މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގެ ''ރޫހު'' ގެއްލިފައިވާ ކަމަށް އެ ކުންފުނީގެ އެއް ބާނީ ކަމަށްވާ ކެވިން ސިސްޓްރޮމް ބުނެފިއެވެ.
އޮންލައިން ރިޕޯޓްތައް ބުނާގޮތުގައި، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިސްޓްރޮމް ވަނީ ފާއިތުވި އަހަރުތަކުގައި އިންސްޓަގްރާމްގެ މިސްރާބާއި އޭނާ އިންސްޓާގްރާމް އުފެއްދި މަޤްޞަދު ބަދަލުވި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެހާސްދިހަ ވަނަ އަހަރު ސިސްޓްރޮމް އިންސްޓަގްރާމް އުފެއްދީ މައިކް ކްރިގާއާ އެއްކޮށެވެ. ފޮޓޯއާއި ވީޑިއޯ މެދުވެރިކޮށް ވާހަކަތައް ހިއްސާކުރުމަށާއި ރައްޓެހިންނާއި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފޯކަސް ކުރުމުން އެ ޕްލެޓްފޯމް ވަރަށް އަވަހަށް މަގުބޫލުވިއެވެ. ނަމަވެސް މިހާރު އެ ޕްލެޓްފޯމްއިން އެންމެ ބޮޑު އިސްކަމެއް ދެނީ ފައިސާ ހޯދައި، އިޝްތިހާރު ކުރުމަށް ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު އެ ޕްލެޓްފޯމް ދޫކޮށްލާފައިވާ ކަމުގެ އިހުސާސް ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެއީ ކުންފުނިން އިޝްތިހާރު ކުރުމަށް މާ ބޮޑަށް އިސްކަން ދިނުމުން، އެ ޕްލެޓްފޯމް ބޭނުން ކުރާ އާދައިގެ މީހަކަށް ވުރެ ބޮޑަށް ޕްރޮފެޝަނަލް ކްރިއޭޓަރުންނާއި ކުންފުނިތަކަށް އިސްކަންދެވޭތީ ކަމަށް ސިސްޓްރޮމް ބުންޏެވެ.
މީގެ އިތުރުން ސިސްޓްރޮމް ވަނީ އިންސްޓަގްރާމްގެ މޮނެޓައިޒޭޝަން ޕްރޮސެސްގެ ސަބަބުން ވެސް ނޭދެވޭ ނަތީޖާ ނުކުންނަ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އެ ޕްލެޓްފޯމްގައި އިންފްލުއެންސަރުން ދަނީ އިސްރާފު ބޮޑު، ގިނަ ބަޔަކު އުންމީދުކުރާ ނަމަވެސް ހާސިލް ނުކުރެވޭ ފަދަ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޕްރޮމޯޓް ކުރަމުންނެވެ. މިކަމުގެ ސަބަބުން، އިންސްޓަގްރާމް ބޭނުން ކުރާ އާންމު މީހުންނަށް ވެސް ނޭނގި އެމީހުންގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށްވެސް އޭނާ ބުންޏެވެ.
އެ މައްސަލަތައް ފާހަގަކުރުމަށް ފަހު ސިސްޓްރޮމް ވަނީ، އިންސްޓަގްރާމްއާ ވާދަވެރި އެޕެއް ކަމަށްވާ ބީރިއަލްއަށް ތައުރީފުކޮށްފައެވެ. އެގޮތުން އެއީ ދުރާލާ އެއްވެސް ތައްޔާރީއެއް ނުވަތަ ފިލްޓާއެއް ނެތި ފޮޓޯތައް ހިއްސާ ކުރާ ޕްލެޓްފޯމެއް ކަމަށްވާތީ އެކަމަށް އޭނާ ތައުރީފުކުރިއެވެ.
ދެހާސް ބާރަ ވަނަ އަހަރު އިންސްޓަގްރާމް އެއް ބިލިއަން ޑޮލަރަށް ފޭސްބުކަށް ވިއްކާލިއިރު، ސިސްޓްރޮމް އާއި ކްރިގާ 2018 ވަނަ އަހަރާ ހަމައަށް އިންސްޓާގްރާމް ލީޑް ކުރަމުން ދިޔައެވެ.
އިންސްޓަގްރާމް އުފެއްދި އިރު އެ އެޕްގެ ނަމަކީ "ބާބްން" އެވެ. އޭރު އެއީ އެކި ތަންތަނުގައި "ޗެކްއިން" ކުރުމަށާއި ފޮޓޯ ޕޯސްޓް ކުރުމަށް ފުރުސަތު ދޭ ލޮކޭޝަން ޝެއަރިން ޕްލެޓްފޯމެކެވެ.
ނަމަވެސް އެ އެޕްއަށް މާ ބޮޑު މަގުބޫލުކަމެއް ނުލިބުމުން، ސިސްޓްރޮމް އާއި ކްރިގާ ނިންމީ އެޕްގެ މައިގަނޑު ކަމަކީ ފޮޓޯ ހިއްސާ ކުރުން ކަމަށް ހެދުމަށެވެ.
ދެހާސް ބާރަ ވަނަ އަހަރު އިންސްޓަގްރާމްގެ ޔޫޒަރުން 100 މިލިއަނަށް ވުރެ ގިނަވެފައިވާއިރު، ފޭސްބުކުން ވަނީ އެ ޕްލެޓްފޯމް އެއް ބިލިއަން ޑޮލަރަށް ގަނެ، އެ ޕްލެޓްފޯމްގެ މަގުބޫލުކަމާއި ޔޫޒާ ބޭސް އިތުރުކޮށްފައެވެ. އޭގެ ފަހުން އައި އަހަރުތަކުގައި އިންސްޓަގްރާމް ވަނީ ތަރައްގީވަމުން ގޮސް ސްޓޯރީސް، ރީލްސް، އަދި އައިޖީޓީވީ ފަދަ ފީޗާސްތައް އިތުރުކޮށް، ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި ޖާގަ ހޯދާފައެވެ.