ތ. އަތޮޅު ހައިރާން ކޮށްލައިފި، އަމާޒަކީ ގައުމު ތަމްސީލުކުރުން

ތ. އޮމަދޫ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ އުމުރުން 15 އަހަރުގެ މަރިޔަމް ސައްމަ އަބްދުއްސައްތާރު---- ފޮޓޯ/ އާއިލާ

ބޫޓުގެ ނާޑުވާ އައްސާލުމަށްފަހު، ދުއްވައިގަތް ސައްމަގެ ހިތް ވަނީ ޖޯޝުން ފުރިފައެވެ. ބޯޅަ އަތަށް ލިބުމާއެކު ކުޑަކޮށް ފުއްމާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލުގެތެރެއަށް އަމާޒުވެގެން ދިޔަ ގޮތުން އެ ހިތް އުފަލުން ފުރުނެވެ. މިއީ ކުޅިވަރުގެ ޖޯޝާއި ރޫހުން ފުރިފައިވާ، އަދި އެކިއެކި ކުޅިވަރުތަކުން އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައި، އެތައް ބަޔަކު އަޖައިބު ކޮށްލި، ތ. އޮމަދޫ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ އުމުރުން 15 އަހަރުގެ މަރިޔަމް ސައްމަ އަބްދުއްސައްތާރުގެ ވާހަކައެވެ.

ސައްމައަކީ އެންމެ ކުޑައިރުއްސުރެ ވެސް ތަފާތު އެކިއެކި ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ފާޅުކުރަމުން އައި ކުއްޖެކެވެ. ފުރާވަރަށް އަޅައިގެން އައި ސައްމަ، ބަށި ކުޅުމާއި، ވޮލީ ކުޅުމުގެ އިތުރު ހޭންޑް ބޯލް ކުޅުމުގައި ވެސް ދައްކަމުން އައި މޮޅު ކުޅުމުގެ ވާހަކަ ނުދައްކާ މީހަކު އެ ރަށުގައި މަދެވެ.

ކުޅިވަރުން ސައްމައަށް ލިބިފައިވާ ބައެއް ޓްރޯފީތައް---- ފޮޓޯ/ އާއިލާ

ރަށުގައި ބާއްވާ ކުޅިވަރުގެ އެކިއެކި މުބާރާތްތަކުން ފަޚުރުވެރި ވަނަތަކެއް ހޯދަމުން އަންނަ ސައްމަ އެ ހުރިހާ ކުޅިވަރަކުން ވެސް އެންމެ ކުޅޭ ހިތްވާ ކުޅިވަރަކީ ހޭންޑް ބޯލްއެވެ. އެ ކުޅިވަރުން ވެސް ސައްމަގެ ނަން މިއަދު ވިދާލައިފިއެވެ.

މުޅި އަތޮޅުން ވެސް ސައްމައަށް ތައުރީފު

ކޮޅުމަޑުލު އިންޓަ ސްކޫލް ސްޕޯޓްސް ކޮމްޕެޓިޝަން 2023ގައި ކުޅުނު ހޭންޑް ބޯލް މެޗުތަކުން ސައްމަ ދައްކުވައިދިނީ އާދަޔާޚިލާފު ކުޅުމެކެވެ. ފަސް މެޗުން 32 ގޯލު ކާމިޔާބުކޮށްދީ އެ މުބާރާތުގެ ތަށި އޮމަދޫ ޓީމުން އުފުލާލުމުގައި އެ ޓީމުގެ ކެޕްޓަނެއްގެ ރޯލު އަދާ ކުރި ސައްމަގެ ރޯލު ވަރަށް ބޮޑުކަން މިއީ އެންމެންވެސް އިއްތިފާގުވާ ކަމެކެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދައި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ސައްމަގެ ނަން ހިމެނުނެވެ.

އެ މުބާރާތުން އެކަނި ވެސް ކުޅުނު ފަސް މެޗުން ހަތަރު މެޗުގައި އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވޭ--- ފޮޓޯ/ އާއިލާ

އެކަމާ ގުޅިގެން އޮމަދޫ ސްކޫލް ޓީމުގެ ކޯޗު މަރިޔަމް ރިޔާޝާ 'ސަން' އަށް ބުނީ ކޮންމެ ކުޅިވަރަކުން ވެސް ސައްމަ ދައްކުވައިދީފައި ވަނީ ކުޅިވަރަށް ސައްމަގެ ހިތުގައި އޮތް ލޯބި ކަމަށެވެ.

"ސައްމައަކީ ޓީމުގެ އެންމެ ބެސްޓް އެއް ކުޅުންތެރިޔާ. ސައްމަގެ ސަބަބުން އެހެން ކުދިންނަށް ވެސް ވަރަށް ބޮޑަށް ފުރުސަތުތައް ފަހިވެގެންދިޔަ. ސައްމައަކީ އެހެން ކުދިންވެސް މޯޓިވޭޓް ކުރާ ކުޅުންތެރިއެއް. ސައްމައަށް އެނގޭ ކޮންމެ އެއްޗެއް އެހެން ކުދިންނަށް ވަރަށް ބުނެދޭނެ،" ރިޔާޝާ ބުންޏެވެ.

މުބާރާތުގައި ސައްމަ ދައްކުވައިދިން މޮޅު ކުޅުމުގެ ސަބަބުން މިއަދު މުޅި އޮމަދޫގެ ލޯބި ހޯދާފައިވާ ސައްމައަށް އަތޮޅުގެ އެހެން ރަށްރަށުން ވެސް ދަނީ ތައުރީފު އޮހެމުންނެވެ.

އެންމެ ބޮޑު ސަޕޯޓަކީ އާއިލާއާ މުދައްރިސުން

ކުޅިވަރުތައް ކުޅުމާއި ކިޔެވުމުގައި ވެސް ސައްމައަށް އެންމެ ބޮޑު ސަޕޯޓެއް ދެމުން އަންނަނީ އޭނާގެ މައިންބަފައިންގެ އިތުރުން މުދައްރިސުންނެވެ. މަންމައާއި ބައްޕަގެ ނަސޭހަތާއި އިރުޝާދު ސައްމައަށް އަބަދުވެސް ލިބޭއިރު މުދައްރިސުންނާއި ކޯޗުން ދެއްވާ އިރުޝާދުތައް އަބަދުވެސް ހަނދާނުގައި ބަހައްޓަން ސައްމަ ގަދައަޅައި މަސައްކަތް ކުރެއެވެ.

ދުވަހުގެ ޝެޑިއުލް ރޭވުމާއި ކިޔެވުމުގައި ވަގުތު ހޭދަކުރާނެ ގޮތް އަދި ކުޅިވަރުތަކަށް ވަގުތު ހުސްކުރާނެ ގޮތް ސައްމައަށް ކިޔަދިނުމުގައި ސައްމަގެ އާއިލާ އަދާކުރަނީ މުހިއްމު ރޯލެކެވެ. އެގޮތުން ކުޅިވަރު ކުޅުން ނަމަވެސް ކޮންމެ ދުވަހަކު ވެސް ކިޔެވުމަށް ވަގުތު ހޭދަކުރާ ސައްމައަށް އެ ކަންކަމުގައި އާއިލާއިން ދޭ އެއްބާރުލުން ސައްމަ ބަލައިގަންނަނީ އުފަލުން ފުރިފައިވާ ހިތަކާއެކުގައެވެ.

"ކޮންމެ ކަމެއް ކުރިޔަސް، އަބަދުވެސް ވަރަށް ކިޔައިދޭނެ. ކުޅެން އަރާނަމަ އެކަމަށް ތައްޔާރު ކޮށްދޭނެ. ކިޔެވުމުގަ ވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބޭ އާއިލާގެ ފަރާތުން،" ސައްމަ ކިޔައިދިނެވެ.

ކުޅޭ ކޮންމެ ކުޅިވަރަކުން ވެސް ފާހަގަކޮށްލެވޭ ވަނަތަކެއް ދަނީ ހޯދަމުން--- ފޮޓޯ/ އާއިލާ

ސައްމަ ބުނާ ގޮތުގައި މައިންބަފައިންގެ އިތުރުން ސައްމަގެ ހާޝީ ދޮންތިއާއި ރިޔާޝާ މިސް އަދި އާގިޝާ މިސްގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަކީ ސައްމަ އުފަލާއެކު ފާހަގަކުރާ ކަންކަމެވެ.

ސައްމަ ގަބޫލުކުރާ ގޮތުގައި މިއަދު މި ހާހިސާބަށް އައުމުގައި އެ ހުރިހާ އެންމެން ވެސް މުހިއްމު ދައުރެއް އަދާކުރެއެވެ. ޚާއްސަކޮށް ހޭންޑް ބޯލް ކުޅުމުގައި މިއަދު ލިބިފައިވާ ކާމިޔާބީތައް ލިބިފައިވަނީ އެ އެންމެންގެ ސަޕޯޓާއެކުގައި ސައްމަ ފާހަގަކުރެއެވެ.

އަމާޒަކީ އެންމެ އުހުގައި ފިޔަޖާލުން

އެތައް ބައެއްގެ ލޯތްބާއި ތައުރީފު ހޯދަމުން އަންނަ ސައްމަ އެންމެ ވަގުތުކޮޅަކަށް ވެސް އޭނާގެ އަމާޒުގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. ތަފާތު އެކި ކުޅިވަރުތަކުން ވަނަވަނަތައް ހާސިލުކުރުމުގެ އަޒުމުގައި ހުރި ސައްމަގެ އެންމެ ބޮޑު އުއްމީދަކީ ހޭންޑް ބޯލް ކުޅުމުގެ ރޮނގުން ފާހަގަ ކޮށްލެވޭ، ގައުމު ތަމްސީލު ކުރާ ކުޅުންތެރިއަކަށް ވުމެވެ.

ސައްމަ ގަބޫލުކުރާގޮތުގައި އެ ހިސާބަށް ވާސިލުވުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެކަން ހާސިލުކުރުމަށްޓަކައި ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރަން އަތުކުރި އޮޅާލައިގެން ހުރި ސައްމަ ހުރީ އެ ހިސާބަށް ވާސިލުވުމަށްޓަކައި ހުރަސްކުރަން ކުރަންޖެހޭ ކޮންމެ އޮޅިއެއްވެސް ގިރާކުރަން ތައްޔާރަށެވެ. އެކަން ކުރަން އޭނާ ހުރީ ނުގުޑާ އަޒުމެއްގައެވެ.

ތ. އޮމަދޫ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ އުމުރުން 15 އަހަރުގެ މަރިޔަމް ސައްމަ އަބްދުއްސައްތާރު---- ފޮޓޯ/ އާއިލާ

ސައްމަގެ ނަސޭހަތަކީ ކުރާ ކޮންމެ ކަމެއް ވެސް ޝައުގުވެރިކަމާއެކު ކުރުމެވެ. އެއް ފަހަރު ނާކާމިޔާބު ވުމަކީ ދެވަނަ ފަހަރު އެކަން ކުރަން ފަސް ޖެހެންވީ ކަމެއް ނޫން ކަމަށް ސައްމަ ދެކެއެވެ. އެއް މުބާރާތެއްގައި ބައިވެރިނުވެވުމަކީ ދެވަނަ މުބާރާތެއްގައި ބައިވެރިވުމަށް ފަސްޖެހެންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ބުނެއެވެ. ސައްމަ ގަބޫލުކުރާ ގޮތުގައި އެންމެ މުހިއްމީ ކެތްތެރިކަމާއެކު، ހިތްވަރާ އަޒުމާއެކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

ސައްމައަކީ އެތައް ބަޔަކު މިއަދު އެ ކުއްޖަކަށްޓަކައި ފަޚުވެރިވާ ކުއްޖެކެވެ. އެތައް ކުދިންނަކަށް ހުރި ނަމޫނާ މިސާލެކެވެ. ހާސިލުކުރަން ބޭނުންވާ ކަންކަމަށް ގަދައަޅައި މަސައްކަތް ކޮށްފިނަމަ އެކަމެއް ހާސިލު ކުރެވޭނެ ކަން އެތައް ބަޔަކަށް ސައްމަ ދައްކުވައިދީފިއެވެ. ބޭނުންވަނީ ކެތްތެރިކަމާއި، މިންނެތް މަސައްކަތާއި ގަދަ ހިތްވަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް