެލެންސް ކޮށްދޭ އެއްޗެކެވެ. އަދި މީގެ ސަބަބުން ބަނޑުހައި ވާ ކަމުގެ އިހުސާސްވުން ކުޑަވާނެއެވެ.

ފައިބާ: ކަދުރު، އަލުވި، ތަފާތު ތަރުކާރީ، އެކި ބާވަތުގެ މޭވާ އަކީ ފައިބާ ގިނަ އެއްޗެއްސެވެ. މިއީ މީހާ ބަނޑަށް އުނދަގޫވުން ކުޑަކޮށްދޭ ބާވަތްތަކަށްވެފައި ހަޖަމު ކުރުމުގެ ނިޒާމު މައްސަލަ ޖެހުން ކުޑަ ވެސް ކޮށްދޭ އެއްޗެއްސެވެ.

ޕްރޮޓީން: ބިސް، ޔޯގަޓް ފަދަ ތަކެއްޗަކީ ވެސް ހާރު ކާއިރު ޑައިޓަށް އިތުރު ކޮށްލަން ރަނގަޅު އެއްޗެއްސެވެ. މީގެ ސަބަބުން މީހާގެ ހަށިގަނޑުގައި ހަކަތަ ޖައްސައިދެއެވެ.

comment ކޮމެންޓް