އާޔުޝް ޝަރްމާގެ ފިލްމުގެ ބައެއް އަޒަރުބައިޖާންގައި ޝޫޓްކޮށްފި

ދާދިފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި ޒުވާން އެކްޓަރު އާޔުޝް ޝަރްމާ --

ދާދިފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި ޒުވާން އެކްޓަރު އާޔުޝް ޝަރްމާ މިހާރު މަސައްކަތްކުރަމުންދާ ފިލްމުގެ ބައެއް އަޒަރުބައިޖާންގައި ޝޫޓްކޮށްފިއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމަށް މިވަގުތަށް ދީފައިވާ ނަމަކީ "އޭއެސްއޯ4"އެވެ. އާޔުޝްގެ މި ފީޗަ ފިލްމުން ބަތަލާގެ ރޯލުން ފެންނާނީ ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ބަތަލާ ސުޝްރީ މިޝްރާއެވެ.

އާޔުޝްގެ އަމިއްލަ އިންސްޓަގްރާމްގައި އޭނާ ވަނީ ފިލްމުގެ ޝެޑިއުލް ނިންމާލިކަމަށް ބުނެ، އެއީ ވަރަށް ފިނި މާހައުލެއްގައި ކުރިޔަށްދިޔަ ޝޫޓިންގްތަކެއްކަމަށް ބުނެފައެވެ.

ތެލުގޫ އެކްޓަރުންތަކެއް ހިމެނޭ މިފިލްމަކީ، ފިލްމު "ހަންގާ" އާއި "ތޭރޭ މޭރޭ ޕޭރޭ"ފަދަ ފިލްމުތައް ގެނެސްދީފައިވާ ކަތްޔާޔަން ޝިވްޕޫރީގެ ޑައިރެކްޝަނެކެވެ.

ފިލްމު "ލަވްޔާތްރީ"އިން 2018ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި އާޔުޝް އަކީ، އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާއެވެ. މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ސަލްމާންގެ ފިލްމު "ކިސީކާ ބާއި، ކިސީކީ ޖާން"ގެ ރޯލެއްވެސް އާޔުޝްއަށް ލިބުނެވެ. އެހެންނަމަވެސް އެފިލްމުގައި ކުޅެން ލިބުނު ރޯލް ކުޑަކަމުން އާޔުޝްވަނީ ފަހުން ފިލްމު ދޫކޮށްލާފައެވެ.

އާޔުޝްގެ ފުރަތަމަ ފިލްމު "ލަވްޔާތްރީ"އަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފިލްމުގެ މިއުޒިކްވެސް އާންމުންގެތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

ޑައިރެކްޓަރު ކަތްޔާޔަންގެ ފިލްމުގެ އިތުރުން އާޔުޝްވަނީ "ކްވާތާ" ނަމަކަށްކިޔާ ފިލްމަކަށްވެސް ސޮއިކޮށްފައެވެ. އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ މިފިލްމުން އާޔުޝްއާއެކު ފެންނާނީ ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފްއެވެ. މިފިލްމުގެ މަސައްކަތް ފެށިފައިވާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހާމައެއްނުކުރެއެވެ. އާޔުޝް އެންމެފަހުން ފެނިފައިވަނީ ސަލްމާން ޚާންގެ ފިލްމު ކުންފުނިން ގެނެސްދިން "އަންތިމް"އިންނެވެ.

comment ކޮމެންޓް