އޮފް ދުވަހު އަބަދު ވެސް ހޭލެވެނީ މާ އަވަހަށް ދޯ؟، ސަބަބު މިއޮތީ!

ބުރަ ހަފުތާއެއް ފެށުމުގެ ކުރީން ވެސް އިންތިޒާރު ކުރެވެން ފަށަނީ ހަފުތާ ނިމޭނެ ދުވަހަކަށެވެ. މުޅި ހަފުތާގައި މަސައްކަތާއި އެހެން ކަންތައްތަކާ ގުޅިގެން އަބަދު އޮންނަނީ ނިދި ގެއްލިފައެވެ. ހަފުތާ ބަންދަށް އިންތިޒާރު ކުރަނީ އެ ނިދި ހަމަކޮށްލާނެ ގޮތެއް ހޯދާށެވެ. ނަމަވެސް ދުވަހަކު ވެސް އެހެން ވޭ ހެއްޔެވެ؟

ގެއްލޭ ނިދި ހަމަކުރަން ބަންދު ދުވަހު ރަނގަޅަށް ނިދަން ގިނަ ބަޔަކު ބޭނުންވެއެވެ. ހިތު ލައިގެން ތިބޭނީ އަވަހަށް ނުހޭލައި ގިނަ އިރު ނިދާށެވެ. ނަމަވެސް އެކަމެއް ނުވެއެވެ. ކިތަންމެ ނިދަން ބޭނުން ވިޔަސް އޮންނާނީ އަމިއްލަ އަށް ހޭލެވިފައެވެ. އަދި ގިނަ ފަހަރަށް އެހެން ދުވަސްތަކަށް ވުރެ އަވަހަށް ހޭލެވެއެވެ.

ސްކޫލަށް ނުވަތަ އޮފީހަށް ނުކުންނަ ދުވަސްތަކުގައި ހެނދުނު ތައްޔާރުވެގެން ދިއުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ކުރިން ނިދައިގެން އޮފީހަށް ދާން އުޅުނަސް ހެނދުނު ނިދި ހަމަވާ ގޮތެއް ނުވެއެވެ. ނިދި ހަމަ ނުވިތާ އެލާމް އަޅައި ފޯނު ނިވޭއިރު ވެސް ނިދައިން ހޭލުމަކީ އެހާ އުނދަގޫ ކަމަކަށް ވެއެވެ.

ނަމަވެސް ބަންދު ދުވަހު އެލާމް އެޅުމުގެ މާ ކުރީން ހޭލެވޭނެއެވެ. ދެން އަނބުރާ ނިދަން ދާކަށް ވެސް ފަސޭހައެއް ނުވެއެވެ. ނިދަން ބޭނުންވާ ދުވަހު ހޭލެވޭއިރު ހީވަނީ ނިދި ހަމަވެފައި ހުންނަ ހެނެވެ. އެއީ ކިތައްމެ މައިރާ ހޭލެވުނު ކަމަށް ވިޔަސްއެވެ.

ބަންދު ދުވަސް ޖެހޭ އިރަށް އެހެން ދުވަސްތަކުގައި ހޭލާ ވަގުތަށް ވުރެ މާ އަވަހަށް ހޭލެވޭނެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ނިދުމުގައި ހޭދަކުރި ނަމަވެސް ހޭލާ އިރު ހުންނާނީ ނިދި ހަމަ ވެފައެވެ. މިކަން ތަޖުރިބާ ކޮށްފައިވާ މީހުންގެ އަދަދު ހަމަ ގައިމުން ވެސް މަދެއް ނުވާނެއެވެ.

މިކަމުގެ ފަހަތުގައި ސައިންސެއް ވާކަމަށް ބުނެފި ނަމަ އެކަން ގަބޫލު ކުރާނަން ހެއްޔެވެ؟ އެމެރިކާގެ ސްލީޕް ފައުންޑޭޝަނުން ބުނާގޮތުގައި ނިންޖާއި "ސާކޭޑިއަމް ރިދަމް" ކިޔާ އެއްޗަކާ ގުޅުމެއް އެބަ ވެއެވެ. މިއީ އިންސާނާގެ "އެތެރޭގެ ގަޑި" އާ ގުޅުން ހުރި ކަމެކެވެ.

އެތެރޭގެ ގަޑި ނުވަތަ "އިންޓާނަލް ކްލޮކު" އަކީ އިންސާނުންގެ ނިންޖާއި ހޭލުމުގެ އާދަތައް ރާވައި ބެހެއްޓުމުގައި މަސައްކަތްކުރާ ސިސްޓަމެކެވެ. މި ސިސްޓަމް ބޮޑަށް ބަރޯސާ ވަނީ އިރުގެ އަލިކަމަށެވެ. ދުވާލު ގަޑީގައި ހޭލައި ހުރެ ރޭގަނޑުވުމުން ނިދި އައުމަށް ހަށިގަނޑު ބުނެދޭ ސިސްޓަމަކީ އިންޓާނަލް ކްލޮކެވެ.

މި ސިސްޓަމަކީ އާންމުކޮށް ނިދީގެ އިތުރުން އިންސާނާގެ ހަކަތަ ހުންނަ ވަރާއި ބަނޑުހައިވުމާ ވެސް ގުޅޭ ކަމެކެވެ.

ގިނަ ފަހަރަށް އާންމުކޮށް އެއްކަމެއް ތަކުރާރުކޮށް ކުރަން ޖެހުމަކީ އިންސާނާ ފޫހިވާ ކަމެކެވެ. އެހެންވީމާ މި "ގަޑި" ގިނަ ފަހަރަށް ސިގްނަލް ދެނީ ވަރުބަލިވެފައި ހުންނަ ގޮތަކަށެވެ.

ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އޮފީހަށް ދިޔުމަކީ ގިނަ ބަޔަކު ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންވީމާ މުޅި ދުވަހު ވަރުބަލިވެ ނިދި އައިސް ހުންނާނެއެވެ. ނަމަވެސް ބަންދު ދުވަހަކީ މީހާ މުޅިން ރިލެކްސްކޮށްލައިދޭ ކަމެކެވެ. މިއީ އަމިއްލަ ނަފުސަށް ލިބޭ ވަގުތެވެ. ބަންދު ދުވަހަކީ ބައެއްގެ ކަންތައްތަކެއްގެ ބަދަލުގައި އަމިއްލަ ބޭނުންވާ ކަންތައްތައް ކުރަން ވަގުތު ލިބޭ ދުވަހެކެވެ.

އެ ސަބަބާ ހުރެ، ބަންދު ދުވަސް އަންނަ އިރަށް ގިނަ ފަހަރަށް އެ ދުވަހަށް ތިބެވެނީ އިންތިޒާރު ކޮށްލަކޮށްލައެވެ. އެހެންވީމާ މުޅި މީހާ ހުންނަނީ ވަރަށް "އެކްސައިޓެޑް" ވެފައެވެ. ނަތީޖާއެއްގެ ގޮތުން، ގަޑި ހަމަވަންދެއް ނުނިދިޔަސް ހަމަޖެހިލައިގެން ނިދިން ހޭލެވޭނެއެވެ.

މަޖުބޫރުވެފައިވާ ކަމަކަށް ތެދުވަން ނުޖެހުމުން މީހާއަށް ލިބޭ ހަމަޖެހުމަކީ ފަސޭހައިން ހޭލެވެން ދިމާވާ ސަބަބަށް ވެދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު