"ބައްޕަ ބޭނުންވަނީ ދަރިފުޅު, މައާލްއާ ކައިވެނިކުރަން." މުނީރު ދެން ބުނެލި ވާހަކައަކުން ރާދިންއަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް އެނބުރިގަތްހެންނެވެ.

މުނީރު ބުނީ ރާދިން ކުޑަކޮށްވެސް އުންމީދުކޮށްގެން ހުރި ވާހަކައެއް ނޫނެވެ. އޭނާ މައާލްއާ ކައިވެނި ކުރާނީ ކިހިނެއްހެއްޔެވެ؟ މައާލްއާ މެދު އޭނާގެ ހިތުގައިވަނީ ހަމައެކަނި ޙަމްދަރުދީއެވެ. ލޯތްބޭ ކިޔާ ޖަޒުބާތުގެ ކުޑަ މިންވަރެއްވެސް އޭނާގެ ހިތުގައި މައާލްއާ މެދު ނުވެއެވެ. އޭނާ ލޯބިވާ އެހެން ކުއްޖަކު އެބަހުއްޓެވެ. އޭނާގެ ހިތަކީ ސަޖާގެ މިލްކެކެވެ. އެހެން ނޫނަސް މައާލްއާ އިނދެގެން އޭނާއަށް އުފާވެރި މުސްތަޤްބަލެއް ލިބިދާނެހެއްޔެވެ؟ އެ ހުރިހާކަމެއް އެއްކިބާކޮށްފައި މައާލްގެ ހުރިހާ ހަޤީގަތެއް އެނގި ހުރެ ބައްޕަ އެފަދަ ކަމަކަށް އޭނާގެ ކިބައިން އުންމީދުކޮށްގެންވެސް ނުވާނެ ނޫންހެއްޔެވެ؟

"ކީކޭ ބައްޕާ! އަޅުގަނޑު މައާލްއާ ކިހިނެއް؟ ބައްޕައަށް އެނގެއެއްނު މައާލް އަކީ..."

"ބައްޕައަށް އެނގެޔޭ، މައާލްއަކީ ލޯފަން ކުއްޖެއްކަން. އަދި މައާލްގެ ލޯ ރަނގަޅުވާން އެއްވެސް އުންމީދެއް ނެތްކަންވެސް. އެކަމަކު..." ރާދިންގެ ވާހަކަ ހުއްޓުވާލާފައި މުނީރު ވާހަކަ ދެއްކިއެވެ.

"ތިކަންތައް އެކަންޏެއް ނޫނޭ ބައްޕާ! މައާލްއަކީ ދޮންބެ ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ އަންހެންކުއްޖާއޭ. މައާލްއާ ދޮންބެގެ ކައިވެނި އެއީ މާކުރިން ހަމަޖެހިފައޮތް ކަމަކޭ. ދެން އަޅުގަނޑު ކިހިނެއް؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"އެހެންވީމައޭ ބައްޕަ ބޭނުންވަނީ ދަރިފުޅާ މައާލްގެ ކައިވެނި ކުރުވަން. މައާލްއަކީ މިއަދު ބައްޕަމެންގެ އަމާނާތެކޭ." މުނީރު ބުނެލިއެވެ. މުނީރުގެ އެވާހަކައިން ރާދިން ހިތްހަމަނުޖެހުނެވެ. އެކަންކުރެވެން ނެތްކަމަށް ބުނެ ރާދިން އެތަނުން ދާން ބޭނުންވިނަމަވެސް އޭނާ އަދިވެސް ބައްޕައަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ލޯބިނުވާ މީހަކާ ކައިވެނިކޮށްގެން އުޅޭނީ ކިހިނެއްހޭވެސް ރާދިން އެހިއެވެ.

"އެކުގައި އުޅެން ފެށީމަ ލޯބިވެވޭނެ ރާދިން. ރާދިންއަށް އެނގޭތަ؟ މިއަދު ރާދިންގެ މަންމަ ދުނިޔޭގައި ހުރިނަމަވެސް ރާދިންގެ މަންމަވެސް އެދޭނީ ހަމަ މިގޮތަށް. މައާލް މިއާއިލާއާ ގުޅުވުން އެއީ ފަހުމާއާއި، އަދި ޚުދު ރާދިންގެ މަންމަ ޝަމްލާގެވެސް ވަސިއްޔަތެއް. މައާލް ނޭނގޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން އެއިން އެކަކުވެސް ބޭނުމެއް ނުވޭ!" މާޒީގެ ހަނދާންތައް އާކުރަމުން މުނީރު ބުނެލިއެވެ.

"ބައްޕާ! އެކަމަކު..." ރާދިން އެކަމާ ދެކޮޅު ހެދިއެވެ. އޭނާއަށް މައާލްއާ އެކު ނޫޅެވޭނެކަމުގައި ރާދިން ބުނެލިއެވެ. އަދި އެ ދެމީހުން ކައިވެނިކުރިއެއްކަމަކު ދެމަފިރިންހެން އުޅުމަކީ ނާދިރުކަމެއްކަމުގައި ރާދިން ބުންޏެވެ. އެވަގުތު އޭނާގެ ލޯބިވެރިއެއް ހުންނަކަމުގައި ބުނަން އޭނާގެ ޒަމީރު ގޮވަމުން ދިޔަނަމަވެސް، އެ ބަސްތައް ދުލު ކުރިއަށް ގެންނާކަށް ރާދިންއަކަށް ހިތްވަރެއް ނުލިބުނެވެ. މުނީރު ވެސް ހުރީ ގޮތް ދޫކުރާ ގޮތަަކަށް ނޫނެވެ.

"ބައްޕާ! މައާލް އަޅުގަނޑާ ކައިވެނި ނުކުރިއެއްކަމަކު މިގޭގައި އުޅެވޭނެއެއްނު. މިއީ މައާލްގެ ވެސް ގެއެއްނު. އެހެންނޫނަސް އަދި އިހަށްދުވަހު މައާލްއާ އަޅުގަނޑާ ދިމާވީ. އެކަކު އަނެކަކަށް ނުވެސް އެނގެއެއްނު. ދެން ކިހިނެއް އުޅޭނީ؟ ބައްޕަ މައާލްއާ މިވާހަކަ ދައްކައިފިންތަ؟ މައާލް އެއްބަސްތަ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"މައާލްއާ މެދު ދަރިފުޅު ކަންބޮޑުނުވޭ! މައާލް މިކަމާ އެއްބަސްވާނެ!" މުނީރު ޔަޤީންކަމާއެކު ބުނެލިއެވެ. ރާދިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މުނީރު ކިތަންމެ ވަރަކަށް ވާހަކަ ދެއްކިނަމަވެސް، އެކަމާ އޭނާއަކަށް އެއްބަހެއް ނުވެވޭނެއެވެ. އޭނާއަށް މައާލްއާ ކައިވެންޏެއް ނުކުރެވޭނެއެވެ. މައާލްވެސް އެ ގުޅުމާ މެދު އެއްބަސްވެގެން ނުވާނެއެވެ. މުނީރު އެ ވާހަކަ މައާލްއާ ދެއްކުމުގެ ކުރިން އޭނާ މައާލްއާ ވާހަކަ ދައްކަން ބޭނުމެވެ. މައާލް އެ ގުޅުމަށް އެއްބަސްވެގެން ނުވާނެއެވެ.

"ބައްޕާ! އަޅުގަނޑު ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް." މުނީރު ތަކުރާރުކޮށް އެއް ވާހަކައެއް ދައްކަމުން ދިޔައީތީ ރާދިން ރުންކުރުވާގޮތްވިއެވެ. އެންމެ ފަހުން އޭނާގެ އެތެރެހަށީގައި އުތުރިއަރަމުން ދިޔަ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވި ރާދިންއަށް ބުނެވުނެވެ. އްޑު ހަރުކޮށް ބައްޕައާ ވާހަކަ ދެއްކުމަކީ ރާދިންގެ ސިފައެއް ނޫންނަމަވެސް، މިއަދު އޭނާއަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވީއެވެ. ރާދިން ފަސް އެނބުރުމުން މުނީރު ރާދިންއަށް ގޮވައިލިއެވެ. ރާދިން މަޑުޖެހިލިނަމަވެސް، އޭނާ ފަހަތް ބަލައެއް ނުލިއެވެ.

"މީ ބައްޕަގެ އެންމެ ފަހުގެ ނިންމުން. މި ނިންމުން ބަދަލެއް ނުވާނެ! ދަރިފުޅު ޖެހޭނީ މި ކައިވެނި ކުރަން." މުނީރުގެ އަޑުވެސް ހަރުކަށިވެގެން ދިޔައެވެ. ރާދިން އެއްޗެއް ބުނަން ގަސްތެއް ނުކުރިއެވެ. މުނީރުއާ މެދު އޭނާގެ ހިތުގައި އުފެދުނު ރުޅިވެރިކަން މައާލްއާ ދިމާލަށް މިސްރާބު ޖަހަން ފެށިއެވެ. އެ ހުރިހާކަމަކީ މައާލްގެ ކުށްކަމުގައި ރާދިންގެ ސިކުނޑި އޭނާއަށް ވިސްނައިދެމުން ދިޔައެވެ.

ރާދިން ޓެރެސްއިން ފައިބައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ކޮަޓަރިއަށް ވަދެ ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ކޮފީ ޖޯޑު ބެހެއްޓި އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައެވެ. އޭނާ ހުރީ ރުޅިއައިސްގެން ހަލާކުވާން ކައިރިވެފައެވެ. ކައިވެންޏަކީ މައިންބަފައިންނަށް މަޖުބޫރުން ކުރުވޭނޭ ކަމެއް ނޫނެވެ. ކައިވެނި ކުރަން ޖެހޭނީ ތިމާ ލޯބިވާ މީހަކާއެވެ. ތިމާއާ އެކަށީގެންވާ އުފާވެރި މުސްތަޤްބަލެއް ބިނާކުރެވޭނޭ މީހަކާއެވެ. މައާލްއަކީ އެ ޤާބިލްކަންވެސް ހުރި ކުއްޖެއް ނޫނެވެ. ބައްޕައަށް އެކަން އެނގި ހުރެ އޭނާގެ ޙަޔާތް ބަރުބާދުކޮށްލަން އެ އުޅެނީ ކީއްވެހެއްޔެވެ؟ މައާލްއާ މެދު އޭނާގެ ހިތުގައި އުފެދުނީ ހަމައެކަނި ޙަމްދަރުދީއެވެ. އޭގެ މާނައަކީ އޭނާ މައާލްއާ ކައިވެނިކުރުންހެއްޔެވެ؟ ނޫނެކެވެ. ރާދިން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ.

އޭނާ މައާލްއާ ކައިވެނިކޮށްފިނަމަ ސަޖާއަށް ވާނީ ކިހިނެއްހެއްޔެވެ؟ ބައްޕަގެ އެ ނިންމުން ބަދަލުނުކުރާނެކަން ރާދިންއަށް އެނގެއެވެ. ދެން އޮތީ މައާލްއެވެ. މައާލް އެ ގުޅުމަށް އެއްބަސްވެއްޖެނަމަ ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންތައް މުނީރު ރާވާނެކަން ވެސް އޭނާއަށް އެނގެއެވެ. މުނީރު ދެކެ ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް، ރުޅިއައިސްގެން ގެއިން ނުކުމެގެން ދާނެހާ ހިތްވަރެއް ރާދިންގެ ނެތެވެ. އެހެން ހުއްޓާ އޭނާާގެ ފޯނު ރިންގްވުމާއެކު ރާދިން ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ ސަޖާއެވެ. ސަޖާގެ ފޯނު ނަގާނެހާ ހިތްވަރެއް ރާދިންގެ ނެތެވެ. އޭނާގެ ހަނދާނަށް އަންނަން ފެށީ މައާލްގެ ސޫރައެވެ. ހިތުގައި ރުޅިވެރިކަން އުތުރި އަރަން ފެށި ރާދިން ފޯނުވެސް ސޯފާމައްޗަށް އެއްލައިލުމަށްފަހު، ކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ. ސިކުނޑީގައި ގުގުމަމުން ދިޔައީ މުނީރުގެ ވާހަކަތަކެކެވެ. ސިޑިން ފޭބި ގޮތަށް ރާދިން މިސްރާބުޖެހީ މައާލްގެ ކޮޓަރިއާ ދިމާލަށެވެ. އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި ރާދިން އެތެރެއަށް ވަތްއިރު މައާލްއަށް އޮތީ ނިދިފައެވެ. އެނދުކައިރިއަށް ގޮސް ހުއްޓިފައި ރާދިން މައާލްގެ މޫނަށް ބަލައިލުމާއެކު، އޭނާގެ ރުޅިގަނޑު ހިނދުކޮޅަކަށް ނަމަވެސް ފިނިވިއެވެ. މައާލްގެ މޫނުމަތިން އޭނާއަށް ފެންނަނީ މައުސޫމްކަމެވެ. ނިދާފައި އޮތްނަމަވެސް މައާލްގެ ދެލޯ ކައިރީގައި ހުރި ދުޅަކަން އޭނާއަށް ފާހަގަވިއެވެ. މައާލްގެ ތެމިފައިވާ ދިގު އެސްފިޔަތައް ހެކިދެނީ މައާލް ރޮއިފައިވާކަމެވެ. ނިދާފައި އޮތްނަމަވެސް، އެމޫނުމަތިން ފެންނަމުން ދިޔައީ ހިތް ހަލާކުވާފަދަ އަސަރުތަކެކެވެ. މައާލްގެ ފަން އިސްތަށިގަނޑުން އެއްބައި އޭނާގެ މޫނުމައްޗަށް އެޅިފައިވެއެވެ. ރާދިންއަށް އޭނާގެ ކަނާއަތް އުފުއްލާލެވުނީ ބޭއިޚްތިޔާރުގައެވެ. މައާލްގެ އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު އަދިވެސް އެއްފަހަރު އޭނާ އެމޫނަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ކޮންފަދަ މައުސޫމްކަމެއް ހެއްޔެވެ؟

ނަމަވެސް ދެވަނަ ސިކުންތުގައި ރާދިންގެ ކަންފަތުގައި ގުގުމަން ފެށީ، އޭނާގެ ބައްޕަގެ ޖުމްލަތެކެވެ. އޭނާގެ މަޖުބޫރީ ޙާލަތު ވިސްނުމާއެކު ރާދިންގެ ރުޅިގަނޑު ހިލުނެވެ. ކުއްލިއަކަށް މައާލްގެ އަތުގައި ހިފާ އޭނާ، އެނދުން މައާލް ނެގިއެވެ. މައާލްގެ ހަޅޭކުގެ އަޑާއެކު ރާދިންއަށް ސިހުން ލިބުނެވެ.

"ކާކު؟ ކާކުތަ؟" މައާލްގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާއަށް ރޮވެން ވެސް ފެށުނެވެ.

"މީ އަހަރެން. ރާދިން..." ރާދިން މައާލްގެ ދެ އަތުގައިހިފާ އޭނާއާ ކައިރިކޮށްލިއެވެ. ރާދިންގެ ހޫނު ނޭވާތައް މައާލްގެ މޫނަށް އެޅެން ފެށުމާއެކު ތެޅިގަނެފައި ދުރަށް ދާން މައާލް މަސައްކަތް ކުރިނަމަވެސް، ރާދިން އެ ފުުރުސަތެއް އޭނާއަކަށް ނުދިނެވެ.

"ރާ... ރާދިން! ކީއްކުރަނީ ތީ؟ އަހަރެން އަތުން ދޫކޮށްލާ!" ކަންބޮޑުވެފައި ހުރި މައާލް ތުރުތުރުއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

"ނުކުރާނަން ދުލެއް. ކީކޭ މައާލްގެ ހިތަށް އަރަނީ؟" އެއީ މައާލްގެ ކުށެއް ނޫންކަމުގައި އޭނާގެ ޒަމީރު ވިސްނައިދެމުން ދިޔަނަމަވެސް، މުނީރު ދެކެ އައިސްފައިހުރި ރުޅި ރާދިންއަށް ބޭލެމުން ދިޔައީ މައާލްއަށެވެ. އެއީ ރަނގަޅުގޮތެއް ނޫންކަން ޚުދު ރާދިންއަށް ވެސް އެނގެއެވެ.

"ތަދުވެޔޭ... ރާދިން... ކިހިނެއްވީތަ؟ އަހަރެންގެ އަތުން ދޫކޮށްލާ!" މައާލް ރޮމުން ދިޔައެވެ. ރާދިން ހިފައްޓާފައިހުރިލެއް ބާރުކަމުން އޭނާއަށް ތަދުވަމުން ވެސް ދިޔައެވެ.

"މައާލް އަހަރެންގެ ބައްޕަ ކައިރީގައި ކީކޭ ކިޔައިގެންތަ ތިއުޅެނީ؟" މައާލް އެއްވެސް ވާހަކައެއް ނުދައްކާކަން އެނގުނުނަމަވެސް އައިސްފައި ހުރި ރުޅިން ރާދިންއަށް ބުނެވުނެވެ.

"އަހަރެން އެއްވެސް ވާހަކައެއް ނުދައްކަން. ހަމަ ހުވާ! ކިހިނެއްވީތަ؟" މައާލްއަށް ވާނުވާއެއް ނޭނގުނެވެ.

"މައާލްއަށް ހީވަނީތަ ތި މައުސޫމްކަން ދައްކައިގެން އަހަންނާ އިނދެވޭނެކަމަށް..." ރާދިން ބުނެލި ވާހަކައަކުން މައާލްއަށް ސިހުން ލިބިގެން ދިޔައެވެ.

"އިންނަންނޭ؟ އަހަރެން ނޫޅެން..." ހައިރާންކަމާއެކު މައާލްއަށް ސުވާލުކޮށްލެވުނެވެ.

"އާނ. އިންނަންނޭ. އަހަރެންގެ ބައްޕަ އުޅެނީ އަހަންނާ މައާލްގެ ކައިވެނިކުރުވަން. އެހެންވެ މިއަހަނީ މައާލް ކީކޭ ކިޔައިގެންހޭ ތިއުޅެނީ... އެއްވެސް ކަމެއް ނޭނގޭ ކަމަކަށް ހަދާނެ ކަމެއް ނެތް. މިކަމަށް ދެކޮޅު ހަދާ މައާލް. އަހަންނާ އިން ނަމަވެސް، މައާލްއަށް އެއްވެސް އުފާވެރިކަމެއް ނުލިބޭނެ!" ރާދިން ހަރުކަށިކަމާއެކު އެހެން ބުނެލުމަށްފަހު މައާލްގެ ދެލޮލަށް ބަލައިލިއެވެ. މައާލްގެ ދެލޮލުން އޭނާއަށް ފެންނަނީ ބިރާ ސިހުމުގެ އަސަރުތަކެވެ. އޭނާ ދައްކަމުން އެ ދިޔަ އެއްވެސް ވާހަކައެއްގެ ހިލަމެއް މައާލްއަށް ނުވާކަން އެ ދެލޮލަށް ބަލައިލުމުން އެކަނިވެސް ރާދިންއަށް އެނގެއެވެ. އެހެންނަމަވެސް އައިސްފައި ހުރި ރުޅިން އޭނާގެ އަމިއްލަ ޖަޒުބާތުތަކާ އިޙްސާސްތައް ރާދިންއަށް ކިޔަމަންކުރުވޭ ގޮތެއް ނުވިއެވެ. މައާލްގެ އެ ފުން ދެލޮލަށް ބަލަހައްޓައިގެން ރާދިންއަށް އިރުކޮޅަކު ހުރެވުނެވެ. އެ ދެލޮލުން ފެނުނު އަސަރުތަކުގެ ސަބަބުން އޭނާގެ ހިތަށް ޜަހުމް ވަނެވެ. މައާލްގެ މޫނަށް ބަލަން ރާދިންއަށް ހުރެވުނުއިރު، އިތުރު އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އަމިއްލަ ނަފްސުވެސް ކޮންމެވެސް ވަރަކަށް ކުށްވެރިކުރެވުނެވެ. އިތުރަށް މައާލްގެ ދެލޮލަށް ބަލަން ކެތް ނުކުރެވި ރާދިން މައާލްގެ ދެއަތުން ދޫކޮށްލާ އެނދުމައްޗަށް މައާލް ކުޑަކޮށް ކޮށްޕައިލުމަށްފަހު، އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ދޮރު ބަންލާފައި ލައްޕައިލި އަޑަށްވެސް މައާލް ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު