ރަށުން ހަދިޔާ ބޭނުން، އެކަމަކު ބޯޓު ދޮށަކަށް ނުދެވޭނެ!

މާލޭ ބަނދަރު މަތި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އާއިލާގެ މެންބަރުން ރަށުން ހަދިޔާ ފޮނުވުމަކީ ވަރަށް ގިނަ ދިވެހީން ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ރަށުން ފޮށިގަނޑެއް ފޮނުވާ ވާހަކަ ބުނުމުން ލިބެނީ ހަމަ ބޮޑު އުފަލެކެެވެ. އެކަމަކު، އެ ފޮށިގަނޑު ބޭނުންވި ނަމަވެސް ފޮށިގަނޑު ބަލައި ދިއުމަކީ ހަމަ އެއާ އެއްވަރަށް ފޫހިވާ ވެސް ކަމެކެވެ.

މާމަމެން ރަށުގައި ތިބެ އާންމުކޮށް ފޮށިގަނޑެއް ޕެކު ކޮށްފައި ދޭނީ ގޭގައި ހަދައި ތަފާތު އެއްޗެހި އެޅުމަށް ފަހުގައެވެ. ކުޅި ރޮށި، ތެލުލި ބަނބުކެޔޮ އަދި މަސް މިރުސް ފަދަ ތަކެތި ނަމަވެސް ފޮށިގަނޑު އަންނާނީ އެ ބައެއްގެ ގިނަ ލޯތްބާ އެކުގައެވެ.

"ފޮށިގަނޑުގައި އެއްޗެހި ފޮނުވަން ވީމާ ގުޅާނެ މާމަ، ދެން އަހާނެ މި ފަހަރު ކޯއްޗެއްތޯ ފޮނުވަންވީ. މިހާ ހިސާބުން މި ފޮށިގަނޑަކަށް އިންތިޒާރުކޮށްލަ ކޮށްލައި ތިބޭނީ،" މާލޭގައި ދިރިއުޅޭ، އުތުރުގެ ރަށަކަށް ނިސްބަތްވާ ޔުމްނާ އަހުމަދު ބުންޏެވެ.

އެ މީހެއް ނިސްބަތްވާ ރަށަކުން ދަތުރު ކުރާ ބޯޓަކަށް އެ ފޮށިގަނޑު އަރުވައިގެން ދެން އެ ކޮޅުން އަންގާނީ ފޮށިގަނޑު މާލެއަށް ކައިރިވާނެ އިރެކެވެ. އެހާ ހިސާބުން މާލޭގައި އުޅޭ އެންމެން ބަލާނީ ބޯޓާ ކައިރިވެވޭނެ އިރަކަށެވެ.

ނަމަވެސް ރަށުން ފޮނުވާ ހަދިޔާގެ ފޮށިގަނޑަށް ކިތައްމެ އިންތިޒާރު ކުރި ނަމަވެސް އެންމެ އުނދަގޫ ކަމަކަށް ވަނީ އެ ފޮށިގަނޑު ބަލައި ދިޔުމަށެވެ.

"ހަދިޔާ ކިތައްމެހާ ވެސް ބޭނުންވޭ. އެކަމު ބޯޓު ކައިރިއަށް އެ ބަލައި ދާން ވަނީ ވަރަށް ބޮޑު ކަމަކަށް. ބޯޓު ދޮށަށް ހަދިޔާ ބަލައި ދިއުން ވަރު، ފޫހި ކަމެއް ނެތް،" ޔުމްނާ ކިޔައިދިނެވެ.

ޔުމްނާ ނޫނަސް މިއީ މާލޭގައި އުޅޭ ގިނަ ދިވެހިންނަށް ހަމަ ވާގޮތެކެވެ. މި ކަމުގެ ފަހަތުގައި ސަބަބުތަކެއް ވެސް ވެއެވެ. ގިނަ ފަހަރަށް ރަށުން ހަދިޔާތައް ގެންނަ ބޯޓު ތަކަކީ މާލޭގެ ނޯތު ހާބަރަށް މަޑު ކުރާ އެއްޗެއްސެވެ. މި ސަރަހައްދަކީ މާރުކޭޓު ސަރަހައްދަކަށް ވެފައި އަބަދުހެން އެހާ ބާރު ބޮޑު ސަރަހައްދެކެވެ.

އަދި، ގިނަ ފަހަރަށް ފޮށިގަނޑު ނަގަން ލިބޭ ވަގުތު ވެގެން ދަނީ ގިނަ ބަޔަކު މަސައްކަތް ކުރާ ގަޑިއަށެވެ. އެހެން ނޫނީ ސަރަހައްދުގައި އެންމެ ބާރު ބޮޑު ގަޑިއަށެވެ. އެފަދަ ސަބަބުތަކާ ހުރެ ގިނަ ފަހަރަށް ހަދިޔާ ފޮށިގަނޑު ބަލައި ދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ.

ނަމަވެސް މި ކަމަށް ކުރެވިދާނެ ކަމެއް އެބައޮތެވެ. ހަދިޔާ ފޮނުވާ ބޯޓުން އިރު އޮއްސުމަށްފަހު ހަދިޔާ ނެގޭ ނަމަ އެ ވަގުތަށް މަޑު ކޮށްލާށެވެ. ގެއަށް ވަނުމަށްފަހު ކަންކަމުގައި ނިކުންނަން އުނދަގޫވި ނަމަވެސް މިއީ ފަސޭހަ ވާނެ ކަމެކެވެ.

ބޯޓުން ހަދިޔާ ނަގަން ދާއިރު ދެ ނަމާދު ދޭތެރޭގެ ވަގުތަކަށް ބަލާށެވެ. މިއީ މާރުކޭޓު ސަރަހައްދުގައި އާންމުކޮށް އެންމެ ފަސޭހައިން ދަތުރު ކޮށްލެވޭނެ ވަގުތެވެ. އަދި، އެ ވަގުތަކީ ގާތްގަނޑަކަށް އެއްވެސް ވަަރަކަށް ޓްރެފިކް އޮންނާނެ ވަގުތަކަށް ނުވާތީ ވަގުތުން އެ ސަރަހައްދަށް ގޮސްލާފައި ފަސޭހައިން ގެއަށް ދެވޭނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު