ރެއާލް ބަލިކޮށް ބާސާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި

ގޯލު ޖެހުމަށް ފަހު ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ----

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ލަލީގާ ތާވަލުގެ އެއްވަނައިގައި ފަރަގު ފުޅާކޮށްފިއެވެ. ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ބާސާ ކޮންޓްރޯލް ކޮށްގެން ކުޅުނު އެ މެޗުގައި ފުރަރަތަމަ ގޯލުޖަހައި ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާ ނެގި ހުރަސް ގޯލުގެ ތެރެއަށް ވަނީ ބާސާގެ ރޮނާލްޑް އަރައުހޯ ބޮލުގައި ޖެހިފައެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބާސާގެ އެ ގޯލު ޖެހީ ސާޖިއޯ ރޮބާޓޯއެވެ.

ބާސާއިން ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން ----

ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނެގުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 82ވަނަ މިނެޓުގައި ރެއާލްގެ ޑެނީ ކާވަހާލް ތަނަވަސްކުރި ފުރުސަތަކުން މަކޯ އެސެންސިއޯ ވަނީ ރެއާލްއަށް ގޯލެއްޖަހައިދީފައެވެ. ނަމަވެސް އެ ގޯލު ޖެހިއިރު އެސެންސިއޯ އޮފްސައިޑް މަގާމެއްގައި ހުރިކަމަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ނިންމައިފައެވެ.

މި ނަތީޖާއާ އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިނަމަވެސް މެޗުގައި ދެއްކި އިތުރުވަގުތުގެ ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ބާސާއިން ގޯލެއް ޖަހައި މެޗުގެ ލީޑުނެގިއެވެ. އެ ގޯލަކީ އަލެހަންޑްރޯ ބަލްޑޭ ނެގި ހުރަހަކުން ފްރޭންކް ކެސީ ކާމިޔާބުކުރި ގޯލެކެވެ.

ބާސާގެ މި މޮޅާ އެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ކުޅުނު 26 މެޗުން އެ ޓީމަށް ވަނީ 68 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް ރެއާލްއަށް 26 މެޗުން ލިބުނީ 56 ޕޮއިންޓެވެ. ލީގުގައި ދެން ބާކީ އޮތީ ކޮންމެ ޓީމަކަށް ވެސް 12 މެޗެވެ.

comment ކޮމެންޓް