ކަރެކްޝަންސް މުއައްޒަފުންގެ އިންޝުއަރެންސް އަދިވެސް ހަމަނުޖެހޭ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމަށް މިއަހަރަށް ބޭނުންވާ ބަޖެޓު އަދިވެސް ހަމަނުޖެހޭކަމަށް ކަރެކްޝަންސްއިން މިއަދު ބުނެފިއެވެ.

ކަރެކްޝަންސް މުވައްޒަފުންގެ އިންޝުއަރެންސް ފޯރުކޮށްދެނީ، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ މެދުވެރި ކޮށެވެ. ނަމަވެސް މުއައްޒަފުންނަށް އިންޝުއަރެންސް ފޯރުކޮށްދިނުމަށް އެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އޭގެ ފަހުން މުވައްޒަފުންގެ އިންޝުއަރެންސް ވަނީ މެދުކެނޑިފައެވެ.

އިންޝުއަރެންސް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމުގެ ކަންބޮޑުވުންތައް އެ އިދާރާގެ މުއައްޒަފުން އަންނަނީ ފާޅުކުރަމުންނެވެ. ކަރެކްޝަންސްގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި "ސަން"އާ ވާހަކަދައްކަމުން ބުނީ، އިންޝުއަރެންސް ހުއްޓުމަކަށް އައީ، އިންޝުއަރެންސް އާކުރުމުގެ މަޝްވަރާ ނުކޮށް އޮތުމުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ދެން މިހާރު ބަޖެޓު ހަމަޖައްސާއިރު، އަސްލު ބަޖެޓަކީ އަހަރު ފެށުމުގެ ކުރިން ނިންމާފަ އޮންނަން ޖެހޭ އެއްޗެއް. އެހެންވީމަ ދެން އިންޝުއަރެންސް ލިބޭނެ ހެން ހިޔެއް ނުވޭ،" އޭނާ ބުންޏެވެ.

މީގެ ކުރިން ކަރެކްޝަންސްގެ މުވައްޒަފުންނަށް އިންޝުއަރެންސް ހަމަޖައްސައި ދެމުން އައީ އަނބިމީހާ/ފިރިމީހާ އަދި މައިންބަފައިންނާއި ދަރިން ވެސް ހިމެނޭ ގޮތަށެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ އިދާރާގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު މިއަދު ވިދާޅުވީ، މިއަހަރު އަގުތަކަށް އައި ބަދަލާއެކު ޕްރިޒަން ކޯޕަރޭޓިން ސޮސައިޓީއަށް އެ ޚިދުމަތް ހަމަޖައްސައިދެވެން ދަތިވެފައި ވާކަމަށެވެ. އަދި މިހާރު ކުރަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ އިންޝުއަރެންސް އާ ކޮށްދިނުމުގައި ލަސްތަކެއް ދިމާވަނީ ފައިސާގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

ފައިސާ ހަމަޖެހުމާއެކު އެ ޚިދުމަތް ދިނުމުގައި އެ ސާވިސަސްގެ އެއްވެސް ސެކްޝަނެއް ތަފާތު ނުކުރާނެކަމަށް ޔުސްރީން ވިދާޅުވިއެވެ.

comment ކޮމެންޓް