ދަރިފުޅުގެ ކަންކަމުގައި ކުރީގެ ފިރިމީހާއާ ދެބަސްވެވޭ ފަހަރުވެސް އާދޭ: މަލައިކާ އަރޯރާ

ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ ދާދިފަހުން ބުނެފައި ވަނީ ދަރިފުޅުގެ ކަންކަމުގައި ކުރީގެ ފިރިމީހާ އަރުބާޒް ޚާންއާ ދެބަސްވެވޭ ފަހަރުވެސް އަންނަ ކަމަށެވެ.

މިހާރު އުމުރުން 20 އަހަރުވެފައިވާ ދަރިފުޅު އަރްހާންގެ ހުރިހާ ކަމެއްގެ ވެސް ޒިންމާތައް ދެ މީހުންނަށް ބަހާލައިގެން ކުރިޔަށް ގެންދާ ކަމަށް ބުނަމުން މަލައިކާ ބުނީ ދެ މީހުންގެ ޚިޔާލު ބައެއްފަހަރު ދަރިފުޅުގެ ކަންކަމުގައި ތަފާތުވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން ބޮޑު މައްސަލައަކަށް ނުހަދާ އެކަމެއް ޙައްލުކުރުމަށް ދެ މީހުން ވެސް މަސައްކަތް ކުރާކަމަށް ޓެލެވިޒަން ސެލެބްރިޓީ ވަނީ ބުނެފައެވެ.

އެކްޓަރު ސަލްމާން ޚާނަށް ބޮޑު ބޭބެކިޔާ އަރްހާނަކީ، މަލައިކާއާއި އަރުބާޒުގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު އަރުބާޒްއާއި މަލައިކާ ކައިވެނިކޮށްފައިވަނީ 1998ގައެވެ. ދެ މީހުންގެ 19 އަހަރުވީ ކައިވެނި ރޫޅާލުމަށް ނިންމި ޚަބަރާއެކު ދެ ފަރާތުގެ ޢާއިލާއިން ވެސް ކަންބޮޑުވުން ފާޅުކުރިކަމަށް މީގެކުރިން މަލައިކާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭރުވެސް ދެ މީހުންގެ ޢާއިލާއިން ވެސް އުއްމީދުކުރިގޮތަށް ދެ މީހުންނަށް އެއްބާރުލުންދިން ކަމަށް މަލައިކާވަނީ ބުނެފައެވެ.

ދެ މީހުން ވަކިވުމަށްފަހު ވެސް ދިރިއުޅުމުގައި އެންމެބޮޑު އިސްކަމެއް ދީފައިވަނީ އަދި މިހާރު ވެސް ދެމުން އަންނަނީ ދަރިފުޅު އަރްހާންއަށް އެކަމުގެ ނޭދެވޭ އަސަރު ކުރިޔަނުދިނުމަށް ކަމަށް މަލައިކާގެ އިތުރުން އަރުބާޒު ވެސް ބުނެފައިވެއެވެ.

އަރްހާންއަކީ، ބޮޑުވަމުން އަންނަ ޒުވާން ކުއްޖެއްކަމުން ޢާއިލާތެރޭގައި ދިމާވާ މިފަދަ މައްސަލަތައް ވަރަށް އަވަހަށް ވިސްނުނު ކަމަށް އަރުބާޒު ވަނީ ބުނެފައެވެ.

މަލައިކާ ބުނެފައިވަނީ މައިންބަފައިންގެ ވަކިވުމަށްފަހު ދަރިންގެ ޒިންމާތައް ބަހާލައިގެން ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިކަމުގައި މުހިއްމީ ޚިޔާލު ތަފާތުވުންތަކާއެކު ވެސް މައްސަލަތަކަށް ޙައްލެއް ހޯދުމަށް އިސްކަންދިނުމަށްކަމުގައި މަލައިކާ ވަނީ ބުނެފައެވެ.

ދަރިފުޅަށް މައިންބަފައިންގެ ފަރާތުން ބޭނުންވާ ސަމާލުކަމަށްވުރެ މުހިއްމުކަމެއް ދިރިއުޅުމުގައި އޮވެގެން ނުވާނެ ކަމަށް ދެކޭކަމަށާއި އެ ސަމާލުކަމާއި ބޭނުންވާ ވަގުތު ދަރިފުޅަށް ދެވޭތީ އުފާކުރާކަމަށް މަލައިކާ ބުނެފައިވެއެވެ.

ޓެލެވިޒަން ޝޯވްތަކުގައި ފަނޑިޔާރެއްގެގޮތުގައި މަސައްކަތްކުރަމުން އަމިއްލަ ޔޯގާ ސްޓޫޑިއޯއެއްވެސް ހިންގާ ބަތަލާ މިހާރު ލޯބީގެގޮތުން ގުޅިގެން އުޅެނީ ޒުވާން އެކްޓަރު އަރުޖުން ކަޕޫރާއެވެ. ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅާއެކު ލޯބީގެގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނުކުރުމާއެކު ޢާއްމުންގެ ގިނަ ބަޔަކު ވަނީ މަލައިކާއަށާއި އަރުޖުންއަށް ފާޑުކިޔާފައެވެ. މިއަދާ ހަމައަށްވެސް މަލައިކާވެސް އަދި އަރުޖުން ވެސް ބުނެފައިވަނީ ޢާއްމުންގެ ތެރެއިން ބަޔަކު މީހުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. އަދި ލޯތްބަކީ ވަކި ޢުމުރަކަށް ބިނާކޮށްވެވޭ އެއްޗެއް ނޫން ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

comment ކޮމެންޓް