ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ)ގެ ތަފާތު ލޯބީގެ ވާހަކަތައް ކިޔައިދޭ ލަވް މެޝަޕްއަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އެބަދެއެވެ.
ކޮންމެ އަހަރެއްގެ ވެލެންޓައިންސް އާ ދިމާކޮށް ޝަމްވީލް ރިލީޒްކުރާ ލަވް މެޝަޕްގެ ހަތަރު ރެންޑިޝަން އެއް ވަނީ މީގެކުރިން ރިލީޒްކޮށްފައެވެ. އެހެން އަހަރުތަކާ ހިލާފަށް ކުޑަކޮށް ލަސްކޮށް ލަވް މެޝަޕް ނެރުނު ނަމަވެސް އެއަށް އޮތް މަގުބޫލުކަން ކުޑައެއް ނޫނެވެ. ލަވައިގެ އޯޑިއޯ ކުރިން ނެރުނު ނަމަވެސް ވީޑިއޯ ނެރެފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
ޔޫޓިއުބަށް ނެރުނު މެޝްއަޕް މިއުޒިކް ވީޑިއޯއަށް މިހާރު ވެސް ވަނީ 19،000 އަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.
މިފަހަރުގެ ލަވް މެޝަޕްގައި ޝަމްވީލް ވަނީ އިތުރު އާޓިސްޓެއް ފީޗާ ކޮށްފައެވެ. އެގޮތުން މިފަހަރު ޝަމްވީލް ފީޗާ ކޮށްފައިވަނީ އިބްނާ ނަސީރު ނަމަކަށް ކިޔާ ލަވަކިޔުންތެރިއެކެވެ. މި މެޝަޕްގައި ދިވެހި ފަސް ލަވައެއް ހިމެނެއެވެ. އޭގެތެރޭގައި ދިވެހިންނަށް އާންމުކޮށް އަޑުއިވޭ ލަވަތައް ވެސް ހިމެނެއެވެ.
"ލަވް މެޝަޕް 5"ގެ ލަވަތައް ރާވައި އެ ލަވަތައް އެތުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޝަމްވީލެވެ. ލަވައިގެ މިއުޒިކް ވީޑިއޯގައި ޝަމްވީލް އާއި އިބްނާގެ އިތުރުން ދެ ޑާންސަރުން ހިމެނެއެވެ. މި ޑާންސަރުންގެ ކޮރިއޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ ޝަރަފް ނުވަތަ ކުޑަ ރިޗާޑެވެ.
ލަވައިގެ ސިނެމެޓޮގްރަފީގެ މަސައްކަތް އިބްރާހީމް ޝުޖާއު ކުރިއިރު ލަވަގެ ވީޑިއޯ ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު ފައިސަލްއެވެ.