އާނޯލްޑް އަލުން ސްކްރީނަށް، މިފަހަރު ޝޯއަކުން

ވަރުގަދަ އެކްޝަން ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދުވަސްވީ އެކްޓަރު އާނޯލްޑް ޝްވަޒެނޭގާ ފުރަތަމަ ފަހަރަށް ސްކްރިޕްޓެޑް ޝޯއަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

ބޮޑީބިލްޑިންގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އާނޯލްޑް އެކްޓިންގެ ތެރެއަށް ވަދެ ދާއިރާއިން ނިކުމެ ސިޔާސީ ދާއިރާގައި މަސައްކަތްކޮށް ވަނީ އަލުން އެކްޓިން އާ ގުޅިފައެވެ. އަލުން އެކްޓު ކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު އާނޯލްޑުގެ ގިނަ އުފެއްދުންތަކެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެންމެފަހުން މިއޮތީ އާނޯލްޑު އަލުން ފެންނަން ތައްޔާރުވެފައެވެ.

މިފަހަރު އާނޯލްޑު ފެންނާނީ ނެޓްފްލިކްސްގެ އެކްޝަން ކޮމެޑީ ޝޯއެއް ކަމަށްވާ "ފޫބާ" އިންނެވެ. މި ޝޯގައި އާނޯލްޑު ކުޅޭނީ ލޫކް ނަމަކަށް ކިޔާ ސީއައިއޭ އޮޕަރޭޓިިވްގެ ރޯލެވެ.

މި ޝޯގައި މައިގަނޑު ގޮތެއްގައި ފެންނާނީ ލޫކްގެ ދަރިއަށް އޭނާއަކީ ސީއައިއޭ މުވައްޒަފެއްކަން ނޭނގޭނެ ގޮތަށް އެ ވާހަކަ ސިއްރު ކޮށްގެން އުޅޭ ތަނެވެ. އަދި އެ ވާހަކަ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތްތައް ވެސް ޝޯއިން ފެނިގެންދާނެއެވެ.

ފޫބާގައި އާނޯލްޑުގެ އިތުރުން ޖޭ ބަރުޗެލް އާއި މޮނިކާ ބަބޮރޯ އާއި ގެބްރިއެލް ލޫނާ ފަދަ އެކްޓަރުން ފެނިގެންދާނެއެވެ. މި ޝޯ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ.

އާނޯލްޑުގެ ކެރިއަރުގައި ވަނީ ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތަކުން ފެނިގެން ގޮސްފައެވެ. އޭގެތެރޭގައި "ޓާމިނޭޓާ" އާއި "ޕްރެޑެޓާ" އާއި "ކޯނަން ދަ ބާބޭރިއަން" އަދި "ދި އެކްސްޕެންޑެބްލްސް" ފަދަ ފިލްމު ތައް ހިމެނެއެވެ. މި ފިލްމުތަކަކީ މަޝްހޫރު ބޮޑެތި އެކްޝަން ފިލްމުތަކެވެ.

comment ކޮމެންޓް