ރަމަޟާން މަހަށް ތައްޔާރުވުމަށް ގޭތެރެ ފޮޅައި ސާފުކުރުމުގެ ތެރެއިން އުފެދޭ ކުނި މަގުމައްޗާއި ދުވަރުމަތީގައި ބަހައްޓާ މިންވަރު އިތުރުވާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން އީޕީއޭއިން ބުނީ، އެފަދަ ކުނި މަގުމަތީގައި ބަހައްޓާކަން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ދަތިވާނެ ކަމެއް ކަމަށް އެ އެޖެންސީން ބުންނެވެ.
މީގެ އިތުރުން މަގުމަތީގައި ކުނި ބެހެއްޓުމުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެ ރޯގާ އާންމުވާކަން ވެސް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމަށް ވުމުން ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން، ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ)އާ ގުޅިގެން އިންތިޒާމްކުރުމަށް އީޕީއޭއިން ވަނީ ގޮވާލާފައެވެ.
އީޕީއޭގެ ހުއްދައާ ނުލާ އެއްވެސް ތަނަކަށް ކުނި އެޅުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.