އަދިތީ ރާއޯގެ ވެބް ސީރީސް ''ޖުބިލީ'' އޭޕްރީލް 7ގައި އެމޭޒަންއަށް

ވިކްރަމް އަދިތްޔަ މޮތުވާނޭ ޑައިރެކްޓްކޮށް އަދިތީ ރާއޯ މުހިއްމު ރޯލަކުން ފެންނަ ވެބް ސީރީސް "ޖުބްލީ" އޭޕްރީލް 7ގައި އެމޭޒަން ޕްރައިމްއިން ޕްރިމިއާކުރަން ނިންމައިފިއެވެ.

ދިހަ އެޕިސޯޑު ހިމެނޭ މިވެބް ސީރީސްއަކީ ހިންދީ ސިނަމާގެ ރަންޒަމާން ދައްކުވައިދޭ ވަރަށް ހިތްގައިމު ވާހަކަތަކެއް ކިޔައިދޭ ސީރީސްއެކެވެ. އަންދޮލަން ފިލްމްސްއާއި ރިލަޔަންސް އެންޓަޓެއިންމެންޓް ގުޅިގެން ގެނެސްދޭ މިސީރީސްއަކީ މިއަހަރު އެމޭޒަންއިން ޕްރިމިއާކުރާ ސީރީސްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ވެބްސީރީސްއެވެ.

ބަތަލާ އަދިތީ ރާއޯގެ އިތުރުން "ޖުބިލީ"ގެ ކާސްޓުންގެތެރޭގައި ހިމެނެނީ އެކްޓަރު ރާމް ކަޕޫރު، އަޔުޝްމަން ކުރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކުރާނާ އާއި ވާމިޤާ ގައްބީއެވެ.

"ޖުބިލީ"ގެ ޑައިރެކްޓަރު ވިކްރަމް އަދިތްޔަ ބުނެފައިވަނީ ހިންދީ ސިނަމާގެ ރަން ޒަމާނުގެ ވާހަކަތައް ކިޔައިދޭ މިސީރީސްއިން އޭރު ސިނަމާގެ ފިލްމުތަކުގެ ކާމިޔާބީތަކާ ގުޅުވައިގެން އުފާފާޅުކުރުން އޮންނަގޮތާއި އޭރު ފިލްމުތަކުގައި މަސައްކަތްކުރާ ޓެކްނިކަލް ޓީމުން ފެށިގެން ފިލްމުތަކުގެ ބަތަލާއިންގެ ދިރިއުޅުން ހޭދަކުރާގޮތް ސީރީސްއިން ފެންނާނެ ކަމަށެވެ. ހަމައެއާއެކު ފިލްމީ ދާއިރާއާ އަލަށް ގުޅެން ބޭނުންވާ ފަރާތްތަކުން ކޮށްފައިވާ ތަޖުރިބާތައްވެސް މިސީރީސްއިން ފެންނާނެކަމަށް ޑައިރެކްޓަރު ވިކްރަމްވަނީ ބުނެފައެވެ.

މިސީރީސްގެ އެންމެ މުހިންމު ރޯލުން ފެންނަ ބަތަލާ އަދިތީ ރާއޯއަކީ މިހާރަކަށްއައިސް ގިނަ ވެބް ސީރީސްތަކުން ފެންނަ ބަތަލާއެކެވެ. ބައެއް ފިލްމުތަކުން ވަރަށް މުހިންމު ރޯލްތަކުން އޭނާ ފެންނަ އިރު، އެންމެފަހުން ފެނިފައިވަނީ ޒީ5އިން ދެއްކި ވެބް ސީރީސް "ތާޖް: ޑިވައިޑެޑްބައި ބްލަޑް"އިންނެވެ.

އެ ސީރީސްއަކީ 16ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރި އަކްބަރު ނަމަކަށްކިޔާ ރަސްގެފާނުގެ ދިރިއުޅުމުގެ ވާހަކަތަކާއެކު އޭރު ރަސްކަންކުރިއަށްދިޔަ ވާހަކަތައް ކިޔައިދޭ ވެބް ސީރީސްއެކެވެ.

"ޖުބިލީ"އަށްފަހު އަދިތީ ރާއޯ އެންމެ އަވަހަށް ފެންނާނީ ޑައިރެކްޓަރު ސަންޖޭލީލާ ބަންސާލީއާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ "ހީރާމަންޑީ" ސީރީސްއިންނެވެ.

comment ކޮމެންޓް